އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ނުކުރައްވާނެ ކަމަށާއި ދެކޮޅަށް މަސައްކަތްކުރައްވާ ނަމަ، ފިޔަވަޅު އަޅާނެ ކަމަށް އެޕާޓީގެ ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕްރައިމަރީގެ އިންތިހާބީ ކޮމިޓީން އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބުރޭ ވިދާޅުވީ، އެމްޑީޕީން އަންނަ ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓް ވަނީ ކަނޑައެޅިފައި ކަމަށެވެ. އަދި ރިޔާސީ ކެންޑިޑޭޓާ ދެކޮޅަށް މަސައްކަތްކުރައްވާ ނަމަ، ޕާޓީން ފިޔަވަޅު އަޅާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޕާޓީގެ ކެންޑިޑޭޓާ އިދިކޮޅަކަށް ރައީސް ނަޝީދު މަސައްކަތެއް ނުކުރައްވާނެ. ނުކުރައްވާނެ ޕާޓީގެ ރައީސެއް," އިބުރޭ ވިދާޅުވިއެވެ.
އިބުރޭ ވިދާޅުވީ، އެމްޑީޕީގެ އަސާސީ ގަވައިދާ ރައީސް ނަޝީދު އަދި ހިލާފުވެވަޑައިގެންފައި ނުވާ ކަމަށެވެ. އެގޮތުން ޕާޓީގެ ތެރޭގައި ގޮފިތައް ހައްދަވައިގެން ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ޕާޓީގެ ކެންޑިޑޭޓާ ދެކޮޅަށް ކުރައްވާ މަސައްކަތެއް ނޫން ކަމަށް ވިދާޅުވިއެވެ.
އިބުރޭ ވިދާޅުވީ، ރައީސް ނަޝީދަކީ ޕާޓީއެއްގެ ތެރޭގައި ކަންކަން ހިންގާނެ ގޮތް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ބޭފުޅާ ކަމަށާއި އެހެންކަމުން ޕާޓީގެ ރައީސަކަށް ހުންނަވައި ޕާޓީގެ އަސާސްތައް އެމަނިކުފާނު މުގުރައިނުލައްވާނެ ކަމަށެވެ.
އިބުރޭ އިތުރަށް ވިދާޅުވީ، އެމްޑީޕީގެ އާދަޔާހިލާފު ކޮންގްރެސެއް ބާއްވައި، އަސާސީ ގަވައިދު ބަދަލުކުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އަދި އެކަން ކުރުމަށް ހުރަހެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ މިއަދު އިއުލާންކޮށްފައިވާ އިރު، 24566 ވޯޓާއެކު ރައީސް ސޯލިހު ވަނީ ރިޔާސީ ޓިކެޓު ކާމިޔާބުކުރައްވައިފައެވެ. އެ އިންތިހާބުން ނާކާމިޔާބުވެވަޑައިގަތް ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 15641 ވޯޓެވެ.
ރިޔާސީ ޕްރައިމަރީއަށް ފަހު، ރައީސް ނަޝީދު ގެންދަވަނީ "ފިކުރެއްގެ ދިރުން"ގެ ނަމުގައި އެމްޑީޕީގެ ތެރެއިން ގޮތްޕެއް ހެއްދެވުމުގެ މަސައްކަތްކުރައްވަމުންނެވެ. ނަމަވެސް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެކަން އަދި އިއުލާންކުރައްވައިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު