ޓެކްނޮލޮޖީ

އައިފޯނު ސްކްރީނަށް އަރާ ރޮނގުގެ މައްސަލަ ހައްލުކޮށްފި

އާދަމް ނަސީރު

އައިއޯއެސްގެ އެންމެ ފަހުގެ އަޕްޑޭޓް 16.3 އައިފޯނު އަދި އައިޕެޑްގެ ހުރިހާ މޮޑެލްތަކަށް މިހާރު ލިބެން ހުންނާނެއެވެ. އައިފޯނު ގެންގުޅޭ ފަރާތްތަކުން އައިއޯއެސް އަޕްޑޭޓް ކޮށްލުމަށް ފޯނުގެ ޖެނެރަލް ސެޓިން ތެރޭގައި ހިމެނޭ ސޮފްޓްވެއާ އަޕްޑޭޓަށް ފިތާލުމުން އެންމެ ފަހުގެ އަޕްޑޭޓް 16.3 އަޕްޑޭޓް ކުރެވޭނެއެވެ. އެޕަލް ކުންފުނިން މި އަޕްޑޭޓް ދޫކޮށްފައިވަނީ އެޕަލްގެ އައިފޯނު ތަކުގެ އިތުރުން އައިޕެޑް ތަކަށްވެސް ލިބޭ ގޮތަށެވެ. ވަގުތުން އަޕްޑޭޓް ނުފެންނަ ނަމަ ކޮންމެ އައިފޯނަކާއި އައިޕެޑެއްވެސް ހަލުއި ވައިފައި އަކަށް ވަނުމަށް ފަހު އަޕްޑޭޓް ލިބޭތޯ ބަލައިލުން ރަނގަޅުވާނެއެވެ. ސަބަބަކީ ފޯނުގެ މޯބައިލް ޑޭޓާ ހުސްވެދާނެތީ ބައެއް ފަހަރަށް އެޕަލް އިން ފޮނުވާ އަޕްޑޭޓް ވައިފައިގެ ތެރެއިން ޑައުންލޯޑް ކުރެވޭ ގޮތަށް ހަދާފައި ހުރުމެވެ.

އެންމެ ފަހުގެ އަޕްޑޭޓް އިންސްޓޯލް ކުރުމުގެ މަރުހަލާތައް ނިމުމުން އައިފޯން ނުވަތަ އައިޕެޑް އަމިއްލައަށް ނިވިފައި އަލުން ހުޅުވޭނެއެވެ. (ރީބޫޓް) ކުރުމަށްފަހު ފޯނުގެ އެއްވެސް މައްސަލައެއް ހުރިތޯ ބަލައިލުމަކީ ވަރަށް މުހިއްމު ކަމެކެވެ. މި ފަހަރުގެ އަޕްޑޭޓާއެކު ވެސް އެޕަލްއިން ވަނީ އާ ފީޗާސްތަކެއް ހިމަނައިފައެވެ.

އެގޮތުން ފޯނުގެ ވޯލްޕޭޕަރުގައި ހުންނަ ފޮޓޯ ކަޅާއި ހުދަށް ބަދަލުކޮށްލެވޭ އިރު އެޕަލް އައިޑީއަށް ޓޫ ފެކްޓަރ އޮތެންޓިކޭޝަން ސެކިއުރިޓީ އިތުރުކޮށް ފޯނުތަކަށް އެސްއެމްއެސް ވެރިފިކޭޝަން ލިބޭ ގޮތަށް ވަނީ ހިމަނާފައެވެ. އެއާއިއެކު ފޯނުތައް ގެއްލިގެން ނުވަތަ ވަގަށް ނަގާ ފޯނުތައް ބޭނުން ކުރުމަށް ވަގުންނަށް އުނދަގޫ ވާނެއެވެ. އެގޮތުން ފިޒިކަލް ސެކިއުރިޓީއާ އެކު އެކައުންޓުގެ ސެކިއުރިޓީވެސް ވަރުގަދަ ކުރެވޭނެ އެވެ.

ހަމަ މި އަޕްޑޭޓާއިއެކު ހޯމްޕޮޑް (2 ވަނަ ޖީލުގެ) އަށް ސަޕޯޓް ދިނުން އިމަޖެންސީ އެސްއޯއެސް ކޯލްތައް ކުރެވޭ ގޮތް ހިމަނާފައިވާ އިރު މި ފަހަރުގެ އަޕްޑޭޓާ އެކު އައިފޯން ބޭނުންކުރާ ފަރާތްތަކަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ބައެއް ބަގް ފިކްސްތައްވެސް މި އަޕްޑޭޓްގައި ހިމަނާފައިވެ އެވެ. އެގޮތުން އެޕަލް ޕެންސިލް ބޭނުންކޮށްގެން އުފައްދާފައިވާ ކުރެހުމުގެ ބައެއް ޝެއަރ ބޯޑުތަކުގައި ހިމެނޭ ބައެއް މައްސަލަވެސް މި އަޕްޑޭޓާއެކު ވަނީ ހައްލުކޮށްފައެވެ. އަދި އެންމެ ހާއްސަ ކަމަކަށް އައިފޯނު ޕްރޯގެ ސްކުރީނަށް އަރާ ރޮނގުތައްވެސް މި އަޕްޑޭޓާއެކު ހައްލުވެގެން ދާނެއެވެ.