އަންނަ އާދިއްތަ ދުވަހުން ފެށިގެން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ޑިޖިޓަލައިޒް ކުރަން ނިންމައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މިނިސްޓްރީން ފޯރުކޮށް ދޭ ހިދުމަތްތައް ލުއިފަސޭހަކޮށް، ފެންވަރުމަތިކުރުމުގެ ގޮތުން އަލަށް ތައްޔާރުކުރި ސޮފްޓްވެއާގެ ބައިތަކުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އަންނަ އާދިއްތަ ދުވަހުން ފެށިގެން ޑިޖިޓަލައިޒް ކުރަން ނިންމާފައިވާ ކަމަށެވެ.
ޑިޖިޓަލް ލައިސަސްތައް ފެންނާނީ ފުލުހުން ބޭނުންކުރާ "ޕޮލިސް އެމްވީ" އެޕްލިކޭޝަނުންނެވެ. އަދި އަންނަ އާދީއްތަ ދުވަހުން ފެށިގެން އުޅަނދު ދުއްވާ ފަރާތުގެ ލައިސަންސްގެ ގޮތުގައި ޑިޖިޓަލަ ލައިސަންސް ބަލައިގަންނަން ފުލުހުންވެސް ވަނީ ނިންމައިފައެވެ.
ޓްރާންސްޕޯޓުން އަލަށް ތައާރަފުކުރި އެ ސޮފްޓްވެއާ މެދުވެރިކޮށް ލައިސަންސަށް އެދި ހުށަހެޅުމާއި އަދި ޓްރާންސްޕޯޓް މިނިސްޓްރީން ފޯރުކޮށްދޭ އެހެން ހިދުމަތްތަކައްވެސް ހުށަހެޅެން ހުންނާނެއެވެ. އަދި ލައިސަންސް ދޫކުރަން ހަމަޖެހިފައިވަނީވެސް ޑިޖިޓަލައިޒްކޮށެވެ.
ޓްރާންސްޕޯޓުން ބުނީ ޑިޖިޓަލްކޮށް ލައިސަންސް ދޫކުރާ ގޮތަށް ބަދަލުކުރި ނަމަވެސް ކޮންމެހެން ލައިސަންސް ކާޑު ޕްރިންޓް ކޮށްގެން ގެންގުޅެން ބޭނުންވާ މީހުންނަށް އެފުރުސަތު އޮންނާނެ ކަމަށެވެ.