އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ)ގެ ރައީސްގެ މަގާމަށް ބަހްރޭނުގެ ޝެއިހް ސަލްމާން ބިން އިބްރާހިމް އެލް ހަލީފާ އަނެއްކާވެސް އިންތިހާބުވެވަޑައިގެންފިއެވެ.

ބަހުރޭންގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ ޝެއިހް ސަލްމާން، އޭއެފްސީގެ ރައީސްގެ މަގާމުގެ ތިންވަނަ ދައުރަކަށް މިއަދު އިންތިހާބުވެވަޑައިގަތީ، ބަހްރޭނުގައި ކުރިއަށްގެންދިޔަ އޭއެފްސީ ކޮންގްރެސްގައެވެ. ޝެއިހް ސަލްމާނަކީ ފީފާގެ ނައިބު ރައީސްގެ މަގާމު ވެސް މިވަގުތު ފުރުއްވަމުން އަންނަ ފަރާތެވެ.

މިއަދު ގަލްފް ކޮންވެސްޝަން ސެންޓަރުގައި ބޭއްވި ކޮންގްރެސްގައި 2027 ވަނަ އަހަރާ ހަމައަށް އޭއެފްސީގެ އާ ހިންގާ ކޮމިޓީ އިންތިހާބުކޮށް، އޭއެފްސީން ފީފާ ކައުންސިލްގައި ތަމްސީލުކުރާނެ މެމްބަރުންވެސް ވަނީ ކަނޑައަޅައިފައެވެ.

ވާދަކުރާނެ އިތުރު ކެންޑިޑޭޓަކު ނެތި، ޝެއިހް ސަލްމާން ރައީސް ކަމުގެ އިތުރު ދައުރެއް މިއަދު ފައްޓަވާއިރު، އޭނާ އެންމެ ފުރަތަމަ 2013 ވަނަ އަަހަރު އޭއެފްސީގެ އިސް ވެރިޔާގެ މަގާމާ ހަވާލުވެވަޑައިގަތީ، އޭރުގެ ރައީސް މުހައްމަދު ބިން ހަންމާމު މަގާމުން ވަކިވެވަޑައިގެންނެވުމުންނެވެ.

މިއަދުގެ ކޮންގްރެސްގައި ސައުދީ އަރަބިއާއަށް ސަމާލުކަން ދީފައިވާ އިރު، 19 ވަނަ އޭޝިއަން ކަޕަށް އެގައުމު ދަނީ މިހާރު ތައްޔާރުވަމުންނެވެ. އޭގެ އިތުރުން 2030 ވަނަ އަހަރު ވޯލްޑް ކަޕަށް ސައުދީން ކުރަމުންދާ ބިޑަށް އޭއެފްސީ ގައުމުތަކުން ވަނީ ވާހަކަ ދައްކައިފައެވެ.