އައްޑޫ ސިޓީ ހިތަދޫން 500 ގޯތި ދޭން އިއުލާންކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ރޭ ކުރި އިއުލާނެއްގައި ބުނީ، ހިތަދޫން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް ގޯތި ދޫކުރުމަށް ހުޅުވާލާ މި ފުރުސަތުގެ ދަށުން ދޭ ގޯތީގެ ބޮޑުމިނަކީ 1500 އަކަފޫޓް ކަމަށެވެ.

އޭގެ ތެރެއިން 450 ގޯތި ހާއްސަކޮށްފައި ވަނީ ހިތަދޫ އަވަށު ރައްޔިތުންނަށެވެ. އަދި 50 ގޯތި ހާއްސަކޮށްފައި ވަނީ ހިތަދޫ ފިޔަވައި އައްޑޫ ސިޓީގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށެވެ.

އެ އިއުލާނުގައިވާ ގޮތުން، އައްޑޫން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން އެކަމަށް ހާއްސަ ފޯމް ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިޔުންތައް އަންނަ މަހުގެ 23ގެ ކުރިން ހުށަހަޅަންޖެހެއެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ވަނީ އައްޑޫން އިތުރު 500 ގޯއްޗަށްވެސް ހުޅުވާލައިފައެވެ. އެއީ ފޭދުން 300 ގޯއްޗާއި ހުޅުދުއާއި މީދޫން ކޮންމެ ރަށަކުން 100 ގޯއްޗެވެ.