ދިވެހިންނަކީ ކޮރެލްޑްރޯ އާންމުކޮން ބޭނުން ކުރާ ބައެކެވެ. ކޮންމިއުޓަރެއް ފޯމެޓް ކުރުމަށްފަހު އިންސްޓޯލް ކުރަންވީ ކޮން އެޕްލިކޭޝަން ތަކެއްތޯ ނުވަތަ ސޮފްޓްވެެއަރ ތަކެއްތޯ އަހައިފިނަމަ އެންމެ ފުރަތަމަ ބުނާނެ އެއް ވާހަކައަކީ ކޮރެލްޑްރޯގެ ވާހަކަ އެވެ. އެހެން ކަމުން ދިވެހިންގެ މެދުގައި ކޮރެލްޑްރޯގެ މަގުބޫލުކަން ހުރިވަރު ވަރަށްވެސް ސާފެއެވެ. ވަރަށް ފަސޭހައިން ގިނަ މަސައްކަތްތަކެއް ކުރެވޭ ކޮރެލްޑްރޯ އަކީ ތަފާތު އެކިއެކި ކުރެހުންތައް ކުރެހުމަށާއި ތަފާތު އެއްޗެހީގެ ސުކެޗް އަދި އެންމެ މަޝަހޫރު ޑިޒައިނަރުންގެ ޑިޒައިންތައް ވެސް ފެށިގެން އަންނަ ހިސާބެެވެ.
ކޮރެލްޑްރޯ އަކީ ދިވެހިންގެ އެންމެ އެކުވެރި އެއް އެޕުލިކޭޝަނަށް ވެގެން ދާ ވަރަށް ގިނަ ސަބަބުތަކެއް ހުރެއެވެ. އެގޮތުން ވަރަށް ކުރިންސުރެ އެންމެ ގިނަ މީހުންގެ އާންމު ކުރެހުންތައް ކުރަހަން ފެށިފައިވަނީ ކޮރެލްޑްރޯގައެވެ. މާ ބޮޑު ތަމްރީންތަކެއް ނެތި ދަސްކުރަން ފަސޭހަވުމާއި ތަފާތު ކުދިކުދި ކުރެހުންތައް ކުރެހުމަށްވެސް އެންމެ ގިނައިން ބޭނުން ކުރާ އެޕްލިކޭޝަނަކީ ކޮރެލްޑްރޯއެވެ. އެހެން ނަމަވެސް ގިނަ ބަޔަކު ފާހަގަ ކުރާ ކަމެއް އަދިވެސް އެބައޮތެވެ. ކޮރެލްޑްރޯގައި ދިވެހިން، ތާނަ އަކުރުން ފަސޭހަކަމާއެކު ލިޔުމަކީ އުނދަގޫ ކަމަކަށް ވުމެވެ. ކޮރެލްޑްރޯއިން ރީތި ކުރެހުންތައް ކުރަހާ ގިނަ ފަރާތްތަކަށްވެސް ކޮރެލްޑްރޯގައި ދިވެހިން ލިޔުމަށް އުނދަގޫ ކަމަށް ބުނެއެވެ. ކޮންމެ އަކުރެއް އެޅުމަށްފަހު އެރޯ ކީ އިން ކުރިއަށް ފިއްތައިގެން ލިޔާ މީހުން އަދިވެސް ވަރަށް ގިނައެވެ.
އެހެން ކަމުން މައިކްރޯސޮފްޓް ވޯޑްގައި ދިވެހިން ލިޔާހާ ފަސޭހައިން ކޮރެލްޑްރޯގައި ނުލިޔެވޭ މައްސަލަ ވަރަށްގިނަ މީހުން ފާހަގަ ކުރެއެވެ.
ތާނަ އަކުރުން ފަސޭހަކަމާ އެކު ކޮރެލްޑްރޯގައި ލިޔުމަކީ ކުޑަ މަސަައްކަތުން ކޮށްލެވިދާނެ ކަމެވެ. މައިކްރޯސޮފްޓް ވިންޑޯސްގައި ކުޑަ ސެޓިންއެއް ބަދަލު ކޮށްލަން ޖެހެއެވެ. މިހާރު ބޭނުން ކުރާ ވިންޑޯސްގައި ދިވެހި ބަސް ހިމެނިފައިވެއެވެ. ހަމަ އެގޮތަށް އަރަބި ބަސްވެސް ހިމެނިފައި ވެއެވެ. މި ދެ ބަހަކީވެސް ކަނާތުން ވައަތަށް ލިޔާ ދެ ބަހެވެ. އެހެން ނަމަވެސް މި ދެބަސް ކޮންޕިއުޓަރުގައި ބޭނުން ކުރަން ފެށުމުން ކޮރެލްޑުރޯއަށް އިތުރު ކެރެކްޓަރތަކެއް ދަސްވެއެވެ. ނުވަތަ ކަނާތުން ވާތަށް ލިޔާ ދިވެހިބަސް ބޭނުން ކުރުމަށް އެހީވެދޭ ލެންގުއޭޖް ސަޕޯޓް އިތުރަށް ފުރިހަމަ ވެގެން ދެއެވެ. އެހެން ކަމުން ކޮރެލްޑްރޯގައި ދިވެހިން ފަސޭހަކަމާއެކު ލިޔުމަށް އެހީތެރިވެދެއެވެ.
ދިވެހިބަސް އެކަނި އިންސްޓޯލް ކުރުމަކުން އަދި ކޮރެލްޑްރޯގައި މައިކްރޯސޮފްޓް ވޯޑްގައި ލިޔާހާ ފަސޭހައިން ނުލިޔެވިދާނެއެވެ. އެހެން ނަމަވެސް ކޮންޕިއުޓަރަށް ނުވަތަ ވިންޑޯސްއަށް އިތުރު ކުރެވިފައިވާ ލެންގުއޭޖްތަކުގެ ލިސްޓަށް އަރަބިބަސް އިތުރު ކޮށްލާށެވެ. އެ ގޮތުން ސައުދީ އަރަބި ބަސް އިންސްޓޯލް ކުރެވިދާނެއެވެ. އެއަށްފަހު ކޮރެލްޑްރޯ ހުޅުވާލުމަށްފަހު ފުރަތަމަ އަރަބި ބަހުން އަކުރު ތަކެއް ލިޔެލާށެވެ. އޭރުން ކޮރެލްޑްރޯއަށް ބޭނުންވާ ކަނާތުން ވައަތަށް ލިޔާނެ ހުރިހާ ބޭނުންތެރި ސެޓިންއެއް ހުންނާނީ އޮޓޯއިން ހެދިފައެވެ. ދެން އެ އަކުރުތައް ފޮހެލުމަށްފަހު ދިވެހި ބަހަށް ވިންޑޯސްގެ ލެންގުއޭޖް ނުވަތަ ބަސް ބަދަލު ކޮށްލާށެވެ.
މި ބަދަލު ގެނެސް ކޮރެލްޑްރޯގައި ފަސޭހަކަމާއެކު ކަނާތުން ވައަތަށް މައިކްރޯސޮފްޓް ވޯޑްގައި ލިޔާގޮތަށް ލިޔެވޭނެއެވެ. ފަހަރަކު އަކުރެއް ލިޔުމަށްފަހު އިތުރު އެރޯ އަކަށް ނުވަތަ ކީބޯޑް ކީއަކަށް ފިތާކަށް ނުޖެހޭނެއެވެ. މައިކްރޯސޮފްޓް ވޯޑްގައި ލިޔަން ބޭނުންކުރާ ހުރިހާ ދިވެހިފޮންޓެއްވެސް ބޭނުން ކުރެވޭނެވެ. ކޮރެލްޑްރޯގައި ތާނައިން ލިޔުމަށް ހޭދަވާ ވަރަށް ގިނަ ވަގުތު މި ބަދަލާއެކު ސަލާމަތް ކުރެވޭނެއެވެ.