"ވަގުތު" ނޫސްވެރިން ގަތުލުކޮށްލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކުށްވެރިކޮށްފިއެވެ.

"ވަގުތު" ނޫހުން މިއަދު ބުނީ، އެ ނޫހުގެ ނޫސްވެރިން އައްޑޫ ސިޓީއަށް ގޮސް މުސްލިމުންނަށް ޖާސޫސްކޮށްފައިވާ ކަމަށް މުހައްމަދު ވިޝާލް ކިޔާ މީހަކު ފޭސްބުކުގައި ކުރި ޕޯސްޓަކަށް އަހްމަދު ހަބީބު ކިޔާ މީހަކު ކުރި ކޮމެންޓުގައި މުސްލިމުންގެ މައްޗަށް ޖާސޫސްކުރާ މީހުންނަށް އޮތް ހުކުމަކީ ގަތުލުކުރުން ކަމަށް ބުނެފައިވާ ކަމަށެވެ. އެ ކޮމެންޓުގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް އެ ނޫހުން ބުންޏެވެ.

އެމްއެމްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ނޫސްވެރިންނަށް ރައްކާތެރިކަމާއި އަމާން މާހައުލެއް ފޯރުކޮށްދިނުމަކީ ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ ޒިންމާއެއް ކަމަށެވެ.

"ވަގުތު ނޫހުގެ ނޫސްވެރިންނަށް މަރުގެ އިންޒާރުދިން ކަމަށް ތުހުމަތުކޮށްފައިވާތީ، މިކަން ކުށްވެރިކޮށް މި މައްސަލަ ބަލައި ވީހާވެސް އަވަހަކަށް ވަގުތު ނޫހުގެ ނޫސްވެރިންނަށް އިންސާފު ހޯދައިދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލަމެވެ..،" އެމްއެމްސީން ބުންޏެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ނޫސްވެރިންނަށާއި މީޑިއާތަކަށް އިންޒާރުދޭ މައްސަލައަކީ އެ ކައުންސިލުން ކަންބޮޑުވާ ކަމެއް ކަމަށާއި މީގެ ކުރިންވެސް ނޫސްވެރިންނަށް ތަފާތު އެކި ކަހަލަ އިންޒާރާއި ފުރައްސާރަ ކުރިމަތިވުމަށްފަހު ނުރައްކާތެރި ހަމަލާތަކުގެ ޝިކާރަތަކަށް ވެފައިވާ ކަމަށް އެމްއެމްސީން ބުންޏެވެ. އެހެންކަމުން އެފަދަ އިންޒާރުތަކަކީ އާދައިގެ ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށް ވެސް ބުންޏެވެ.