މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް، ސްރިލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހާ ބައްދަލުކުރައްވައިފިއެވެ.
އެމްއާރްއެމުން މިއަދުކުރި ޓުވީޓެއްގައި ބުނީ މައުމޫން ލަންކާއަށް ކުރައްވާ ދަތުރުގެ ތެރެއިން ރަނިލްއާ ބައްދަލުކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި އެގައުމުގެ ރައީސް އޮފީހުގައި ކަމަށެވެ. އެ ބައްދަލުވުމުގައި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ބައްދަލުވުމުގައި މައުމޫން ވަނީ ރާއްޖެ އާއި ލަންކާއާ ދެމެދު އޮންނަ ގާތް ގުޅުން ފާހަގަކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ.
މައުމޫން ވަނީ އެ މަނިކުފާނުގެ ރާއްޖޭގެ ވެރިކަމުގައި ހުންނެވި ދުވަސްވަރު ލަންކާއިން ރާއްޖެއަށް ވެދީފައިވާ އެހީތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ. އަދި ލަންކާ އިގުތިސޯދީ ގޮތުން ދަތި ހާލަތެއްގައި އޮތްއިރުވެސް ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތަކަށް ވެސް މައުމޫންވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ދެހާސް އަށާރަވަނަ އަހަރު ލަންކާއިން ވަނީ މައުމޫނަށް "މިތުރު ވިބޫޝަނަ އެވޯޑް" އަރުވައިފައެވެ. އެ އެވޯޑަކީ ލަންކާ ސަރުކާރުންދޭ އެންމެ މަތީ ޝަރަފެވެ.