ގދ. ތިނަދޫ އާއި އެއަތޮޅު ރަތަފަންދޫ ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިންގި މައްސަލައިގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ތިނަދޫ ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓުފޮށިވެސް ވަނީ ފަޅާލައިފައެވެ. އަދި އެތަނުގެ ތެރޭގައި ހަމަނުޖެހުން ހިންގައި ބަޔަކު މާރާމާރީ ހިންގި ވީޑިއޯއެއް ވެސް މީހާރު ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފައެވެ.
ރަތަފަންދޫ ކައުންސިލް މެމްބަރު އަބްދުލް ވާހިދު އަބްދުއްރައްޒާގު "ވަން" އަށް މިއަދު ވިދާޅުވީ މީހަކަށް ދެ ވޯޓު ކަރުދާސް ދީގެން ވޯޓުލީ މައްސަލަ ހޫނުވެ، އެ ރަށުގެ ވޯޓުލާ މަރުކަޒު ތެރޭގައި ހަމަނުޖެހުން އުފެދުނު ކަމަށެވެ. އަދި އެ ހަމަނުޖެހުމާ ގުޅިގެން މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރަތަފަންދޫގައި ވޯޓުލުން ހުއްޓާލާފައި ނުވާ ކަމަށް ވާހިދު ވިދާޅުވިއެވެ.
އެ ހަމަނުޖެހުންތަކާ ގުޅޭގޮތުން ފުލުހުން ބުނީ ވޯޓު ފޮއްޓަށް ގެއްލުން ދިން މައްސަލައަކާ ގުޅިގެން ރަތަފަންދޫން ދެ މީހަކު އަދި ތިންދޫން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ އެންމެންނަކީ ފިރިހެނުން ކަމަށެވެ.
ގދ. ގައްދޫގައި ބޮޑީ ކެމެރާ ހަރުކޮށްގެން ވޯޓުލީ މައްސަލައެއް ފެންމަތިވެ، އެރަށުގައިވެސް ވަނީ ހަމަނުޖެހުން ހިނގައިފައެވެ. އަދި ބައެއް މީހުން ވަނީ ވޯޓުކަރުދާސްތައް ވީދާލައިފައެވެ. ނަމަވެސް އަލުން ޕްރިންޓުކޮށްގެން ވޯޓުލުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު