ވިހެއުމުން ދޭ ޗުއްޓީގެ މައްސަލައިގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު މަރިޔަމް ޝަމްއާ އިބްރާހިމަށް ދެވެން ހުރި ހުރިހާ ލުއިތަކެއް ދީ، އެދިފައިވާ ޗުއްޓީތައް ދީފައިވާނެ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެހެން ބުނީ، ވިހެއުމަށް ފަހު ދޭ ދެ މަސް ދުވަހުގެ ޗުއްޓީ އެ އިދާރާއިން އިތުރުކޮށް ނުދިން ކަމަށް ވިދާޅުވެ، އިއްޔެގެ ވަގުތެއްގައި ޝަމްއާ، ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައިވާތީއެވެ. އެ ބަޔާނުގައި އޭނާ ވިދާޅުވީ ވަޒީފާގައި ދިމާވާ މައްސަލަތައް ހައްލުކުރަން ތިބި ޓްރައިބިއުނަލުންނަށް އެ ހައްގު ނުލިބުމަކީ ކަންބޮޑުވުމެއް ކަމަށާއި ހަ މަސް ދުވަހަށް ޗުއްޓީ އިތުރުކޮށްދެން އެދުމުން އެކަމަށް އެއްބާރުލުން ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން، މިދިޔަ ބުރާސްފަތި ދުވަހު އޭނާ ވަނީ ދެ މަހުގެ ފިރިހެން ދަރިފުޅާ އެކު އޮފީހަށް ނުކުންނަވަން ފައްޓަވައިފައެވެ.
ޝަމްއާގެ މައްސަލައިގައި ޓްރައިބިއުނަލަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ އިރު، އެ އިދާރާއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޓްރައިބިއުނަލްގެ މެންބަރުންނަކީ ސިވިލް ސާވަންޓުން ނޫން ކަމަށާއި އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ބައެއް ކަމުން ސިވިލް ސާވެންޓުންނަށް ދޭ ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް، ޓްރައިބިއުނަލްގެ މެންބަރުންނަށް ނުލިބޭނެ ކަމަށެވެ.
ޓްރައިބިއުނަލުން ބުނީ، ވަޒީފާގެ ގާނޫނަށް ހަ ވަނަ އިސްލާހު ގެނައުމުގެ ކުރިން، ޓްރައިބިއުނަލްގެ މެމްބަރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑެއް މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކޮށް، 25 އޮގަސްޓް 2021 ގައި ގެޒެޓުގައި ޝާއިއުކޮށްފައިވާ ކަމަށެވެ. އެ އުސޫލު ފާސްކުރި އިރު ޝަމްއާ ހިމެނޭހެން ހުރިހާ މެމްބަރުން ތާއިދު ކުރެއްވި ކަމަށް ބުންޏެވެ.
"... އުސޫލުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުގެ މެމްބަރުންނަށް ވިހެއުމާ ގުޅިގެން ދޭ ޗުއްޓީގެ ގޮތުގައި ހައްގުވަނީ ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން 60 ދުވަހުގެ ޗުއްޓީއެއްކަން އެނގެން އޮންނަ އިރު، އިސްވެ ބަޔާންކުރެވުނު އުސޫލުގައި މެމްބަރު މަރިޔަމް ޝަމްއާ އިބްރާހިމް ސޮއިކޮށްފައި އޮތުމުން، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުންނަށް ލިބިދެވޭނީ ނުވަތަ ހައްގު ވާނީ 60 (ފަސްދޮޅަސް) ދުވަހުގެ ޗުއްޓީއެއްކަން ހުދު އެ ފަރާތުން ވެސް އެއްބަސްވާކަން އެނގިގެންދޭ،" ޓްރައިބިއުނަލުން ކަނޑައަޅާފައިވާ އުސޫލާ ގުޅޭ ގޮތުން ބަޔާނުގައި ބުންޏެވެ.
ޓްރައިބިއުނަލުން ބުނީ، ގާނޫނުތަކާއި އުސޫލުތަކާ އެއްގޮތަށް ޝަމްއާއަށް ދެވެން ހުރި ހުރިހާ ލުއިތަކެއް ދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން ދަރިފުޅު ގޮވައިގެން އޮފީހަށް ހާޒިރުވެވަޑައިގަތީ އިތުރު އެހެން ގޮތެއް ނެތިގެން ކަމަށް ވިދާޅުވިޔަސް، އަހަރީ ޗުއްޓީގެ 30 ދުވަހާއި އާއިލީ ޒިންމާގެ 10 ދުވަސް ހައްގުވެ، އެއިން އެއްވެސް ޗުއްޓީއަކަށް ޝަމްއާ އެދިވަޑައިގެންފައި ނުވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
ޝަމްއާ ވަނީ ދަރިފުޅުގެ ބައެއް ސިއްހީ މައްސަލަތައް ހުރުމުން ދެމަހުގެ ޗުއްޓީއަކުން ނުވާނެތީ އެ ޗުއްޓީ އިތުރުކުރަން އެދިވަޑައިގެންފައެވެ. ޓްރިބިއުނަލުން ބުނީ، މެޓާނިޓީ ލީވް އިތުރުކުރަން އެދިވަޑައިގެންނެވި ނަމަވެސް، އެ މުއްދަތު އިތުރުކުރުމުގެ ބާރެއް ޓްރައިބިއުނަލްގެ ރައީސަށް ލިބިވަޑައެއް ނުގަންނަވާ ކަމަށެވެ. ނަމަވެސް ދިމާވާ ކަންތައްތަކާ ގުޅިގެން އުސޫލުގެ ތެރެއިން ހާޒިރީއާ ގުޅިގެން ދެވެން ހުރި ލުއިތައް ދެވޭނެކަން ޝަމްއާ އަށް އަންގާފައިވާނެ ކަމަށެވެ.
ޓްރައިބިއުނަލުން ބުނީ، އެ އިދާރާގައި ތުއްތުކުދިން ގެންގުޅުމަށް އެއްވެސް ވަރަކަށް އެކަށީގެންވާ މާހައުލެއް މިވަގުތު ނެތުމުން އެއްވެސް މެމްބަރަކު އަދި މުވައްޒަފަކު ވެސް ރަސްމީ ގަޑީގައި އޮފީހުގައި ބައިތިއްބާ ގޮތަށް ތުއްތުކުދިން އޮފީހަށް ނުގެންދިއުމަށް އިރުޝާދު ދީފައިވާނެ ކަމަށެވެ.
މީގެ އިތުރުން ޓްރައިބިއުނަލުން އަމަލުކޮށްފައިވާގޮތާ ހިލާފަށް ޝަމްއާ ނޫސްތަކަށް މައުލޫމާތު ދީފައިވުމަކީ ކަންބޮޑުވުމެއް ކަމުގައިވެސް އެ އިދާރާއިން ފާހަގަކުރިއެވެ.