އަލްޖީރިޔާގައި ކުޅުނު އެފްރިކަން ނޭޝަންސް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތަށި އާދީއްތަ ދުވަހުގެ ރޭ ސެނެގޯލް ހޯދައިފިއެވެ. ފައިނަލްގައި އަލްޖީރިއާއާ ވާދަކޮށް އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހި އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން ސެނެގޯލް ކުރި ހޯދީ ފަހެއް ހަތަރަކުންނެވެ.
އަލްޖީރިއާގެ ވެރިރަށުގައި ގާތްގަޑަކަށް ސާޅީސް ހާސް މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާ އުފައްދައިގެން މޮޅަށް ކުޅުނީ އަލްޖީރިއާއެވެ. އަލްޖީރިއާ ފައިނަލަށް ދަތުރުކުރީވެސް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ބައިކޮޅަށް އެންމެ ގޯލެއްވެސް ވަނުމަކާ ނުލައެވެ. އެކަމަކު ފައިނަލްގައި ސެނެގޯލްގެ ދިފާއު ފޫއަޅުވައިލެވޭ ގޮތެއް ނުވިއެވެ. ލިބުނު ގިނަގުނަ ފުރުސަތުތައްވީ ބޭކާރެވެ.
މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގައިވެސް ގޯލެއް ކާމިޔާބު ނުކުރެވުމުން ޕެނަލްޓީ ޝޫޓްއައުޓްއަކަށް ގޮސް އޭގައި އަލްޖީރިޔާއަށް ނާކާމިޔާބުވި ޕެނަލްޓީ ފޮނުވައިލީ މި މުބާރާތުގައި އަލްޖީރިޔާ ކުރިން ކުޅުނު ހުރިހާ މެޗެއްގައި ގޯލްޖަހާފައިވާ އައިމަން މަހިޔޫސްއެވެ. އަލްޖީރިޔާ މި މުބާރާތުގައި ޖަހާފައިވާ ނުވަ ގޯލްގެ ތެރެއިން ފަސް ގޯލް ޖަހާދީފައިވަނީވެސް މަހިޔޫސްއެވެ. އަލްޖީރިޔާގެ މައްޗަށް ކުރިހޯދައި ސެނެގޯލް މިފަހަރު ހޯދި ތައްޓަކީ އެއްއަހަރުގެ ތެރޭގައި ސެނެގޯލްގެ ތިންވަނަ ތައްޓެވެ. އެފްރިކަން ނޭޝަންސް ކަޕާއި އެފްރިކަން ބީޗް ފުޓްބޯޅަ މުބާރާތްވެސް އެންމެފަހުން ކާމިޔާބުކޮށްފައިވަނީ ސެނެގޯލެވެ.
ފައިނަލް މެޗުގެ އެއްދުވަސްކުރިން ހޮނިހިރު ދުވަހުގެ ރޭ މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި ނީޖަރާ ވާދަކޮށް އެކެއް ސުމަކުން މޮޅުވެގެން މުބާރާތުގެ ބްރޯންޒް މެޑަލް ހޯދީ މަޑަގަސްކަރައެވެ. ލަނޑުޖެހީ މެޗުގެ ފަހުބައިގެ ތެރޭގައި ޖީން ރަޒަފިންޑްރަކޯޓޯއެވެ. މުބާރާތުގައި އެންމެ ގިނަ ގޯލްޖަހައި އެންމެ މޮޅު ކުޅުމެއް ދައްކާފައިވާ ޓީމަކީވެސް މަޑަގަސްކަރައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު