12 ރަށެއްގައި 30 އެނދުގެ ހޮސްޕިޓާ އަދި 6 ރަށެއްގައި 50 އެނދުގެ ހޮސްޕިޓާ އިމާރާތް ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރިޔާސީ ބަޔާން އިއްވަަވަމުން ރައީސް ސޯލިހު ވިދާޅުވީ، ސިއްހީ ދާއިރާއިން މުޅި ރާއްޖެއާ މެދު ސަރުކާރު ގެންގުޅޭ ތަސައްވަރު ފުރިހަމަވާނީ ޓާޝަރީ ހުރިހާ ހޮސްޕިޓާތަކާއެކު ކަމަށެވެ. އެގޮތުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލުތައް ގާއިމުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން 12 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލަކާއި ހަ ރަށެއްގައި 50 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވެފައިވާއިރު ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލު އިމާރާތްކުރާނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެތައް ފަހަރެއް މަތިން އިއުލާންކޮށްފައެވެ.
ސިއްހީ ދާއިރާއަށް މި ސަރުކާރުން ގެނައި އިންގިލާބީ ބަދަލުތައް ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ސެންޓަރު ފޯ މެންޓަލް ހެލްތު މި ސަރުކާރުން ގާއިމުކުރީ އެކަމުގެ މުހިންމުކަން ބޮޑުވުމުން ކަމަށާއި މިހާތަނަށް 60،000 ވުރެ ގިނަ ކޮންސަލްޓޭޝަން އެ ސެންޓަރުން ހަދާފައިވާ ކަމަށެވެ. އަދި 3،000 އަށްވުރެ މަތީގައި އޮތް ވެއިޓްލިސްޓް މިއަދު 411 އަށް ދަށްކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި މެންޓަލް ހެލްތް ހިދުމަތް ގާއިމުކޮށްފައިވާ ކަމަށާއި މާލެއާއި އައްޑޫގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ގާއިމުކޮށް، ހިދުމަތް ދޭން ފަށާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ސިއްހީ ނިޒާމަށް ދިމާވި އެންމެ ބޮޑު ދެރައަކީ ރަނގަޅަށް ހިނގަމުންއައި ޕްރައިމަރީ ހެލްތްކެއާގެ ނިޒާމުން އަތްދޫކޮށްލުން ކަމަށާއި ކޮމިއުނިޓީ ހެލްތް ވޯކަރުންނާއެކު އަލުން އަނބުރާ ޕްރައިމަރީ ހެލްތްކެއާގެ ހިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ މަސައްކަތް މި ސަރުކާރުން އަނެއްކާވެސް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު