ގައުމުތަކުގައި ކޮރަޕްޝަން އަށަގެންފައިވާ މިންވަރު ބެލުމަށް ކޮންމެ އަހަރަކު އާންމު ކުރާ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ރޭންކިންގައި ރާއްޖެއަށް ކުރިއެރުމެއް ނުލިބި، އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް ދައްކައިފިއެވެ.
މިއަދު ނެރުނު މިދިޔަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި 185 ގައުމުގެ ތެރެއިން ރާއްޖެ އޮތީ 40 ޕޮއިންޓާ އެކު 85 ވަނައިގައެވެ. 2021 ވަނަ އަހަރު ވެސް ރާއްޖެ އޮތީ 85 ވަނައިގައެވެ.
ސީޕީއައިގެ މިންގަނޑު ކަނޑައަޅަނީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންސް، ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އަދި ވޯލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް (ސީޕީއައިއޭ) އަށް ބަލައިގެންނެވެ.
ސީޕީއައިއާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެހެން އަހަރުތަކެކޭވެސް އެއް ފަދައިން ރާއްޖޭގައި މައްސަލަތައް ތަހުގީގުކޮށް، ދައުވާކޮށް، ގާނޫނުތައް ތަންފީޒުކުރުން ބަލިކަށިވުމުގެ ސަބަބުން ސިޔާސީ ފަރާތްތަކާއި ދައުލަތުގެ މުވައްޒަފުން ޒިންމާދާރު ނުކުރެވޭކަން ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ.
އެ ބަޔާނުގައި ބުނީ، ސަރުކާރުގެ މަތީ ފަޑީގައި ތިބޭ ބައެއް ފަރާތްތަކުން އާންމުނަށް ގެއްލުންވާ ގޮތަށް ނުހައްގުން މަންފާ ހޯދާ ކަމަށެވެ.
ރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައް ކުޑަކުރުމަށް، ޓްރާންސްޕޭރެންސީން ވަނީ ސަރުކާރަށް ބައެއް ހުށަހެޅުންތައް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި އެސެޓް ޑިކްލަރޭޝަން ބިލް ފާސްކޮށް ނުހައްގުން މުއްސަނދި ވުމާއި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމާއި މާލީ ބަޔާން ހާމަކުރުމުގެ ފުރިހަމަ ނިޒާމެއް އެކުލަވާލުމާއި ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގު އަވަސްކުރުމާއި ހިއުމަން ޓްރެފިކިންއާ ދެކޮޅަށް މަސައްކަތްކޮށް ވިސްލްބްލޯ ކުރާ މީހުން ރައްކާތެރިކުރުމުގެ ގާނޫނު ތަންފީޒުކުރުން ފަދަ ކަންކަން ހިމެނެއެވެ.
ޓްރޭންސްޕޭރެންސީން ވަނީ، މި އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން ދާއިރު، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުރާ ކަންކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.