އެޕަލް ކުންފުނީގެ އައިފޯނަކީ ތަފާތު އެކިއެކި ފެކްޓަރީތަކުގައި އުފައްދައިދޭ ފޯނުތަކެކެވެ. އެ ގޮތުން އެޕަލްގެ އެންމެ ގިނަ އައިފޯނު އުފައްދަމުން އައީ ޗައިނާގެ ފެކްޓަރީތަކުގައެވެ. އެ ފެކްޓަރީ ތަކުގެ ތެރޭގައި މަޝްހޫރު ފޮކްސް ކޮން ކުންފުނި އަދި ވިސްޓްރޯން ހިމެނެއެވެ. އިންޑިޔާގައި ހުރި އެޕަލް އައިފޯނު އުފައްދާ ފެކްޓަރީ އަކީ ވިސްޓްރޯންގެ ފެކްޓަރީ ތަކެކެވެ. އެހެން ނަމަވެސް އެންމެ ފަހުގެ ބައެއް ރިޕޯޓުތައް ބުނާގޮތުގައި އިންޑިޔާގެ ކަރުނާޓަކާގައި ހުރި އެޕަލް ކުންފުނީގެ އައިފޯނު އުފައްދާ ފެކްޓަރީ ޓާޓާ ކުންފުނިން ގަތުމުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތުގައެވެ. އެހެން އެކަން ވެއްޖެ ނަމަ އެޕަލް ކުންފުނީގެ އައިފޯނުތައް ދެން އުފައްދައިދޭނީ އިންޑިޔާގެ އެންމެ ބޮޑު އެއްކުންފުނި ކަމަށްވާ ޓާޓާގެ އަމިއްލަ ފެކްޓަރީތަކުގައެވެ.

މިއަހަރު މާޗް މަހުގެ ފަހުކޮޅު މި ފެކްޓަރީ ގަތުމުގެ ވިޔަފާރި ނިމޭނެކަމަށް ގިނަ ރިޕޯޓުތައް ބުނެއެވެ. މި ވިޔަފާރި ނިމުމާއި އެކު ޓާޓާއާއި ވިސްޓްރޯން އަށް އިންޑިއާ ސަރުކާރުން ވަކި ހާއްސަ އިނާޔަތްތަކެއް ލިބުމުގެ ހައްގު ލިބޭނެއެވެ. އެއީ އޭޕްރީލް 1 އިން ފެށޭ މާލީ ދައުރުގައި ދޭ އިނާޔަތްތަކެކެވެ.

އިންޑިޔާގެ ކަރްނާޓަކާގައި ހުންނަ މި ފެކްޓަރީގެ ބޮޑުމިނަކީ 2.2 މިލިއަން އަކަފޫޓެވެ. ގާތްގަނޑަކަށް 10،000 މުވައްޒަފުން ތިބިއިރު، އޭގެ ތެރޭގައި ގިނައީ ވަރަށް ހުނަރުވެރި އިލެކްޓްރޯނިކްސް އިންޖިނިއަރުންނެވެ. ޓާޓާގައި މިހާރުވެސް އާންމު ދާއިރާގައި އައިފޯން ކޮމްޕޮނެންޓް ފެކްޓްރީއެއް ހިންގާތީ އައިފޯނުގެ ތަޖުރިބާ ލިބިފައިވާ މީހުން ގިނަ ނަމަވެސް، މި ވިޔަފާރި އޮމާން ކުރުމަށް ވިސްޓްރޮންގެ ތަޖުރިބާ ބޭނުންވާ ކަމަށް ވަނީ ބެލެވިފައެވެ.

ޓާޓާއިން އިތުރަށް ރާވަމުން އަންނަނީ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އެޕަލްގެ ސަތޭކަ ރީޓެއިލް ފިހާރަ އިންޑިޔާގެ އެކި ހިސާބުތަކުގައި ހުޅުވުމަށެވެ. ވިސްޓްރޯން އަކީ އެޕަލް އަށް އައިފޯން އުފައްދާ ޓައިވާންގެ ބައެއް ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏެވެ.

ޓާޓާއިން ދެކޭ ގޮތުގައި އިންޑިއާގެ ރައްޔިތުންގެ ލޯބި ހޯދުމުގެ ފުރުސަތު ވެސް ބޮޑީ އެތެރޭގައި އުފައްދާ އައިފޯނުތައް ހެޔޮ އަގުގައި ވިއްކައިގެންނެވެ. އިންޑިއާގެ ބައެއް މީޑިއާތަކުން ފާހަގަކޮށްފައިވާ ގޮތުގައި އެޕަލް އިން 2022 ވަނަ އަހަރުގެ އޭޕްރީލް މަހާއި ޑިސެމްބަރު މަހުގެ ތެރޭގައި އިންޑިއާގައި އުފެއްދި އައިފޯން ތަކުގެ އަގު 2.5 ބިލިއަން ޑޮލަރަށް ވުރެ ބޮޑެވެ. އިންޑިއާއިން އައިފޯން އެކްސްޕޯޓް ކުރި މިންވަރު އިތުރުވެ، ކޮވިޑް-19ގެ ބަލިމަޑުކަމާއި އެކު ދުނިޔޭގެ އުފެއްދުމުގެ ޗައިނާގެ ހިއްސާ ގާތްގަނޑަކަށް 47 ޕަސެންޓުން 2021 ވަނަ އަހަރު 36 ޕަސެންޓަށް ވަނީ ވެއްޓިފައެވެ.