ކުޅިވަރު

އަލްޖީރިޔާ އާއި ސެނެގޯލް ސެމީފައިނަލަށް

އަލްޖީރިޔާގައި މިހާރު ކުރިއަށްދާ އެފްރިކަން ނޭޝަންސް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް އަލްޖީރިޔާ، ސެނެގޯލް، އަދި ނީޖަރާއި މަޑަގަސްކަރަ ދަތުރުކޮށްފިއެވެ.

އަލްޖީރިޔާއިން ސެމީގެ ފުރަތަމަ ޖާގަ ހޯދީ ހުކުރު ދުވަހު ކުއާޓާ ފައިނަލުގައި އައިވަރީކޯސްޓާ ވާދަކޮށް އެކެއް ސުމަކުން މޮޅުވެގެންނެވެ. ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި ހޮނިހިރު ދުވަހު ސެނެގޯލް މޮޅުވީ އަވަށްޓެރި މޮރިޓޭނިޔާއާ ވާދަކޮށް އެކެއް ސުމަކުންނެވެ. ސެމީފައިނަލުގެ ތިންވަނަ ޖާގަ ނީޖަރުން ހޯދީ ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި ހޮނިހިރު ދުވަހު ގާނާއާ ވާދަކޮށް ދޭއް ސުމަކުން މޮޅުވެގެންނެވެ. ސެމީގެ ހަތަރުވަނަ އަދި ފަހު ޖާގަ މަޑަގަސްކަރައިން ހޯދީ ކުއާޓާ ފައިނަލުގައި އަވަށްޓެރި މޮޒަމްބީގާ ވާދަކޮށް ތިނެއް އެކަކުން މޮޅުވެގެންނެވެ.

ސެމީފައިނަލުގެ ދެ މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުގެ ރޭގަނޑުއެވެ. މާލޭގަޑިން ނުވައެއް ޖަހާއިރު ފަށާ މެޗުގައި ވާދަކުރާނީ އަލްޖީރިއާ އާއި ނީޖަރެވެ. ދަންވަރު ބާރަ ޖަހާއިރު ފަށާ މެޗުގައި ވާދަކުރާނީ މަޑަގަސްކަރަ އާއި ސެނެގޯލެވެ. މީގެ ތެރެއިން މަޑަގަސްކަރައަކީ މި މުބާރާތުގެ އެންމެ އަޖައިބު ޓީމެވެ. އެންމެ ގިނަ ލަނޑުޖަހައި އެންމެ ހައިރާންކުރުވަނިވި ނަތީޖާތަކެއް ނެރެފައިވަނީވެސް އެޓީމުންނެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ ފަހެއްވާ އާދީއްތަ ދުވަހުއެވެ. ތިންވަނަ ހޮވާ މެޗު ކުޅޭނީ ފެބްރުއަރީ ހަތަރެއްވާ ހޮނިހިރު ދުވަހުއެވެ. އެފްރިކަން ނޭޝަންސް ޗެމްޕިއަންޝިޕަކީ ހަމައެކަނި އަމިއްލަ ގައުމުގެ ލީގުގައި ކުޅޭ ކުޅުންތެރިން ކޮންމެ ޓީމެއްގައިވެސް ހިމެނިގެން ކުޅޭ މުބާރާތެކެވެ. އެހެންވީމާ ޔޫރަޕުގެ ބޮޑެތި ކުލަބުތަކަށް ކުޅޭ ނަން މަޝްހޫރު ތަރިން މި މުބާރާތަކުން ނުފެނެއެވެ. އަދި އެފްރިކާގައި އެންމެ ވަރުގަދަ ލީގުތައް އޮންނަ މިސްރާއި މޮރޮކޯ އަދި ޓިއުނީޝިޔާވެސް މިފަހަރުގެ މުބާރާތުގައި ވާދައެއް ނުކުރެއެވެ.