ފަހަކަށް އައިސް ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް ދަނީ ރަނގަޅުވަމުން ކަމަށާއި އެކަމުގެ ހެޔޮ ނަތީޖާ އެތުލީޓުންގެ ފަރާތުން ފެންނާނެ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވެއްޖެއެވެ.
ސައްތާރު އެހެން ވިދާޅުވީ މި އަހަރު ޗައިނާގައި ބާއްވަން ތާވަލުކޮށްފައިވާ އޭޝިއަން ގޭމްސް ޕްރޮމޯޓް ކުރުމަށް މާދަމާ ރާއްޖޭގައި ބާއްވާ "ފަން ރަން" އާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އިއްޔެ ބޯޅަގޭގައި ބޭއްވި ޕްރެސްގައެވެ.
ސެޕްޓެމްބަރު 23 އިން އޮކްޓޫބަރު އަށަކަށް ޗައިނާގެ ހަންގްޒޫގައި ކުރިއަށް ގެންދަން ތާވަލުކޮށްފައިވާ އޭޝިއަން ގޭމްސްގައި މި ފަހަރު ރާއްޖޭން 11 ކުޅިވަރެއްގައި ވާދަކުރާނެ ކަމަށް އިއްޔެ ސައްތާރު ވަނީ ވިދާޅުވެފައެވެ.
"ރާއްޖެއިން ތައްޔާރުވަމުންދަނީ ތާރީހުގައިވެސް ދެވަނައަށް އެންމެ ގިނަ އެތުލީޓުން ރަމްޒު ކުރުމަށް. މި ފަހަރު ވެގެންދާނީ ގިނަ އެތުލީޓުންތަކެއް ތަމުސީލުކުރާނެ ގޭމަކަށް. މި ވަގުތަށް ލިބިފައިވާ މައުލޫމާތަށް ބަލައި ނަމަ ރާއްޖޭން މި ބަލަނީ 11 ކުޅިވަރަކުން ހަންގްޒޫ ގޭމްސްގައި ވާދަކުރަން. އުންމީދު މި ކުރަނީ އެކި ކުޅިވަރުތަކުން 200 އަށް ވުރެ، ގިނަ އެތުލީޓުން މި ފަހަރު ފެންނާނެ ކަމަށް،" ސައްތާރު ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި އޭޝިއަން ގޭމްސްއަށް ރާއްޖޭން ވަމުންދާ ތައްޔާރީތަކާއެކު "ފަން ރަން" އަކީ މުހިއްމު އިވެންޓަކަށް ވާނެއެވެ. އެގޮތުން މީގެ ކުރީން ރާއްޖޭގައި ބޭއްވި އޭޝިއަން ގޭމްސްގެ ރަންގައިވެސް ދިވެހީން ބައިވެރިވެފައިވާ ކަމަށާއި މި ފަހަރުގެ ރަންވެސް ފުރިހަމަވާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވިއެވެ.
އެއާއެކު ސައްތާރު ވިދާޅުވީ މި އަހަރުގެ ގޭމްސްއިން ރާއްޖޭގެ އެތުލީޓުންގެ ފަރާތުން ކުރިއެރުން ފެންނާނެ ކަމުގެ ބޮޑު ޔަގީންކަމެއް އޮތް ކަމަށެވެ.
"ރާއްޖޭގެ އެތުލީޓުން ދަނީ ވަރަށް ރަނގަޅަށް ތައްޔާރުވަމުން. ކުރިއަށްވުރެ ރަނގަޅު ވަސީލަތްތައްވެސް މިހާރު އެބަހުރި. އެ ފުރުސަތުތަކާއެކު އެތުލީޓުންގެ ފަރާތުން ކުރިއެރުންތައް ދަނީ ފެންނަމުން. ކުރިއެރުންތަކާއެކު ރަނގަޅު ނަތީޖާތައް ފެންނާނެ ކަމަށް ބެލެވޭ. އެކަމަށް އުންމީދު ކުރެވޭ،" ސައްތާރު އިއްޔެ ވިދާޅުވިއެވެ.
މި ފަހަރުގެ އޭޝިއަން ގޭމްސްއަކީ މިދިޔަ އަހަރު ބާއްވަން ފުރަތަމަ ތާވަލުކުރި އިވެންޓެއް ނަމަވެސް ޗައިނާގެ އޭރުގެ ކޮވިޑް ހާލަތުގެ ސަބަބުން މިއަހަރަށް ގޭމްސް ފަސްކުރިއެވެ. އެކަމުގެ ސަބަބުން އެތުލީޓުންނަށް އުނދަގޫތަކާ ކުރިމަތިވި ނަމަވެސް މިހާރު ދަނީ މިއަހަރުގެ ގިނަ އިވެންޓްތަކަކަށް ތައްޔާރުވަމުންނެވެ. އޭޝިއަން ގޭމްސްއާއެކު މިއަހަރު ދިވެހި އެތުލީޓުން ބައިނަލްއަގުވާމީ ފަސް ގޭމްސްއެއްގައި ވާދަކުރާނެއެވެ.