މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ އިއުލާންކޮށްފިއެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަދި އިންތިހާބު ކޮމިޓީގެ މެމްބަރު، އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ، ޕްރައިމަރީގެ ވަގުތީ ނަތީޖާއަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.
އެގޮތުން، އިންތިހާބު ކާމިޔާބުކުރެއްވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް 26،566 ވޯޓު ލިބިވަޑައިގެންނެވި އިރު، އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 15،641 ވޯޓު ކަމަށް ވިދާޅުވިއެވެ. ރައީސް ސޯލިހު ވަނީ 61 ޕަސަންޓުގެ ވޯޓު ހޯއްދަވައިފައެވެ. އަދި ނަޝީދު ހޯއްދެވީ 39 ޕަސަންޓުގެ ވޯޓެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 57،255 މީހަކަށް އޮތެވެ. ނަމަވެސް ވޯޓު ލާފައިވަނީ 40،887 މީހެކެވެ. އެއީ 71.41 ޕަސަންޓް މީހުންނެވެ.
އިބުރޭ ވިދާޅުވީ، ޕްރައިމަރީއާ ގުޅިގެން ލިބިފައިވަނީ 54 ޝަކުވާ ކަމަށާއި އެ ހުރިހާ ޝަކުވާއަކަށްވެސް މިއަދުގެ ވަގުތެއްގައި ލިޔުމުން ޖަވާބު ދޭނެ ކަމަށެވެ.
"އިންތިހާބާ ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތައް ބެލިއިރު ނަތީޖާއަަށް ބަދަލު އަންނާނެ ޝަކުވާއެއް ނެތް،" އިބުރޭ ވިދާޅުވިއެވެ.
ޕްރައިމަރީ ކުރިއަށްދިޔައީ އިންސާފުވެރިކޮށްކަން ފާހަގަކުރައްވައި އިބުރޭ ވިދާޅުވީ، އިންތިޒާމީ ބައެއް ކަންކަން ފާހަގަވި ނަމަވެސް، އިންތިހާބުގެ ކަންކަން ކުރިއަށްދިޔައީ އޮމާންކަމާއެކު ކަމަށެވެ.
މީގެ އިތުރުން އިންތިހާބުގައި ފާހަގަވި ބައެއް ކަންކަން، އަދި އިސްލާހުކުރަން ފެންނަ ބައެއް ކަންކަން ޗެއާޕާސަނަށް އަރުވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު