ޚަބަރު

ރިސޯޓު ތަރައްގީކުރާ ބޯހުރާގެ ބައުންޑްރީގައި ސާފިން ޕޮއިންޓް ނުހިމެނޭނެ: މިނިސްޓްރީ

މުހައްމަދު އިޝާން

1

ރިސޯޓް ތަރައްގީކުރަން ބިޑަށް ހުޅުވާލާފައިވާ ތަންތަނުގެ ތެރޭގައި ހިމެނޭ މ. ބޯހުރާގެ ބައުންޑަރީގައި ސާފިން ޕޮއިންޓް ނުހިމެނޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ބޯހުރާގައި ރިސޯޓު ތަރައްގީކުރަން ބިޑަށް ލުމުން ސާފް ކުރުމުގައި ހަރަކާތްތެރިވާ ގިނަ ޒުވާނުންނާއި ޖަމިއްޔާތަކުން ވަނީ ކަންބޮޑުން ފާޅުކޮށްފައެވެ. ސޭވް އަވާ ވޭވްސް ޖަމިއްޔާއިން ބުނެފައިވަނީ ބޯހުރާއަކީ ރާއްޖޭގައި ސާފިންއަށް އޮތް އެންމެ ރަނގަޅު އެއް ތަން ކަމަށްވުމުން އެތަން ރިސޯޓު ހަދަން ދޫކުރުން ބަލައިގަންނަން ދަތި ކަމަށެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ބޯހުރާ ކައިރީގައިވާ މަޝްހޫރު ސާފް ޕޮއިންޓް ބޯހުރާގެ ބައުންޑަރީގައި ނުހިމެނޭ ކަމަށެވެ.

"ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓުރިސްޓް ގެސްޓްހައުސް، އަދި ޔޮޓްބަނދަރު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދުގެ އަށްވަނަ މައްދާގެ ދަށުން، މ. ބޯހުރާގެ ބައުންޑަރީ ކަނޑައަޅާނީ އެ ސާފް ޕޮއިންޓް ވަކިކުރުމަށް ފަހުގައެވެ" ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ބޯހުރާ ކައިރީގައިވާ ސާފް ޕޮއިންޓް، އާންމުންނާއި ފަތުރުވެރިންނަށް ބޭނުންކުރެވޭ ގޮތަށް ސައިޓްގެ މެނޭޖުމެންޓް ޕްލޭނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބޯހުރާގައި ރިސޯޓެއް ތަރައްގީކުރަން ބީލަށް ހުޅުވާފައިވަނީ، އެރަށް ހިއްކުމަށް ދޭ ގޮތަކަށް ނޫން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. ބޯހުރާއަށް އަރައި ފޭބުމުގެ އިންތިޒާމްތައް ހަމަޖައްސާނީ ރިސޯޓް ޑިވެލޮޕަރާއި މ. މުލި ކައުންސިލްއާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟