ކުރިޔަށް އޮތް ތަނުގައިވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ އާންމު މަސްލަހަތާއި އަމާންކަން ދެމެހެއްޓުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައްޔިތުން މަޖިލީހުގައި ރައީސް ސޯލިހު މިއަދު ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ މަސްއޫލިއްޔަތާ މިއަދު ހަވާލުވެވެނީ ތަސައްވުރެއް އޮވެގެން ކަމަށާއި ވީ ވައުދުތައް ފުއްދުމުގެ މައްޗަށް ކަމަށެވެ.

ރައީސް ވިދާޅުވީ، ގައުމުގެ ހަމަޖެހުމާއި އާއްމު މަސްލަހަތާއި އަމާންކަން ގެއްލިފައިވާ ނަމަ ސަރުކާރުން އެންމެ ފުރަތަމަ އިޔާދަކޮށްދޭން ޖެހޭނީ އެކަންކަން ކަމަށެވެ.

"އެކަން ކުރެވޭނީ، އަޑުއެހުމާއި މަޝްވަރާއާއި ދޫ ދިނުމާއި އަދި ހިފަހައްޓަން ޖެހޭ އިންތަކާއި މިންތަކުގައި ސަރުކާރު ސާބިތުވެ ދެމިއޮވެގެން. ފާއިތުވި ހަތަރު އަހަރަކީ އޭގެ ކުރިން ހިނގައިދިޔަ އަހަރުތަކަށްވުރެ މިދެންނެވި ގޮތުން ރާއްޖެއަށް ހަމަޖެހުން ގެނުވި ހަތަރު އަހަރު. އަދި ކުރިއަށް އޮތްތަނުގައިވެސް އެންމެ ބޮޑު އިސްކަމެއް އަޅުގަނޑު ދޭނީ އެކަމަށް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެކިއެކި ރައްޔިތުންގެ މެދުގައި ފަރަގު ހުންނަ ކަމަށެވެ. ނަމަވެސް ސަރުކާރަށް ތިބޭނީ ދިވެހި ރައްޔިތުން އެކަނިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އަދާކުރަން ޖެހޭ ހައްގުތަކާއި އުފުލަން ޖެހޭ މަސްއޫލިއްޔަތާއި ދޭން ޖެހޭ ހިދުމަތުގައި ކޮންމެ ރައްޔިތަކީވެސް ސަރުކާރުގެ ކުރިމަތީގައި ގަދަރުވެރި ރައްޔިތެއް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ތަފާތުކުރުން ދޫކޮށްލުމުން ކުރިން ނެތް އެތައް ހަމަޖެހުމަކާއި އެތައް މަސްލަހަތެއް އިއާދަކުރެވި ދެމެހެއްޓިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންގެ ފަރާތުން އުފެދި ރައްޔިތުންނަށް ހިދުމަތްކުރުމުގާ ދެމިތިބެގެން ސަރުކާރު ކުރިއަށްދާކަން، ރައްޔިތުންގެ ހިތްތަކަށް ވަންނަން ފަށައިފައިވާ ކަމަށެވެ.