ލޭއޮހޮރުވުމަކުން ވެރިކަން ބަދަލުކުރުމަށް ގޮވާލައްވައި، މާލެ ސިޓީ ކައުންސިލުގެ ތަރުޖަމާނު މަރިޔަމް ޝިއުނާ (ނަންނަ) ކުރެއްވި ޓުވީޓެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފައިވަނިކޮށް ޓުވިޓާއިން އެ އެކައުންޓް ސަސްޕެންޑް ކޮށްފިއެވެ.
ދިހަހާހަށް ވުރެ ގިނަ މީހުން ފޮލޯކުރާ އެކައުންޓް (@nannaxeev) ސަސްޕެންޑް ކުރީ މިރޭގެ ވަގުތެއްގައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޝިއުނާ ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މުސްލިމުންގެ މައްޗަށް އަނިޔާވެރިކަން ހިންގަވަމުން ގެންދަވާ ކަމަށް ތުހުމަތުކުރައްވަ، ލޭ އޮހޮރުމަކުންވެސް އެމަނިކުފާނުގެ ވެރިކަން ބަދަލުކުރަން ވެއްޖެކަމަށް ވިދާޅުވެފައެވެ.
"ޓުވީޓުކުރަން ތިބެގެން ވާކަށް ނެތް. ލޭ އޮހޮރުވުމަކުންވެސް ބަދަލުކުރަންވެއްޖެ،" އިބޫ ނޫންގޮތެއް ހޭޝް ޓެގް ބޭނުންކުރައްވައި، އޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
އެ ޓުވީޓުގެ މައްސަލަ ހޫނުވެ އޭނާ ވަނީ ފަހުން ޓުވީޓު ޑިލީޓުކުރައްވައިފައެވެ. އަދި އޭގެ ފަހުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ކުރިން ބުނި އެތި ކެންސަލް" ކަމަށާއި ފުރަތަމަ ކުރެއްވި ޓުވީޓު ޑިލީޓް ކުރެއްވީ ބައެއް މީހުންނަށް އެ ޓުވީޓުން ނުބައި މާނައެއް ނެގިގެން އުޅޭތީ ކަމަށެވެ. އަދި ހަރުކަށި މާނައެއް ނެގުނު ނަމަ މައާފަށް އެދިވަޑައިގަންނަވާ ކަމަށާއި އޭނާގެ ޓުވީޓުގައި ވާނީ އެއްވެސް ހާލެއްގައި ހަރުކަށި އަމަލެއް ހިންގާ ވާހަކަ ނޫން ކަމަށްވެސް ވިދާޅުވިއެވެ.
އެ ޓުވިޓާ ގުޅިގެން ޝިއުނާ "ވަން" އަށް މީގެ ކުރިން ވިދާޅުވި ގޮތުގައި، އެއީ ވަކި މީހަކަށް ނިސްބަތްކޮށް ކުރައްވާފައިވާ ޓުވީޓެއް ނޫން ކަމަށާއި އެއީ މުސްލިމުންގެ ހައްގުގައި ލޭ އޮހޮރުވުން މާނަކުރާގޮތަށް ކުރައްވާފައިވާ ޓުވީޓެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު