ރާއްޖޭގެ މެންޗެސްޓާ ޔުނައިޓެޑް ސަޕޯޓަރުން ކްލަބު، މެންޗެސްޓާ ޔުނައިޓެޑް ސަޕޯޓާސް ކްލަބު މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ކަންމަތީ ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.
ހުޅުމާލޭ ރެހެންދި ދަނޑުގައި ކުރިއަށްދިޔަ ފޯރިގަދަ ފައިނަލް މެޗުގައި ކަންމަތިން އައްޔަނި އެފްސީ ބަލިކުރީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުންނެވެ. އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގައި މި އަހަރު 17 ޓީމަކުން ވާދަކޮށްފައިވާ އިރު، މުބާރާތުގައި އެތައް ތަރިންނެއް ފެނިގެން ގޮސްފައިވެސްވެއެވެ. މިރޭގެ ފައިނަލްގައިވެސް ފުޓްސަލް އާއި ފުޓުބޯޅައިގެ މަޝްހޫރު ތަރިން ފެނިގެން ގޮސްފައިވެއެވެ.
ފައިނަލް މެޗުގައި ކަންމަތީގެ ގޯލްތައް ޖަހައިދިނީ މުބާރާތުގެ ކިންގްގެ މަގާމު ހޯދި، އަލީ ހާފިޒް (ހާއްޕެ) އާއި ނާއިޒް ހަސަން (ދާދު)އެވެ. ކަންމަތީގެ ހާއްޕެ ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ. އައްޔަނި އެފްސީން ގޯލް ޖެހީ މުހައްމަދު ސާދު ނިޒާރާއި އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.
މުބާރާތުގެ ފައިނަލް މެޗަށްފަހު މިރޭ އެކިއެކި މަގާމުތަކަށް ހޮވުނު ފަރާތްތަކަށް އިނާމު ދީ ސްޕޮންސަރުންގެ އަގު ވަޒަން ކޮށްފައިވެއެވެ. އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ޝަރަފުވެރި ކޮށްދެއްވި ނިންމުމުގެ ރަސްމިއްޔާތުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކަށް ސްކޮޑްރާ ސްޕޯޓްސް ކްލަބުގެ މުހައްމަދު ވިލްފް ހޮވުނު އިރު، އެންމެ މޮޅު ފަސް ކުޅުންތެރިން ވަނީ ހޮވައިފައެވެ.
އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.
އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގެ މިއަހަރުގެ ކޯ ސްޕޮންސަރުންނަކީ ކެމްޓޯނޯ އަދި ބޭނުން ޓެކެވެ. އޮފިޝަލް ޑްރިންކަކީ އޭޝިއާ ފާމްގެ ޕާޕަލް ޓީއެވެ. އެހެނިހެން ސްޕޮންސަރުންގެ ތެރޭގައި ޑައިމްޔޯ ސްޕޯޓްސް، ޕެސްޓާމިނޭޓާސް ހިމެނެއެވެ. އޮފިޝަލް ކިޓް ޕާޓްނަރަކަށް ޖޯޒްޓީ ހަމަޖައްސާފައިވާ އިރު، އޮފިޝަލް ޕްރިންޓިން ޕާޓްނަރަކީ އިންކެޑް މޯލްޑިވްސްއެވެ. އޮފިޝަލް ބޯޅަ ސްޕޮންސާ ކޮށްފައި ވަނީ މާކީ އެމްވީއެވެ. ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސްއެވެ.
މިއަހަރުގެ އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.