ޚަބަރު

ރިޒް ކާލްޓަންއިން މިމަހު ސާވިސް ޗާޖުގެ ގޮތުގައި 69،000 ރުފިޔާ

މުހައްމަދު އިޝާން

ރާއްޖޭގައި ހިންގާ މަތީ ފަންތީގެ ރިސޯޓެއް ކަމަށްވާ ރިޒް ކާލްޓަންއިން މިމަހުގެ ސާވިސް ޗާޖުގެ ގޮތުގައި 4،508.74 ޑޮލަރު (69،524 ރުފިޔާ) ދޭން ނިންމައިފިއެވެ.

ރިސޯޓް ވޯކާސް ފޭސްބުކް ޕޭޖުގައި ވަނީ ބައެއް ރިސޯޓުތަކުން މިމަހު ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ދިނުމަށް ނިންމާފައިވާ އަދަދުތައް އާންމުކޮށްފައެވެ. އެގޮތުން ރިޒް ކާލްޓަންއިން ސާވިސް ޗާޖްގެ ގޮތުގައި 69،524 ރުފިޔާ ދޭން ނިންމާފައިވާ އިރު، އިތުރު ދެ ރިސޯޓަކުން ވަނީ 3،000 ޑޮލަރަށްވުރެ ބޮޑުކޮށް މިމަހު ސާވިސް ޗާޖު ދޭން ނިންމައިފައެވެ. އެގޮތުން ޝެވަލް ބްލެންކުން ސާވިސް ޗާޖުގެ ގޮތުގައި 3،540.31 ޑޮލަރު (54،591 ރުފިޔާ) ދޭން ނިންމާފައިވާ އިރު، ޖޯލި މޯލްޑިވްސްއިން ސާވިސް ޗާޖުގެ ގޮތުގައި 3،017 ޑޮލަރު (46،522 ރުފިޔާ) ދޭން ވަނީ ނިންމައިފައެވެ.

ރިސޯޓް ވޯކާސް މޯލްޑިވްސްއިން އާންމު ކޮށްފައިވަނީ ބައެއް ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައިން ދޭން ނިންމި އަދަދުތަކެވެ. އެންމެ ބޮޑު އަދަދަކުން ސާވިސް ޗާޖު ދޭ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ވެލާ ޕްރައިވެޓް ލިމިޓެޑާއި ވަލްޑޯފް އޮސްޓްރިއާ އިތާފުށިން ސާވިސް ޗާޖުގެ ގޮތުގައި ދިނުމަށް ނިންމާފައިވާ އަދަދެއް އަދި އާންމުކޮށްފައެއް ނުވެއެވެ.

މިހާތަނަށް އާންމު ކޮށްފައިވާ ގިނަ ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ދޭން ނިންމާފައިވަނީ 1،000 ޑޮލަރާއި 1،300 ޑޮލަރާ ދެމެދުގެ އަދަދުތަކެކެވެ.