ކީރިތި ގުރުއާނުގެ މުސްހަފުތައް އެންދުމުގެ އައު އޮއިވަރެއް ޔޫރަޕުގައި މިވަގުތު ވަނީ ފެށިފައެވެ. މިކަމުގެ ފަހަތުގައި ހުރި އިސްމީހަކަށް ފެންނަނީ ޑެންމާރކަށް ނިސްބަތްވާ ކަނާތުފިޔައިގެ ހަރުކަށި ފިކުރުގެ ސިޔާސީ މީހެކެވެ. ނަމަކީ ރަސްމުސް ޕަލޫޑާންއެވެ. އޭނާއަށް ސުވިޑަން އާއި ޑެންމާރކުގެ ރަށްވެހިކަންވެސް އޮވެއެވެ. ގުރުއާނުގެ މުސްހަފުތައް އެންދުމުގެ ފުރަތަމަ ހަރަކާތް އޭނާ ހިންގާފައިވަނީ ކުރިއަށްމިދާ ޖެނުއަރީ މަހުގެ އެކާވީސްވަނަ ދުވަހު ސުވިޑަންގައެވެ. މިކަން ހިންގީ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ ތުރުކީގެ އެމްބަސީގެ ކުރިމަތީގައެވެ. ތުރުކީއަކީ އިސްލާމީ ގައުމަކަށްވުމާއެކު މި އަމަލަކީ ތުރުކީ ރުޅިއެރުވުމަށް އަމާޒު ކުރެވިގެން ހިންގިފައިވާ އަމަލެކެވެ. ފަހަތުގައި ސިޔާސީ ބޭނުންތަކެއްވެސް ހުރެގެންނެވެ. އެ ބޭނުންތަކަށް ބަލައިލަމާބަހީއެވެ.
ސުވިޑަންގެ ހާދިސާއަށް އެއްހަފުތާ ފަހުން މިދިޔަ ހުކުރުދުވަހު ހަމަ އެމީހާ ވަނީ ޑެންމާރކުގެ ވެރިރަށް ކޯޕަންހޭގަންގައި ހުންނަ ތުރުކީގެ އެމްބަސީގެ ބޭރުގައި އަނެއްކާވެސް ގުރުއާނުގެ މުސްހަފެއް އަންދައިފައެވެ. އެވަރަކުން އަދި ނުނިމެއެވެ. އެތަނާ މާދުރުނޫން ހިސާބެއްގައި ހުރި މިސްކިތެއްގެ ބޭރުގައިވެސް އެމީހާ ވަނީ ގުރުއާނުގެ މުސްހަފެއް އަންދައިފައެވެ. ޖެހިޖެހިގެން ދެހަފުތާގައި މިކަންކުރުމަށްފަހު އިއުލާންކުރިއެވެ. ނޭޓޯގެ މެންބަރުކަން ސުވިޑަންއަށް ލިބެންދެން ކޮންމެ ހުކުރުދުވަހަކުވެސް މިކަން ކުރާނަމެވެ. ސުވިޑަންއަށް ނޭޓޯގެ މެންބަރުކަން ނުލިބިގެން އުޅެނީ ތުރުކީގެ ދެކޮޅުހެދުންތަކުގެ ސަބަބުންނެވެ. އެކަން ނިމުމަކަށް ގެނެވެންދެން ގުރުއާން އަންދާނަމެވެ. ތުރުކީގެ ދެކޮޅުހެދުންތައް ނިންމައިލީމާ ގުރުއާން އެންދުންވެސް ނިންމައިލާނަމެވެ. މިދެކަންތައް އޮތީ ގުޅިފައެވެ.
ހުސްވި އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާގެ ލަޝްކަރުތައް ޔުކްރޭނަށް އަރައިގަތުމާ ގުޅިގެން ރަޝިޔާގެ އަވަށްޓެރިންގެ ތެރެއިން ފިންލެންޑާއި ސުވިޑަން ވަނީ ޒަމާނުއްސުރެ އެ ދެގައުމުން ގެންގުޅެމުން އައި އަސްކަރީގޮތުން ވަކިއަތަކަށް ނުޖެހުމުގެ ސިޔާސަތު ދޫކޮށްލައި ނޭޓޯ ޖަމާއަތުގައި ބައިވެރިވުމަށް އެދިފައެވެ. ނޭޓޯއަކީ އެތައް ގައުމެއް ބައިވެރިވެގެން އުފައްދާފައިވާ އަސްކަރީ ޖަމިއްޔާއެކެވެ. ދިފާއީ އައްޑަނައެކެވެ. މި ޖަމާއަތުގައި އައު މެންބަރަކު ބައިވެރިކުރެވޭނީ މިހާރުވެސް އެޖަމާއަތުގައި ހިމެނޭ އެންމެހައި މެންބަރުންގެ ރުހުން އެކަމަށް ލިބިގެންނެވެ. ތުރުކީއަކީ ނޭޓޯގެ މެންބަރެކެވެ. އާދައިގެ މެންބަރެއް ނޫނެވެ. ވަރަށް މުހިންމު މެންބަރެކެވެ. ސުވިޑަންއަށް ނޭޓޯގައި ބައިވެރިވެވޭނީ ތުރުކީގެ ރުހުން ލިބިގެންނެވެ. ހުރިހާ މެންބަރުންވެސް އިއްތިފާގު ވެގެންނެވެ.
ސުވިޑަން އާއި ފިންލެންޑަށް ނޭޓޯގެ މެންބަރުކަން ދިނުމާމެދު ތުރުކީން އައީ ޝަރުތުތަކެއް ކުރިމަތިކުރަމުންނެވެ. އޭގެތެރޭގައި ހިމެނެނީ ތުރުކީން ޓެރަރިސްޓުންކަމުގައި ކަނޑައަޅާފައިވާ ޖަމާއަތްތަކަށް ނިސްބަތްވާ މީހުންނަށް އެ ދެގައުމުން ހިމާޔަތް ނުދިނުމާއި ތުރުކީއާ ދެކޮޅު ހަރަކާތްތަކަށް އެދެގައުމުން ޖާގަ ނުދިނުންފަދަ ކަންކަމެވެ. ތުރުކީން އިޝާރާތްކުރާ ޓެރަރިސްޓް ޖަމާއަތްތަކަކީ ތުރުކީގައި ވަކިވެގަތުމުގެ ހަރަކާތް ހިންގާ، ނުވަތަ ވަކިވެގަތުމަށް ތާއީދުކުރާ ކުރުދީންގެ ޖަމާއަތްތަކެވެ. ވަކިން ޚާއްސަކޮށް ސުވިޑަންއަކީ އެފަދަ ޖަމާއަތްތަކުގެ ހަރަކާތްތައް ގިނަ، އަދި އެ ޖަމާއަތަތަކުގެ މީހުންނަށް ހިމާޔަތްދިނުން އަވަސް ގައުމެކެވެ. އެކަން ނިމުމަކަށް ގެނައުމަކީ ތުރުކީގެ އެންމެ އިސް ޝަރުތެވެ. އެކަން ކުރެވެންއޮތީ ބައެއް ގާނޫނުތަކަށްވެސް ބަދަލު ގެނެސްގެންނެވެ.
ތުރުކީގެ ދެކޮޅުހެދުންތައް ހުއްޓައިލެވޭނޭ ގޮތް ފަހިކުރުމަށްޓަކައި ފާއިތުވި އަހަރެއްހައި ދުވަހު ފިންލެންޑާއި ސުވިޑަނުން އައީ ތުރުކީއާ މަޝްވަރާ ކުރަމުންނެވެ. ވާހަކަ ދައްކަމުންނެވެ. ތުރުކީގެ އެދުންތަކަށް ދީލައިލުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކަށް ކޮންމެވެސް މިންވަރަކަށް ދިޔައީ ތައްޔާރުވަމުންނެވެ. އެހެންނަމަވެސް ހުރިހާ ކަމަކަށް އެއްބަހެއް ނުވެވެއެވެ. ބޮޑެތި ޚިލާފުތައް ހުރިގޮތަށް ހުރީއެވެ. ދޭތެރެޔަކުން އުންމީދު އައުވެލާފައި އަނެއްކާވެސް ކޮންމެވެސް އައު ހުރަހެއް ކުރިމަތިވެއެވެ. ސްޓޮކްހޯމްގައި ހުންނަ ތުރުކީގެ އެމްބަސީގެ ކުރިމަތީގައި ގުރުއާން އެންދުމުގެ ހަރަކާތް ހިންގީ އުންމީދުތައް އައުވެފައިވާ ދަނޑިވަޅެއްގައެވެ. އެހެންވީމާ މިކަމަކީ ތުރުކީ ރުޅިއަރުވައި ހުރިހާކަމެއް ނާކާމިޔާބުކޮށްލުމުގެ އައު މަގުސަދުތަކެއް ހިމެނޭ ކަމެއްކަމަށް ޔަގީންކުރެވެއެވެ.
ސްޓޮކްހޯމްގައި ގުރުއާން އެންދުމުގެ ހަރަކާތް ރަސްމުސް ޕަލޫޑާން ހިންގި އިރު އޭނާއަށް ހިމާޔަތްދީގެން ތިބީ ސުވިޑަންގެ ފުލުހުންނެވެ. އަދި އެތާގައި ބޭނުން ހަރަކާތެއް ހިންގައި ބޭނުން ވާހަކައެއް ދެއްކުމުގެ ހުއްދަދިނީ ސުވިޑަންގެ ދާޚިލީ ވުޒާރާއިންނެވެ. މިކަމާ ގުޅިގެން ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެފައިވަނީ ނޭޓޯއަށް ސުވިޑަންގެ މެންބަރުކަން ދިނުމަށް ތުރުކީން އެއްބަސްވާނެ ކަމަށް ހީކުރުން މިހިސާބުން ދޫކޮށްލަންޖެހޭ ކަމުގައެވެ. ޖެހިގެން އައި ހަފުތާގައި ޑެންމާކުގައި މިސަކަރާތެއް ޖެހީ އުރުދުޣާނަށް ރައްދުދިނުމުގެ ގޮތުންނެވެ. މިކަން ހިންގުމުގެ ހުއްދަ ދިނީ ޑެންމާކުގެ ސަރުކާރުންނެވެ. ޕަލޫޑާންއަށް ހިމާޔަތް ދީގެންތިބީ ޑެންމާކުގެ ފުލުހުންނެވެ. ހިންގާނެ ހަރަކާތެއް ހިންގުމަށްފަހު އޭނާ އެތަނުން ދުރަށް ދިޔައީވެސް ޑެންމާރކުގެ ފުލުހުންގެ ހިމާޔަތުގައި އެމީހުންގެ އުޅަނދެއްގައެވެ.
ގުރުއާން އެންދުމުގެ ހަރަކާތަކީ ތުރުކީއަށް އަމާޒުކުރެވުނު ހަރަކާތެއް ކަމުގައިވިޔަސް މިއީ މުޅި އިސްލާމީ ދުނިޔެއާ ދެކޮޅަށް ހިންގުނު ހަރަކާތެކެވެ. އެންމެހައި މުސްލިމުންނާ ދެކޮޅަށް ނަފުރަތާއި ހަސަދައިގެ އަލިފާން އެންދުމަށް ހިންގުނު ބިރުވެރި ހަރަކާތެކެވެ. އެހެންވީމާ މިކަމާ ދެކޮޅު ހެދުމުގެ ގޮތުން އިސްލާމީ ދުނިޔޭގެ ކަންކޮޅުތަކުގައި މިހާރުވަނީ ސުވިޑަން އާއި ޑެންމާރކާ ދެކޮޅަށް ހަޅުތާލުކުރަން ފަށައިފައެވެ. ޚާއްސަކޮށް ހުކުރުދުވަހުއެވެ. ޕާކިސްތާނާއި އިންޑޮނީޝިޔާ އާއި އިރާގާއި މިސްރުފަދަ ގައުމުތަކުގައެވެ. އަނެއްކޮޅުން ޑެންމާރކާއި ސުވިޑަންގެ ސަފީރުން ތުރުކީގެ ޚާރިޖިއްޔާއަށް ހާޒިރުކޮށް ތުރުކީންވަނީ ނުހަނުބޮޑަށް އިހުތިޖާޖުވެސް ކޮށްފައެވެ. ދީނީ ހަސަދަޔާއި ނަފުރަތުގެ އަލިފާން އަންދައިގެން ލިބޭނެ މޮޅެއްނެތްކަން ސާފުބަހުން ވަނީ އަންގައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ