އއ. މަތިވެރިން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ މީހާ އަދިވެސް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
މަތިވެރިން ހޯދަމުން ދަނީ، އެ ރަށު، ރިހިވެލި/ ހަސަން އަލީ (ހަސަންފުޅުބެ) އެވެ. އޭނާއަކީ އުމުރުން 73 އަހަރުގެ މީހެކެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މަތިވެރިން ގެއްލުނު މީހާ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އެ މީހާ އަދި ފެނިފައިނުވާ ކަމަށެވެ.
އެމީހާ ހޯދުމުގެ މަސައްކަތުގެ ތެރެއިން ރަށުގެ ފަޅުތެރެއަށް ފީނައިގެން ބަލަމުންދާ ކަމަށެވެ. އަދި ރަށުގެ ހުރިހާ ސަރަހައްދަކާއި ގޭބިސީތަކާއި ފަޅުގޯތިތައް ބަލާފައިވާ ކަމަށާއި އަދިވެސް އިތުރަށް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ މަތިވެރި ޕޮލިސް ސްޓޭޝަން ނަންބަރު 9994875 ގުޅައި މައުލޫމާތު ހިއްސާކުރަން ފުލުހުން ވަނީ އެދިފައެވެ.
މަތިވެރި ކައުންސިލުގެ ރައީސް އަހުމަދު އަސްލަމް މިދިޔަ ބުރާސްފަތި ދުވަހު "ވަން" އަށް ވިދާޅުވެފައިވަނީ، ހަސަންފުޅު އެންމެ ފަހުން ބަޔަކަށް ފެނިފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ މަގުރިބު ނަމާދުން ފައިބަނިކޮށް ކަމަށެވެ. ނަމަވެސް އަތިރިމަތިން ފެނުނު ކަމުގެ މައުލޫމާތެއްވެސް ލިބިފައިވާތީ، އެ ސަރަހައްދުތަކުގައި ހުރި ދެ ސީސީޓީވީ ކެމެރާތަކުގެ ރެކޯޑިން ބަލާފައިވާ ކަމަށެވެ.
މަތިވެރި ކައުންސިލްގެ މެމްބަރު ހުސެން ނިހާން ވިދާޅުވެފައިވަނީ، ހަސަންފުޅަކީ ދާ އަޅައިގެން މަސް ހިފަން ގޮސް އުޅޭ މީހެއް ކަމަށެވެ. އެހެންވެ އޭނާ މަސް ހިފަން މޫދަށް ގޮސްފާނެ ކަމަށް ބަލައި، މޫދުތެރެ ބެލުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު