ޚަބަރު

މިދިޔަ އަހަރު އެސްޓީއޯއަށް އޮޕަރޭޓިން ފައިދާގެ ގޮތުގައި އެއް ބިލިއަން ރުފިޔާ

މުހައްމަދު އިޝާން

މިދިޔަ އަހަރު ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އަށް އޮޕަރޭޓިން ފައިދާގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެސްޓީއޯއިން އިއްޔެ ވަނީ އެ ކުންފުނީގެ މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓާގެ ރިޕޯޓު އާންމުކޮށްފައެވެ. އެސްޓީއޯއިން ބުނީ އެ ކުއާޓާއަކީ އެ ކުންފުންޏަށް ރިކޯޑު އަހަރެއް ކަމަށެވެ.

އެ ރިޕޯޓުގައިވާ ގޮތުން 2021 އަހަރުގެ އޮޑިޓް ނުކުރާ ހިސާބުތަކުން އެ ކުންފުންޏަށް ވަނީ އާމްދަނީގެ ގޮތުގައި 10.2 ބިލިއަން ރުފިޔާ ލިބިފައެވެ. މިދިޔަ އަހަރު އެ އަދަދު އުޅެނީ 18.2 ބިލިއަން ރުފިޔާގައި ކަމަށާއި އެހެންކަމުން މިދިޔަ އަހަރު އެސްޓީއޯއަށް ލިބުނު އާމްދަނީ 2021 ވަނަ އަހަރާ އަޅައި ބަލާއިރު، 79 ޕަސަންޓް އިތުރުވެފައިވާ ކަމަށް ރިޕޯޓްގައި ބުންޏެވެ.

އެ ކުންފުނިން ބުނީ މިދިޔަ އަހަރު ފައިދާ އިތުރުވާން މެދުވެރި ސަބަބަކީ އޮޕަރޭޓިން ޕްރޮފިޓް ކަމަށެވެ. 2021 ވަނަ އަހަރު އެ ކުންފުންޏަށް އޮޕަރޭޓިން ފައިދާގެ ގޮތުގައި 643 މިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރު އެ އަދަދު އެއް ބިލިއަނަށް އަރާފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން ބުނީ 2021 ވަނަ އަހަރު އެ ކުންފުންޏަށް ލިބުނު ސާފު ފައިދާގެ އަދަދަކީ 1.5 ބިލިއަން ކަމަށެވެ. މިދިޔަ އަހަރު އެ އަދަދަށް 41 ޕަސަންޓްގެ ކުރިއެރުމެއް ލިބި، ސާފު ފައިދާގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބުނު ކަމަށެވެ.