ޚަބަރު

ނޮޅިވަރަމް ދަނޑުގައި ޓާފު އަޅަން ތިން ދުވަހަށް ވެފައި ވަނިކޮށް ޓާފުތަކުގައި ރޯކޮށްލައިފި

ރިފާ ހަލީލު

ހދ. ނޮޅިވަރަމް ދަނޑުގައި އެޅުމަށް ގެންގޮސްފައިވާ ޓާފުތަކުގައި ރޯކޮށްލައިފިއެވެ.

ނޮޅިވަރަމް ކައުންސިލް ރައީސް ޔޫސުފް މޫސާ "ވަން" އަށް މިއަދު ވިދާޅުވީ ފުޓުބޯޅަ ދަނޑުގައި އަޅަން ގެނެސްފައި ހުރި ޓާފުތަކުގައި ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ ދަންވަރު 3:35 ހާއިރު ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމުން އެ ސަރަހައްދަށް ދިޔަ އިރު، މުޅި ސަރަހައްދުގައި އެއްކޮށް ރޯވެފައިވާ ކަމަށެވެ.

ޔޫސުފް ވިދާޅުވީ ރޯވެފައިވާ އަލިފާންގަނޑު ނިއްވާލެވުނީ ހެނދުނު 6:00 ހާއިރު، ރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ. އަދި މިކަމަކީ ގަސްދުގައި ބަޔަކު ކުރި ކަމެއްކަން ބުނަން އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ނުފެނޭ ބަޔަކު ރޯކުރި ތަނެއް. އެކަމަކު މިއީ ހަމަ ހުރެލާފަ ހުޅުހިފާނެ އެއްޗިއްސެއް ނޫން. މިއޮތް ހުރިހާ އަހަރުތަކެއް ވަންދެން މި ޓާފުތައް މި ދަނޑުގައި ހުރި އިރު ރޮލެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެތައް ގޮންޖެހުންތަކާ އެކު ދިގުލައިގެންދިޔަ ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި ޓާފް އަޅަން ތިން ދުވަހަށް ވެފައިވަނިކޮށް ބަޔަކު ޓާފުތަކުގައި ގަސްދުގައި ރޯކޮށްލާފައިވާ ކަމަށެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ އެތައް މިލިއަން ރުފިޔާގެ ގެއްލުންދީ ގަސްތުގައި ރަށުގެ ތަރައްގީއަށް ހުރަސްއެޅުމަކީ ވަރަށް ދެރަ އަދި ފިނޑި އަމަލެއް ކަމަށެވެ.