ޓެކްނޮލޮޖީ

ކަންފަތް ސާފުކޮށްދޭ ހެޑްސެޓް!

އާދަމް ނަސީރު

ހެޑްސެޓް ކިޔާ ކޮންމެ ފަހަރަކު ހިތަށް އަރާނީ ލަވަ އަޑުއަހަން ބޭނުން ކުރާ އެކި ވައްތަރުގެ ހެޑްސެޓްތަކެވެ. ހެޑްފޯން ނުވަތަ ލަވަޖަހަން އަޅާ، މުޅި ކަންފަތް ފޮރުވޭ ހެޑްސެޓް ފަދައިން ކަންފަތުގައި އަޅާ ސުމާޓް ޑިވައިސެއް ބޭނުން ކޮށްގެން މިހާރު ރީތިކޮށް ކަންފަތް ސާފު ކޮށްލެވޭނެއެވެ. "އެއީ އާދަޔާ ހިލާފަށް ހިތްހަމަޖެހޭ ކަމެއް،" ކަމަށްވެސް ބައެއް މީހުނެ ބުނެއެވެ. ބައެއް މީހުން ބުނާ ގޮތުގައި ކަންފަތް ހިރުވައިގަތުމުން ކަންފަތަށް ދޫނި ފިޔައެއް ނުވަތަ ކޮޓަންބަޑެއް ލައްވައިގެން ކަންފަތް ކަހާލުމަކީ ވެސް ވަރަށް އަރާމު ކަމެކެވެ.

އެހެން ނަމަވެސް ޓެކްނޮލޮޖީގެ މި ޒަމާނުގައި ކަންފަތް ސާފުކުރަން ވެސް މިހާރު މި އޮތީ ސުމާޓް ޑިވައިސެއް ލިބިފައެވެ. މި ހެޑްސެޓް އުފެއްދުމުގެ ފަހަތުގައި އޮތީ "ސަފްކަން ހެލްތު" ނަމަކަށް ކިޔާ ކުންފުންޏެކެވެ. އެ ކުންފުނީގެ އަމާޒަކީ ކަންފަތް ސާފުކުރުމަށް ބައެއް ހާލަތްތަކުގައި ޑޮކްޓަރުން ކައިރިއަށް ދާންޖެހޭ ޖެހުން ނައްތައިލުމެވެ. ކޮންމެ ފަހަރަކު ކަމެއްވާއިރަށް ހޮސްޕިޓަލަށް އަދި ކުލިނިކަށް ދިއުން މަދު ކުރުމެވެ.

އެތައް ސަތޭކަ ކްލިނިކެއްގައި ބަހައްޓާފައިވާ ކަންފަތް ސާފުކޮށްދޭ ޑިވައިސް ސުމާޓް ޑިވައިސް އިތުރަށް ފުރިހަމަ ކުރުމަށާއި މާކެޓިން ފުޅާކޮށް އިތުރު ހަރުފަތަކަށް ގެންގޮސްދިނުމަށް ދާދި ފަހުން ސްޓާޓްއަޕް އިން ވަނީ 8 މިލިއަން ޑޮލަރު ހޯދައިފަ އެވެ. މިއީ 2016 ގައި އުފެއްދި ކުންފުންޏެކެވެ. ޖެހިގެން އައި އަހަރު ސީއެޓްއެލް އެންޖެލް ކޮންފަރެންސްގައި ބޭއްވި ސްޓާޓްއަޕް މުބާރާތަކުން އެންމެ މަތީ އިނާމު ވެސް ހޯދީ ސަފްކަން ހެލްތު ކުންފުނިންނެވެ. އޭރު އެ ޑިވައިސަކީ ހަމައެކަނި ބްލޫޕްރިންޓެކެވެ.

މި ކުންފުނީގެ އެއް ހިއްސާދާރު، އާދިލް އަށް ކުޑައިރުއްސުރެ ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ކަންފަތުގައި ވެކްސް އުފެދުމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކަމުގެ އަސަރު ހުންނަ އެތައް މިލިއަން މީހުނެއް ދިރިއުޅެއެވެ. ގާތްގަނޑަކަށް %10 ކުޑަކުދީންނާއި %5 ބޮޑެތި މީހުންގެ ކަންފަތުގައި ވެކްސް އިތުރަށް އުފެދެއެވެ. މި މައްސަލައިގެ ތެރޭގައި އަޑުއިވުން ދަށްވުމާއި، ރިހުން ވެސް ހިމެނެއެވެ.

އާންމުކޮށް ކަންފަތް ސާފު ކުރުމަށް ހޮސްޕިޓަލަށް އަދި ކުލިނިކަށް ގޮސް ވެކްސް ސާފުކުރުމަށް ފެން ޖަހައިގެން ވެކްސް ފޮހެލާއިރު، މިއީ ވަގުތު ނަގާ ކަމެކެވެ. އަނެއް ގޮތަކީ ސްޕެޝަލިސްޓެއްގެ ފަރާތުން ފަރުވާ ހޯދުމެވެ. މި ކުންފުނިން އުފެއްދި އޮޓޯސެޓަކީ ބޭނުންކުރަން އަވަސް އަދި ފަސޭހަ އެއްޗެކެވެ. އެއީ ފެން ހިންދުމާއި ސުކްޝަން ވެސް ބޭނުންކޮށްގެން ކަންފަތް ސާފުކުރާ އެއްޗަކަށް ވާއިރު، އެކަމަށް ނަގަނީ އެންމެ މިނެޓެކެވެ.