ބޭސްފަރުވާއަށް އިންޑިއާގެ ކޮޗިންއަށް ގޮސް ހުއްޓައި ގެއްލުނު ދިވެހި މީހާ ފެނިއްޖެއެވެ.
މިދިޔަ އަންގާރަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔައީ ކ. ތުލުސްދޫ/ ފަރިޝްތާ، މުހައްމަދު މަހުދީ، 35އ. އެވެ.
މަހުދީގެ ދައްތަ އާމިނަތު އަރުޝީ "ވަން" އަށް މިއަދު ބުނީ މީގެ ކުޑަ އިރުކޮޅެއް ކުރިން މަހުދީ ފެނުނު ކަމަށް އިންޑިއާ ފުލުހުން ގުޅާފައި މައުލޫމާތުދިން ކަމަށެވެ.
އަރުޝީ ބުނީ މަހުދީ ފެނުނު ސަރަހައްދަކީ އަމްރިތާ ހޮސްޕިޓަލާ ވަރަށް ދުރު ސަރަހައްދެއް ކަމަށާއި އެ ސަރަހައްދަށް މަހުދީ އާއެކު އިންޑިއާއަށް ދިޔަ އޭނާގެ ބައްޕަ އާއި ޅިޔަނު މިހާރު ދަތުރުކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންނަށް އިންޑިއާގެ ފުލުހުން ގުޅާފައި ބުނީ މަހުދީ ފެނިއްޖެއޭ، މިވެނި ޕޮލިސް ސްޓޭޝަނަކަށް އަންނާށޭ އޭނާއާ ހަވާލުވާން. ޕާސްޕޯޓާއި ހުރިހާ އެއްޗެއް ހިފައިގެން އަންނަން ބުނީ. އެހެންވެ ބައްޕަމެން މިހާރު އެ ދިމާލަށް ދަތުރުކުރަމުންދަނީ. އެއީ ވަރަށް ދުރު ހިސާބެއް،" އޭނާ ބުންޏެވެ.
އަރުޝީ ބުނީ މަހުދީ ފެނުނު އިރު ހާލު ރަނގަޅު ކަމަށް އިންޑިއާގެ ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އާއިލާއިން ހިއްސާކުރި ފޮޓޯއާއި ފެނުނު މީހާއާ ވައްތަރު ކަމަށާއި އެހެންކަމުން އެއީ މަހުދީކަން ޔަގީންވާ ކަމަށް ފުލުހުންނާ ހަވާލާދީ އަރުޝީ ބުންޏެވެ.
މަހުދީ އަކީ ނަފުސާނީ ބައްޔެއް ކަމަށްވާ ބައިޕޯލާ ޑިސްއޯޑާ ހުންނަ މީހެކެވެ. އޭނާ އިންޑިއާއަށް ދިޔައީ މިދިޔަ ހޯމަ ދުވަހުއެވެ. އަދި އޭނާ ގެއްލުނީ ޑޮކްޓަރަށް ދެއްކުމަށް އަންގާރަ ދުވަހު އަމްރިތާ ހޮސްޕިޓަލަށް ގެންދިއުމުން އެކަމާ ރުޅި އައިސްގެން ޒުވާބު ކުރުމަށްފަހު ހޮސްޕިޓަލުން ނުކުމެގެން ދިޔަ ފަހުން ކަމަށް އާއިލާއިން މައުލޫމާތުދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު