ޚަބަރު

މިދިޔަ އަހަރު މީރާއަށް 22 ބިލިއަން ރުފިޔާގެ އާމްދަނީއެއް

މުހައްމަދު ޖަމްޝަތް ވަހީދު

ނިމިދިޔަ 2022 ވަނަ އަހަރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 22 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

މިއީ އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު 6.3 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މީރާ އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ ޓެކުހުންނެވެ. ޓެކުހުން އާމްދަނީގެ ގޮތުގައި 16 ބިިލިއަން ރުފިޔާ ލިބުނު އިރު، ޓެކްސް އާމްދަނީގެ 44 ޕަސެންޓް ހިއްސާ ކުރަނީ ޖީއެސްޓީއެވެ. ޖީއެސްޓީން ލިބުނު އާމްދަނީ 9.7 ބިލިއަން ރުފިޔާއަށް އަރާއިރު، ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ހިއްސާކުރާ އިންކަމް ޓެކުހަށް 4.3 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ ޓެކްސް އާމްދަނީގެ 19 ޕަސެންޓެވެ.

އޭގެ އިތުރުން ގްރީން ޓެކުހަށް 972 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކުހަށް 787 މިލިއަން އަދި ބީޕީޓީގެ ގޮތުގައި 96 މިލިއަން ރުފިޔާ މިދިޔަ އަހަރު މީރާއަށް ލިބިފައިވެއެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން ލިބުނު އާމްދަނީ 5.9 ބިލިއަން ރުފިޔާއަށްވުރެ އިތުރެވެ. އެގޮތުން ރިސޯޓު ކުލީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބުނު ކަމަށް މީރާއިން ހާމަކުރި އިރު، އެއީ 2021 ވަނަ އަހަރަށްވުރެ 4.5 ޕަސެންޓް ދަށް އަދަދެކެވެ.

މުޅި އަހަރުގެ ނަތީޖާ އަށް ބަލާއިރު، ޖުމްލަ ގޮތެއްގައި ހުރިހާ ދިމާލަކުން ލިބުނު އާމްދަނީ ވަނީ އޭގެ ކުރީ އަހަރަށްވުރެ އިތުރުވެފައެވެ. ޑޮލަރުން ލިބުނު އާމްދަނީ އަށް ބަލާއިރު، އާމްދަނީގެ ބޮޑު ބައެއް ލިބިފައި ވަނީވެސް ޑޮލަރުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުމްލަ އާމްދަނީ 22 ބިލިއަނަށް އެރި އިރު އޭގެތެރެއިން ގާތްގަނޑަކަށް 13.7 ބިލިއަން ލިބިފައިވަނީ ޑޮލަރުންނެވެ. އެއީ 889.9 މިލިއަން ޑޮލަރެވެ.