ފްރާންސްގެ މާސޭއިން ސިންގަޕޫރަށް އަޅާ ސަބްމެރިން ކޭބަލް ފަސް މަސްތެރޭ ރާއްޖެއާ ގުޅާލާނެ ކަމަށާއި އެކަމުގެ ސަބަބުން އިންޓަނެޓުގެ އަގު ހެޔޮވެ ސްޕީޑަށް އިންގިލާބެއް އަންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރިޔާސީ ބަޔާން އިއްވަަވަމުން ރައީސް ސޯލިހު ވިދާޅުވީ، ދުނިޔެ ބަދަލުވެ އިންޓަނެޓްގެ ޒަރީއާ އިން ކުރެވޭ މުއާމަލާތާއި ހިންގުމުގެ ދާއިރާއަށް އަންނަ އަވަސްކަމަކީ ކުރިއަށް އޮތް ތަނަށް މުހިންމު ބަދަލެއް ކަމަށެވެ.
އެގޮތުން ރާއްޖޭގެ އިންޓަނެޓްގެ އަގަށް ގެނެވުނު ބަދަލާ އޭގެ ސްޕީޑަށް އަދިވެސް އިތުރު ތަރައްގީ އައުން މުހިންމު ކަމަށާއި ސަރުކާރު ޝާމިލުވާ އާ ސަބްމެރިންކޭބަލުން އެކަމަށް އިތުރު ފަހިކަން ގެނުވާނެ ކަމަށް ވިދާޅުވިއެވެ.
"ފްރާންސްގެ މާސޭއިން ސިންގަޕޫރަށް އަޅާ ސަބްމެރިން ކޭބަލް ކުރިއަށް އޮތް ފަސް މަސްތެރޭ ރާއްޖެއަށް އެއްގަން ކުރެވި، ސެޕްޓެންބަރު މަހުގެ ނިޔަލަށް މި ސަބްމެރިން ކޭބަލްގެ ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ، މިއީ އިންޓަނެޓުގެ އަގު ހެޔޮވެ، ސްޕީޑަށް އިންގިލާބީ ބަދަލެއް ގެނުވާނެ މަޝްރޫއެއް، އެއީ އުފެއްދުންތެރި ޒުވާނުންނާ ވިޔަފާރިތަށް ދުނިޔޭގެ މާކެޓާ ގުޅުވައިދޭނެ ވަސީލަތެއް،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ހިދުމަތްތައް ބޭނުންވެގެން ތަކުރާރުކޮށް އައިޑީ ކާޑާއި އެކި ލިޔުންތަކުގެ ކޮޕީ ސަރުކާރަށް ހުށަހަޅަން ޖެހުމަކީ ރައްޔިތުންނަށް އޮތް ވަރަށް ބޮޑު ތަކުލީފެއް ކަމަށެވެ. އެކަމަކީ ހިދުމަތް ލަސްވެ، އޮޅުންބޮޅުންވެ، އެކަމެއްގައި ތާށިވެ، ރައްޔިތުން ތިބެންޖެހޭ ކަމެއް ކަމަށާއި އެކަން ބަދަލުކޮށް އަންނަ މާޗު މަހު ޑިޖިޓަލް އައިޑީ ތައާރަފުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
"ހިދުމަތް ލިބުމުގައި ރައްޔިތުންނަށް އޮތް އަނެއް ތަކުލީފަކީ ކިޔުގާ ޖެހުމާއި ފޯނު ނުނެގުމާއި ޖަވާބެއް ނުލިބުމުގެ މައްސަލަ، ވަން-ގަވް ހިދުމަތަކީ ސަރުކާރުން މިކަމަށް ގެނެސްދޭ ޒަމާނީ ހައްލު، އަންނަ މާރިޗު މަސްތެރޭ ވަން-ގަވް ހިދުމަތްވެސް ލޯންޗު ކުރެވޭނެ، އޭގެ ސަބަބުން ފުރަތަމަވެސް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ޓޫރިޒަމް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީއާއި ފުވައްމުލަކު ސިޓީ ކައުންސިލުން ދޭ ހިދުމަތް މުޅިން އޮންލައިން ވާނެ، މީގެ އިތުރަށް މާލެ، އައްޑޫ އަދި ފުވައްމުލަކުގައި ގާއިމުކުރެވޭ ފިޒިކަލް އެކްސްޕީރިއަންސް ސެންޓަރުތަކަކީ އޮންލައިންކޮށް ހިދުމަތް ލިބިގަންނަން ދަތި ރައްޔިތުންނަށް ހިދުމަތް ދޭ މަރުކަޒުތަކެއް،" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު