ފުޓްސަލް

އައްޔަނި އެފްސީއާއި ކަންމަތި ފައިނަލަށް

ރާއްޖޭގެ މެންޗެސްޓާ ޔުނައިޓެޑް ސަޕޯޓަރުން ކްލަބު، މެންޗެސްޓާ ޔުނައިޓެޑް ސަޕޯޓާސް ކްލަބު މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގެ ފައިނަލްގެ ޖާގަ ކަންމަތި އެސްސީއާއި އައްޔަނި އެފްސީން ހޯދައިފިއެވެ.

ހުޅުމާލޭ ރެހެންދި ދަނޑުގައި ކުރިއަށްދާ މުބާރާތުގައި ރޭ ކުޅުނު ސެމީގެ ދެ މެޗުވެސް ފެނުނީ ފޯރިގަދަކޮށެވެ. ރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ މަޝްހޫރު ތަރިންގެ މެދުގައި ވަރުގަދަ ކުރިމަތިލުންތައް ރޭ ފެނިގެންދިޔަ އިރު، ފުރަތަމަ ސެމީގައި އައްޔަނި އެފްސީން ވަރުގަދަ ރޭމްޕޭޖް ބަލިކުރީ 3-1ގެ ނަތީޖާއަކުންނެވެ.

މެޗުގައި އައްޔަނި އެފްސީގެ ގޯލްތައް ޖަހައިދިނީ ޔާމިން މުހައްމަދާއި އަބްދުﷲ ޝާފިއު (ޝާއްޕެ) އަދި އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އެވެ. ފާހަގަކޮށްލެވޭ ނަންތަކަކާއެކު މުބާރާތަށް ނުކުތް ރޭމްޕޭޖުން ރޭގެ މެޗުގައި ޖެހި ހަމައެކަނި ގޯލް ޖަހައިދިނީ އިސްމާއީލް ވަޖީހް (ވައްޖެ) އެވެ.

ރޭގެ ދެވަނަ ސެމީގައި ލ. ގަން ފުޓްސަލް ޓީމާއި އެ ރަށަށް ނިސްބަތްވާ ކަންމަތި އެސްސީން ވާދަކުރި މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީގައެވެ. މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ކުޅުން ނިމިގެން ދިޔައީ 1-1 އިން ނަތީޖާ އެއްވަރުވެފައި އޮވެގެންނެވެ. ޕެނަލްޓީގައި ކަންމަތިން މެޗު ކާމިޔާބުކުރީ 6-5ގެ ނަތީޖާއަކުންނެވެ.

މެޗުގައި ކަންމަތީގެ ގޯލް އަލީ ހާފިޒް (ހާއްޕެ) ޖަހައިދިން އިރު، ގަން ފުޓްސަލް ޓީމުގެ ގޯލު ޖަހައިދިނީ އަހުމަދު ހަލީމް (އަންމަޑޭ) އެވެ.

އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގައި މި އަހަރު 17 ޓީމަކުން ވާދަކުރަމުންދާ އިރު، ޗެމްޕިއަން ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފައެވެ. ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

އެމްޔޫއެސްސީ ފުޓްސަލް މުބަރާތުގެ މިއަހަރުގެ ކޯ ސްޕޮންސަރުންނަކީ ކެމްޓޯނޯ އަދި ބޭނުން ޓެކެވެ. އޮފިޝަލް ޑްރިންކަކީ އޭޝިއާ ފާމްގެ ޕާޕަލް ޓީއެވެ. އެހެނިހެން ސްޕޮންސަރުންގެ ތެރޭގައި ޑައިމްޔޯ ސްޕޯޓްސް، ޕެސްޓާމިނޭޓާސް ހިމެނެއެވެ. އޮފިޝަލް ކިޓް ޕާޓްނަރަކަށް ޖޯޒްޓީ ހަމަޖައްސާފައިވާ އިރު، އޮފިޝަލް ޕްރިންޓިން ޕާޓްނަރަކީ އިންކެޑް މޯލްޑިވްސް އެވެ. އޮފިޝަލް ބޯޅަ ސްޕޮންސާ ކޮށްފައި ވަނީ މާކީ އެމްވީއެވެ. ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސް އެވެ.

މިއަހަރުގެ އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގެ އޮން ލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.

އައްޔަނި އެފްސީއާއި ކަންމަތި ވާދަކުރާ ފައިނަލް އޮންނާނީ މާދަމާ ރޭ 9:00 ގައެވެ.