އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން ވަކިކުރުމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ގޮވާލައްވައިފިއެވެ.
ނިމިދިޔަ އެމްޑީޕީގެ ވާދަވެރި ރިޔާސީ ޕްރައިމަރީގައި، ރީކޯ މޫސަ މަސައްކަތްކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ޓީމާއެކުއެވެ. ޕްރައިމަރީގެ ތެރެއިންވެސް މޫސަ، ރައީސް ނަޝީދަށް ފާޑު ވިދާޅުވެ ރައްދުދެއްވަމުން ގެންދެވިއެވެ.
ރައީސް ސޯލިހު ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވި ނަމަވެސް، ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ތެރޭގައި އަމިއްލަ ވަކި ހަރަކާތެއް ފައްޓަވައިފައެވެ. ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ރައީސް ނަޝީދު ބޭނުންކުރެއްވި ސްލޯގަން "ފިކުރެއްގެ ދިރުން" ގެ ނަމުގައި ވަކި ފޯމެއް ފުރައިގެން ވަކި ގޮފިތަކެއް ޕާޓީ ތެރޭގައި ހެދުމުގެ މަސައްކަތް ރައީސް ނަޝީދު ވަނީ ފައްޓަވައިފައެވެ.
އެ ހަރަކާތަކީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓާ ދެކޮޅު ހަރަކާތެއް ކަމަށާއި، އެއީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ރައީސް ނަޝީދު ކުރައްވާ ކަމެއް ކަމަށްބުނެ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.
އެކަމާ ގުޅިގެން ރީކޯ މޫސަ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، "އެމްޑީޕީގެ ރައީސަކަށް ހުރެގެން ޕާޓީގެ މެމްބަރުންތަކެއްގެ ބޮލަށް އެރިގެން ކުރިންވެސް އޮތީ މުޅި އުމުރަށް މުސާރަ ލިބޭނެ މަގާމެއް ހޯދާފައި، މިހާރު ނަޝީދުގެ ބޭނުމަކީ މަޖިލިސްގެ ރައީސްކަމުން ބާލައިފާނެތީ ތިމަންނަ ފަހަތުގައި ޕާޓީ މެމްބަރުން ތިބިކަން ދެއްކުން،" ކަމަށެވެ.
އެހެންކަމުން ރައީސް ނަޝީދު ޕާޓީން ވަކިކުރުމަށް ރައީސް ސޯލިހަށް މޫސަ ވަނީ ގޮވާލައްވައިފައެވެ. ރައީސް ނަޝީދަށް ނިސްބަތްކުރައްވައި މުސާ އިތުރަށް ވިދާޅުވީ، "ކޮންމެ އަހަރެއްގެ ފެބްރުއަރީ މަސްތެރޭ ހަނދުބޮޑުވަނީ ބާވައޭ އެބަހިތަށް އަރާ؟ މީހުން ކިޔައި އުޅޭ ހަނދުބޮޑުވާ މޫސުމަށް މޮޔަވާ މީހަކު ބައެއް ރަށްރަށުގައި އުޅޭވާހަކަ،" ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު