ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްޕޯޓްސް ސްކޮލާޝިޕް، ހުނަރުވެރި ސާފިން އެތުލީޓް، ސައްޔިދު ސަލާހުއްދީންއަށް ދީފިއެވެ.
ބީއެމްއެލްއިން ދޭ ސްޕޯޓްސް ސްކޮލާޝިޕަކީ، ރާއްޖޭގެ އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ކުޅިވަރުގައި ފުރިހަމަ ކާމިޔާބެއް ހޯދުމުގައި އެހީތެރިވުމަށް ދޭ ސްކޮލާޝިޕެކެވެ. ސްކޮލާޝިޕް ދެމުން ދަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާ ގުޅިގެންނެވެ. އެގޮތުން ސްކޮލާޝިޕަށް އެތުލީޓުން ހޮވަނީ އެމްއޯސީން އެކުލަވާފައިވާ ހާއްސަ އުސޫލަކުންނެވެ.
ބީއެމްއެލްއިން ބުނީ ސައްޔިދު، ސްކޮލާޝިޕްގެ ދަށުން ޗައިނާ، ފިލިޕީންސް އަދި އިންޑޮނޭޝި އާއި އޮސްޓްރޭލިއާގައި ކުރިއަށްދާ މުބާރާތެއްގައިވެސް ވާދަކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ އިތުރުން، މުބާރާތާއި ޓްރެއިނިން އަށް ބޭނުންވާ އިކުއިޕްމެންޓްސް، ސްކޮލާޝިޕްގެ ދަށުން ފޯރުކޮށްދޭނެއެވެ.
ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕްގެ ދަށުން މިހާތަނަށް އަށް އެތުލީޓުންނަށް ތަމްރީނު ހޯދުމުގެ ފުރުސަތު ދީފައިވެއެވެ. ރާއްޖޭގެ ފުޓްބޯޅަ، ސްވިމިން، ޓެނިސް، ބާސްކެޓްބޯޅަ، ސާފިން ފަދަ ކުޅިވަރުތައް ކުރިއެރުވުމަށް ގައުމީ އެސޯސިއޭސިއޭޝަންތަކާއެކު ގާއިމްކޮށްފައިވާ އެކި ޕާޓްނާޝިޕްތަކުގެ ދަށުން ބޭންކުން ދަނީ އެ އެސޯސިއޭޝަންތަކަށް އެހީތެރިވަމުންވެސް މެއެވެ.
ރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންނުން ވަނީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބޭންކަށް ހާއްސަ އެވޯޑެއްވެސް ދީފައެވެ.
މިފަހަރު ސްކޮލާޝިޕް ލިބުނު ސައްޔިދަކީ ސާފިންގައި އަރަމުން އަންނަ އެތުލީޓެކެވެ. އޭނާ ވަނީ 2024 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ޖޫނިއާ ބައިގެ ކުއާޓާއަށްވެސް ދަތުރު ކޮށްފައެވެ.
ފާތިމަތު ލިއުޝާ
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް