މަޖިލިސް ތެރޭގައި ތިބީ ހުސް ވަގުން ކަމަށް ވިދާޅުވެ، އިދާރީ މޭޒުގެ ކުރިމައްޗަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް ގޮވައި އަޑުގަދަކުރައްވަން ފެއްޓެވުމުން އިދިކޮޅު ބައެއް މެންބަރުންގެ ނަން އިއްވައި މަޖިލީހުން ނެރެފިއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން، މަޖިލީހުގެ މިއަހަރުގެ ފުރަތަ ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު 9:00 ގައި ފަށައިގެން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމާ ހަމައަށް ޖަލްސާ ކުރިއަށްދިޔައީ ހަމަހިމޭންކޮށެވެ.

ނަމަވެސް ރިޔާސީ ބަޔާން އިއްވެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާގެ ކިބައިން އެދިވަޑައިގެންނެވުމުން، ބަޔާން އިއްވެވުމަށްޓަކައި އެމަނިކުފާނު ޕޯޑިއަމަށް ވަޑައިގެންނެވުމުން، އަޑުގަދަކޮށް އިހުތިޖާޖު ކުރައްވަމުން ޕޯޑިއަމްގެ ކުރިމައްޗަށްވާ ގޮތަށް ފުރަތަމަ ވަޑައިގެންނެވީ ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިސްތިއުފާއާއަށް ގޮވަމުން ސިޔާމު އަޑުގަދަ ކުރައްވަމުން ގެންދެވި ނަމަވެސް ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމަށް ރައީސް މަސައްކަތް ކުރެއްވިއެވެ.

ނަމަވެސް މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް މަޖިލިސް ރައީސް ޝިޔާމަށް އަންގަވަން ފެއްޓެވިއެވެ. އެކަމަށް ޝިޔާމު އަޅައިނުލެއްވުމުން މަޖިލިސް ރައީސް ޝިޔާމުގެ ނަން އިއްވަވައި މަޖިލީހުން ނިކުންނެވުމަށް އެންގެވިއެވެ. އެހިސާބުން އަޑުގަދަ ކުރައްވައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވެސް އަޑުގަދަކުރައްވައި އިހުތިޖާޖު ކުރައްވަން ފެއްޓެވިއެވެ. އޭނާގެ ފަހަތުން ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު އާއި ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ވެސް އަޑުގަދަކޮށް އިހުތިޖާޖު ކުރައްވަން ފެއްޓެވިއެވެ.

މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އެ ހުރިހާ މެންބަރުންނަށް މަޖިލިސް ރައީސް ތަކުރާރުކޮށް އެންގެވުމުންވެސް ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތުމުން އެހުރިހާ މެންބަރުންގެ ނަން އިއްވަވައި މަޖިލީހުން ނިކުންނެވުމަށް މަޖިލިސް ރައީސް އެ މެންބަރުންނަށް ތަކުރާރުކޮށް އެންގެވިއެވެ.

ނަމަވެސް މަޖިލީހުން ނިކުންނެވުމުގެ ބަދަލުގައި އެ ބޭފުޅުން އިހުތިޖާޖު ކުރިއަށް ގެންދެވިއެވެ. އެންމެފަހުން މަޖިލިސް ރައީސަށް ޖެހިވަޑައިގަތީ، ކުޑަ ވަގުތުކޮޅަކަށް ޖަލްސާ މެދުކަނޑުއްވައި ލެއްވުމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ހުރި ރައީސުލްޖުމްހޫރިއްޔާގެ ކޮޓަރިކޮޅަށް ވަޑައިގެންނެވުމަށް، މަޖިލިސް ރައީސް އެމަނިކުފާނަށް ދެންނެވުމަށްފަހު، މަޖިލިސް ރައީސް ވިދާޅުވީ، ކުޑައިރުކޮޅަށް މަޖިލިސް ޖަލްސާ މެދުކަނޑުއްވައިލައްވާ ކަމަށާއި، ދެން ޖަލްސާ ކުރިއަށް ގެންދަވާނީ އެ މެންބަރުން މަޖިލީހުން ނިކުންނެވުމުން ކަމަށެވެ.