ރައްޔިތުންނަށް ހިދުމަތްކުރުމުގައި ސަރުކާރު ކުރިއަށްދާކަން ރައްޔިތުންގެ ހިތްތަކަށް ވަންނަން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރިޔާސީ ބަޔާން އިއްވަަވަމުން ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުން ތަފާތުކުރުންތައް ނުގެންގުޅޭނެ ކަމަށާއި ތަފާތުކުރުންތައް ދޫކޮށްލުމުން ކުރިން ނެތް އެތައް ހަމަޖެހުމަކާއި އެތައް މަސްލަހަތެއް އިޔާދަކުރެވިފައިވާ ކަމަށެވެ.

"ރައްޔިތުންގެ ފަރާތުން އުފެދި ރައްޔިތުންނަށް ހިދުމަތްކުރުމުގައި ދެމި ތިބެގެން ސަރުކާރު ކުރިއަށްދާކަން، ރައްޔިތުންގެ ހިތްތަކަށް ވަންނަން ފަށައިފި،" ރައީސް ވިދާޅުވިއެވެ.

އެކިއެކި ރައްޔިތުންގެ މެދުގައި ފަރަގުތައް ހުންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުގެ ކުރިމަތީގައި ކޮންމެ ރައްޔިތަކީވެސް ގަދަރުވެރި ރައްޔިތެއް ކަމަށެވެ. އެގޮތުން ސަރުކާރުން އެންމެ ފުރަތަމަ ކޮށްދޭން ޖެހޭނެ ކަމަކީ އާއްމު މަސްލަހަތާއި އަމާންކަން ގާއިމުކުރުން ކަމަށާއި އެކަންކަން ކުރެވޭނީ އަޑުއެހުމާއި މަޝްވަރާއާއި ދޫދިނުމާއި ހިފަހައްޓަންޖެހޭ އިންތަކާއި މިންތަކުގައި ސަރުކާރުން ސާބިތުވެ އޮވެގެން ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މިދިޔަ ހަތަރު އަހަރަކީ އޭގެ ކުރީގެ އަހަރުތަކަށްވުރެ ރާއްޖެއަށް ހަމަޖެހުން ގެނެސްދިން ހަތަރު އަހަރު ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ އެކަމަށް ކަމަށެވެ.