ނިއުޒީލެންޑުގެ ބޮޑުވަޒީރުކަމަށް 2017 ވަނަ އަހަރު ޖަސިންޑާ އާޑާރން ވަޑައިގެންނެވިއިރު އެކަމަނާގެ އުމުރުފުޅުން އެންމެ 37 އަހަރެވެ. ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންގެ ތެރެއިންވެސް އެއީ އެންމެ ޒުވާން އެއްލީޑަރެވެ. އެކަމަނާ ހިމެނިވަޑައިގެންނެވީ ނިއުޒީލެންޑްގެ ތާރީޚުގައިވެސް ތިންވަނަ އަންހެން ބޮޑުވަޒީރުކަމުގައެވެ. ވެރިކަމުގައި ހުންނަވައިގެން އާލާސްވެއިންނެވި ދުނިޔޭގެ ދެވަނަ އަންހެން ލީޑަރުކަމުގައިވެސް ވަނީ ހިމެނިވަޑައިގެންފައެވެ. ފާއިތުވި ހަ އަހަރުގެ ތެރޭގައި ގައުމު ހިންގެވުމުގައި ނުހަނު ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އެކަމަނާއަށް ޖެހިވަޑައިގަތެވެ. ކޮންމެ ކަމެއްވެސް ހިކުމަތްތެރިކަމާއި ކެތްތެރިކަމާއެކު ހައްލުކޮށްދެއްވިއެވެ. ރައްޔިތުން މާޔޫސްވާނޭ ޖާގައެއް ނުދެއްވައެވެ.
މިދެންނެވި ޖަސިންޑާ އާޑާރން މިދިޔަ ހަފުތާގައި އަމިއްލަފުޅަށް މަގާމުން ވަކިވެވަޑައިގެންފިއެވެ. ބަޔަކު އެކަމަނާގެ އިސްތިއުފާއަށް ގޮވައި މުޒާހަރާކޮށްގެނަކުން ނޫނެވެ. މަގުބޫލުކަން ދަށަށްގޮސް ރައްޔިތުން ފޫހިވާން ފެށީއެއްވެސް ނޫނެވެ. ވަކިކަމަކުން ފޭލްވެ ދެން ކުރިއަށްދާންއޮތް މަގު ބެދުނީއެއްވެސް ނޫނެވެ. އުމުރުން ދުވަސްވެ ގައިގެބާރު ދެރަވެ ހަކަތަ ހުސްވީއެއްވެސް ނޫނެވެ. ވައްކަމުގެ އިލްޒާމު ބޮލުގައިއެޅި މަގާމުން ވަކިވާންޖެހުމުގެ ބިރު އޮވެގެނެއްވެސް ނޫނެވެ. މިފަދަ އެއްވެސް ކަމެއް ނެތެވެ. އެއްވެސް ޕްރެޝަރެއް ނެތެވެ. ތިންވަނަ ދުނިޔޭގެ ގައުމުތަކުގައި އެހިނގާ ކަހަލަ އެއްވެސް ކަމެއް ނިއުޒީލެންޑަކު ނެތެވެ. އެކަމަކުވެސް އިސްތިއުފާ ދެއްވީއެވެ. ވެރިކަމުގެ އާރާއިބާރު ދޫކޮށްލެއްވީއެވެ. ސަބަބަކީ ފަހެ ކޮބައިބާވައެވެ.
ބޮޑުވަޒީރު ޖަސިންޑާ އާޑާރންގެ އިސްތިއުފާ އެކަމަނާ އެންމެ ފުރަތަމަ އިއުލާންކުރެެއްވީ މި މަހުގެ ނަވާރަ ވީ ބުރާސްފަތި ދުވަހުއެވެ. ޖެހިގެން އައި ހަ ދުވަހު އެކަމަނާ މަގާމުގައި ދެމިހުންނެވީ ޕާލަމެންޓުގެ ތެރެއިން އައު ބޭފުޅަކު ބޮޑުވަޒީރުކަމަށް ހޮވައި އެބޭފުޅަކު މަގާމުގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގަންނަވަންދެނެވެ. މިދިޔަ ބުދަދުވަހު އެހުރިހާ ކަމެއް އޮމާންކަމާއެކު ވަނީ ނިމިގެން ގޮސްފައެވެ. އުމުރުފުޅުން 44 އަހަރުވީ ކްރިސް ހިޕްކިންސް ވަނީ ބޮޑުވަޒީރު ކަމުގެ ހުވާކުރައްވައި ވެރިކަމާ ހަވާލުވެވަޑައިގެންފައެވެ. އޭނާއަކީ ޖަސިންޑާ އާޑާރންގެ ސަރުކާރުގައި ކޮވިޑް ކޮންޓްރޯލް ކުރުމުގެ ކަންކަން ބެލެހެއްޓެވި މިނިސްޓަރެވެ. އޭގެކުރިން އެޑިއުކޭޝަން މިނިސްޓަރުކަމާއި ޕޮލިސް މިނިސްޓަރުކަމާއި ޕަބްލިކް ސާރވިސް މިނިސްޓަރުކަންވެސް ކުރައްވާފައިވެއެވެ.
އައު ބޮޑުވަޒީރު ހިޕްކިންސްއަށް ވެރިކަންކުރާ ލޭބަރ ޕާޓީގެ ތެރެއިން މާބޮޑު ޗެލެންޖެއް ނާދެއެވެ. ހައުސް ލީޑަރުގެ ގޮތުގައިވެސް ޕާލަމެންޓުގައި މަސައްކަތް ކުރައްވާފައިވާތީ ލޭބަރ ޕާޓީގެ މެންބަރުންގެ ތެރެއިން ފެނުނީ އެކުވެރިކަމުގެ ރޫހެއްގައި އައު ލީޑަރު ބަލައިގަތުމުގެ ސިފައެވެ. ކްރިސް ހިޕްކިންސް އެންމެ ފުރަތަމަ ޕާލަމެންޓްގެ ގޮނޑިއަކަށް އިންތިޚާބުވެވަޑައިގެންނެވީ 2008 ވަނަ އަހަރުއެވެ. އުމުރުފުޅުން އެންމެ 29 އަހަރުގައެވެ. ބޮޑުވަޒީރުކަމުން ވަކިވެވަޑައިގެންނެވި ކަމަށްވިޔަސް ޖަސިންޑާ އާޑާރން ޕާލަމެންޓުގެ މެންބަރެއްގެ ގޮތުގައި ދައުރު ނިމެންދެން ދެމިހުންނަވާނެއެވެ. އަޑުމަޑު، ލޮނުމަޑު، ކަންތައްތަކާ ބެހިވަޑައިނުގަންނަވާ މެންބަރެއްގެ ގޮތުގައެވެ. ކޮންމެއަކަސް ނިއުޒީލެންޑުން ފެނިގެން އެދިޔައީ އިންތިޚާބަކާ ނުލައިވެސް އޮމާންކަމާއެކު ވެރިކަން ބަދަލުކުރުމުގެ ރީތި މިސާލެކެވެ.
ވެރިކަމުން ވަކިވެވަޑައިގަތުމުގެ ސަބަބުތަކާމެދު ޖަސިންޑާ އާޑާރން ވިދާޅުވެފައިވަނީ މިހެންނެވެ. ހަ އަހަރުވަންދެން ގައުމު ހިންގައިފީމެވެ. ކޮވިޑުގެ ބިރުވެރިކަމުން އަރައިގަތުމަށް އެތަކެއް ވިސްނުން ވިސްނައި ސިކުނޑި ގާނައިފީމެވެ. ކްރިސްޗާޗޭ ކިޔުނު ސަހަރުގައި 2019 ވަނަ އަހަރު މީހަކު ހިންގި ލޭއޮހޮރުވުމާއި ގުޅިގެން ގައުމުގައި އުފެދުނު ބިރުވެރިކަން ނައްތައިލުމަށް ލައްކަ ބުރަކޮށް މަސައްކަތްކޮށްފީމެވެ. މަސައްކަތް ކުރަމުން ކުރަމުންގޮސް ލޮޑުވެެއްޖެއެވެ. ސިކުނޑި ވަރުބަލިވެއްޖެއެވެ. ދެން އިތުރަށް ކުރާނޭ، އަދި ކުރެވޭނޭ މަސައްކަތެއް ނެތެވެ. އެހެންވީމާ އާއިލާޔާއެކު ވަގުތު ހޭދަކުރުމުގެ ގޮތުން ވެރިކަމުގެ ބުރަ މަސްއޫލިއްޔަތު ދޫކޮށްލީއެވެ. ވެރިކަމަކީ މިހެން އޮންނަ ކަމެކެވެ. ލީޑަރުން އަންނާނެއެވެ. ލީޑަރުން ދާނެއެވެ. ގައުމު ދެމިއޮންނާނެއެވެ. ޑިމޮކްރަސީގެ ރޫހަކީ އެއީއެވެ.
ވެރިކަމާހެދި ހިފުމާއި ވެރިކަމުގައި ބަގުޑި ބެެއްދުމަކީ ޑިމޮކްރަސީގެ ރޫހާ ބީރައްޓެހި ކަމެކެވެ. ތަހުޒީބު މުޖުތަމައެއްގައި ޑިމޮކްރަސީއަށް ތަބާވުމާއި ގައުމުގެ މަސްލަހަތަށް ރިއާޔަތްކުރުމާއި ނިޒާމަށް ހުރުމަތްތެރިކޮށް ހިތުމުގެ ފުރިހަމަ ނަމޫނާއެއް ނިއުޒީލެންޑުން އެވަނީ ފެނިގެން ގޮސްފައެވެ. ޖަސިންޑާ އާޑާރންއަކީ އަދިވެސް ނިއުޒީލެންޑުގެ އެންމެ މަގުބޫލު ސިޔާސީ ލީޑަރުކަމަށްވާއިރު ހަ އަހަރު ވެރިކަން ކުރެެއްވުމަށްފަހު ދުރަށް އެވަޑައިގެންނެވީ ހަކަތަ ހުސްވެއްޖެކަމަށް ވިދާޅުވަމުންނެވެ. އިތުރަށް ކޮށްދެވޭނެ ކަމެއް ނެތްކަމަށް ވިދާޅުވަމުންނެވެ. އަދިވެސް ނުހަނު ޒުވާން ބޭފުޅެކެވެ. އެކަމަކު ވެރިކަމުގައި ގިނަދުވަސް ހޭދަކޮށް ރައްޔިތުން ފޫހިވާ މީހަކަށްވުމުގެ ކުރިން އާރާއިބާރު ދޫކޮށްލެއްވީއެވެ. ހަގީގަތުގައި ވެރިންގެ ކިބައިން ފެންނާންވީ އެންމެ މުހިއްމު ސިފަޔަކީ މިއީއެވެ.
ވެރިކަމުގެ ދަހިވެތިކަން ބޮޑުވުމާއި ވެރިކަމުގައި ބަގުޑިބެއްދުމާއި ދޮގާއި މަކަރާއި ކެހިދިނުމުގެ ސިފަޔަކީ ޑިމޮކްރަސީއެއް ފައްކާކުރުމަށް ބޭނުންވާ ސިފަތަކެއް ނޫނެވެ. އެއީ ޑިމޮކްރަސީ ފަނާކޮށްލުމުގެ ސިފަތަކެވެ. ވެރިންގެ ކިބައިން އެސިފަތައް ފެންނަނީނަމަ ޑިމޮކްރަސީ ދާނީ ފަހަތަށެވެ. ދާނީ ހީނަރުވަމުން ވަޅުޖަހަމުންނެވެ. ތިންވަނަ ދުނިޔޭގެ ގައުމުތަކަށް ކުރިމަތިވެފަައިވާ އެންމެ ބޮޑު މައްސަލަޔަކީވެސް މިއީއެވެ. ހަކަތަ ހުސްވާއިރުވެސް، ދެން ކުރާނޭ ކަމެއް، ދޭނެ އެއްޗެއް ނޯންނައިރުވެސް ވެރިކަން ބޭނުންވެއެވެ. އެހެންވީމާ ދެން ވާންހުންނަ ކަންކަން ވަނީއެވެ. ހަމަޖެހުން ގެއްލެނީއެވެ. ޑިމޮކްރަސީގެ ރޫހަށް ތަބާވުމުގެ ސިފަ މުޅިން ގެއްލިގެންދަނީއެވެ.