ޕާކިސްތާނުގެ މިސްކިތެއްގައި ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާގައި ގިނަ އަދަދެއްގެ ބަޔަކު މަރުވުމާ ގުޅިގެން، ރާއްޖެއިން އެކަން ކުށްވެރިކޮށްފިއެވެ.
ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ސިޓީއެއް ކަމަށްވާ ޕިޝަވާރުގެ މިސްކިތެއްގައި ފުލުހުންނަށް އަމާޒުކޮށް ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާގައި 59 މީހުން މަރުވެފައިވާ އިރު، ގިނަ ބަޔަކު ވަނީ ޒަހަމުވެފައެވެ.
އެ ހަމަލާ ކުށްވެރިކުރައްވައި، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ބިލާވަލް ބުއްޓޯ ޒަރްދާރީއަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވި އެ ހަމަލާގެ ސަބަބުން ފުން ހިތާމައެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.
"ރާއްޖެއިން މި ޓެރަރިޒަމް ހަމަލާ ކުށްވެރިކުރަން. އަދި ރާއްޖެއިން އަބަދުވެސް ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ދިނުމުގައި ސާބިތުވެ ހުންނާނަން،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވަނީ ރާއްޖޭގެ ރައްޔިތުންނާއި އެމަނިކުފާނުގެ ފަރާތްޕުޅުން، ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށާއި އެގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފައެވެ.
ޕެޝާވަރުގެ ލޭޑީ ރީޑިން ހޮސްޕިޓަލުގެ ތަރުޖަމާނު މުހައްމަދު އާސިމް "އަލްޖަޒީރާ" އަށް ވިދާޅުވީ ހާދިސާގައި 56 މީހުން މަރުވެފައިވާ ކަމަށާއި 157 މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ.
ފުލުހުންގެ އޮފިޝަލެއް ކަމަށްވާ ސިއްދީގު ހާން ވިދާޅުވީ ޖާނުން ފިދާވެގެން ދިން އެ ބޮމުގައި، ހަމަލާދިން މީހާ އޭނާގެ ޖާނު ގޮއްވާލީ ނަމާދު ކުރަން ތިބި މީހުންގެ ތެރޭގައި ހުރެގެން ކަމަށެވެ.
މި މިސްކިތް ހުންނަނީ އެ ސަރަހައްދުގެ ފުލުހުގެ މައި މަރުކަޒާއި ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓެއް ހިމެނޭ ކޮމްޕައުންޑެއްގެ ތެރޭގައެވެ.
ޕެޝާވާރުގެ ޕޮލިސް ޗީފް މުހައްމަދު އިޖާޒް ހާން ޓީވީ މެދުވެރިކޮށް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިސްކިތުގެ މައި ހޯލުގެ ކެޕޭސިޓީ ގާތްގަނޑަކަށް 300 އަރާ ކަމަށާއި ގޮއްވާލި ވަގުތު އެ ހޯލް ގާތްގަނޑަކަށް ފުރިފައި އޮތް ކަމަށެވެ.
ޕެޝާވާރުގެ ޑެޕިއުޓީ ކޮމިޝަނަރު ޝަފީއުﷲ ހާން ވިދާޅުވީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށާއި އިތުރު މީހުންގެ ހަށިގަނޑުތައް ފެންނަމުންދާ ކަމަށެވެ. މިވަގުތު އެންމެ އިސްކަމެއް ދެމުންދަނީ އެތަނުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް ކަމަށެވެ.