ޓެކްނޮލޮޖީ

ވިންޑޯޒް 7 ރަސްމީކޮށް ހުއްޓާލައިފި

އާދަމް ނަސީރު

ކޮމްޕިއުޓަރުތައް ހިންގުމަށް އެންމެ ގިނަ ބަޔަކު ބޭނުން ކުރި، އަދި އެއްދުވަސްވަރެއްގައި އެންމެ ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދި މައިކްރޮސޮފްޓްގެ ވިންޑޯޒް 7 ރަސްމީކޮށް ހުއްޓާލައިފިއެވެ.

ވިންޑޯޒް 7 ތައާރަފު ކުރީ 2009 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އެމެރިކާގެ ތާރީހުގައި ވެރިކަން ކުރި އެންމެ މަގުބޫލު ރައީސް ބަރަކް އޮބާމާ ރައީސްކަން ކުރެއްވީ ވެސް އެދުވަސް ވަރުގައެވެ. މަޝަހޫރު ފިލްމު އެވެޓަރ ފިލްމު ސިނަމާތައް ފަތަހަކޮށް 2 ބިލިއަން ޑޮލަރުގެ ވިޔަފާރިވެސް ކުރީ ހަމަ އެ ދުވަސްވަރުއެވެ. ސްވައިން ފްލޫގެ ބަލި އާލަމީ ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގައި އިއުލާން ކުރެވިގެން ދިޔައީވެސް އެދުވަސް ވަރުގައެވެ.

އޭގެ ފަހުން ދުނިޔެއަށް ވަރަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. ވިންޑޯޒް އޮޕަރޭޓިން ސިސްޓަމްތައްވެސް ނެރެ ފަހުގެ ޓެކްނޮލޮޖީއަށް ވަނީ އެކި ގޮތްގޮތަށްް ބަދަލުވެފައެވެ. މައިކްރޮސޮފްޓުން ވިންޑޯޒް 7 އަށް ސަޕޯޓް ދިނުން "ރަސްމީކޮށް" 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ހުއްޓާލިއިރު މި އަހަރު 2023 ޖެނުއަރީ 10 ވަނަދުވަހަކީ ރަސްމީކޮށް ވިންޑޯޒް 7 ހުއްޓާލި ނުވަތަ މަރުވެފައިވާ ދުވަހެއެވެ.

ބްލީޕިން ކޮމްޕިއުޓަރުން ރިޕޯޓްކޮށްފައިވާ ގޮތުގައި މައިކްރޮސޮފްޓުން ވިންޑޯޒް 7 އަށް ސެކިއުރިޓީ އަޕްޑޭޓް (އީއެސްޔޫ) ޕްރޮގްރާމްގެ ސޮފްޓްވެއާ ސަޕޯޓް ޕްލަގް ޖެނުއަރީ 10 ވީ އަންގާރަ ދުވަހު ހުއްޓާލުމާއި އެކު ވިންޑޯޒް 7 ގެ އަދަދުތަކުން ހިންގާ އެއްވެސް ކޮންޕިއުޓަރަކަށް ދެން އިންޓަނެޓް އަދި އެހެންވެސް އޮންލައިން އެއްވެސް ހިދުމަތެއް ބޭނުމެއް ނުކުރެވޭނެވެ. އިންޓަނެޓަށް ވަންނަށް އުޅުމުން އެއީ ސަޕޯޓް ނުކުރާ ވިންޑޯޒްއެއް ކަމުގެ މެސެޖްވެސް މިހާރު ފެންނާނެއެވެ.

ގޫގުލް ކްރޯމް އާއި އިންޓަނެޓް ބޭނުން ކުރުމަށް ހުޅުވާ އެއްވެސް ބުރޯޒާއެއް ވިންޑޯޒް 7 ގެ އަދަދުތަކުގައި ދެން ނުހިންގޭނެއެވެ. އެކި އެކި ވައިރަސްތަކުން ރައްކާތެރިކަމެއް ވެސް ނުލިބޭނެއެވެ. އެހެން ކަމުން ވިންޑޯޒް 7 މި ވަނީ މަރުވެފައެވެ. އެހެން ނަމަވެސް ޓެކްނޮލޮޖީގެ ރޮނގުން ބަލާއިރު ވިންޑޯޒް 7 ވަރަށް ގިނަބައެއްގެ ހިތްތަކުން ޖާގަހޯދިއިރު ހިތާމަވެރި ހަގީގަތަކީ ގާތްގަނޑަކަށް 13 އަހަރަށްފަހު ވިންޑޯޒް 7 ރަސްމީކޮށް ވިންޑޯޒް އާއިލާއާ ވަކިވެގެން ގޮސްފައިވާ ކަމެވެ.

އެހެން ނަމަވެސް އަދިވެސް ދުނިޔޭގެ ގާތްގަނޑަކަށް %11 ކޮމްޕިއުޓަރުތަކުގައި ވިންޑޯޒް 7 އިންސްޓޯލްކޮށް އެކި ސިފަސިފައިގައި އަންނަނީ ބޭނުން ކުރަމުންނެވެ. އެހެން ނަމަވެސް ދެން އެ ކޮންޕިއުޓަރުތަކަށް އެއްވެސް ކަމެއް ކުރެވޭނީ ފަހުގެ ވިންޑޯޒް އަދަދަކަށް ބަދަލުވެގެންނެވެ. އެހެން ކަމުން ދުނިޔޭގެ ގިނަ އަދަދެއްގެ ކޮންޕިއުޓަރުތަކަށް ކުއްލި ބަދަލެއް ގެނައުމަށް މިވަނީ މަޖުބޫރުވެފައެވެ.