ޚަބަރު

ވާވެއްދިފަރަށް އެރި ބާޖާއި ޓަގުގެ ވެރިފަރާތް 100 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި

ރިފާ ހަލީލު

ކ. ވާވެއްދި ފަރަށް އެރި ބާޖަކާއި ޓަގު ބޯޓެއްގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ''އޭއެމް އާގަމް'' ނަމަކަށް ކިޔާ ބާޖާއި ''އޭއެމް އަލްޕިޓް'' ނަމަކަށް ކިޔާ ޓަގު ބޯޓު މިދިޔަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ވާވެއްދިފަރަށް އެރުމާއި ގުޅިގެން ފަރުގެ މާހައުލަށް ލިބުނު ގެއްލުމުގެ ބަދަލުގައި 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އީޕީއޭއިން ވަނީ ޖޫރިމަނާއަށްވާ ފައިސާ 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދެއްކުމަށް އެ އުޅަނދުގެ ވެރިފަރާތް ކަމުގައިވާ ދި މިޑްލްއީސްޓް މެރިން އެލްއެލްސީއަށް މި މަހުގެ 22 ވަނަ ދުވަހު އަންގައިފައެވެ.

އީޕީއޭ އިން ބުނީ މި އުޅަނދުތައް ފުންކޮށް ނިމުމުން އެ ސަރަހައްދުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އެ އެޖެންސީން މިދިޔަ އަހަރު އޮގަސްޓު މަހުގެ 13 ވަނަ ދުވަހު އެ ސަރަހައްދަށް ގޮސް ސާވޭކޮށް، ބެލިބެލުމުން އެ ފަރުގެ 3،926 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވުނު ކަމަށާއި އެ ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމުލަ ޖޫރިމަނާއާއި ބަދަލުގެ އަދަދަކީ 148.4 މިލިއަން ރުފިޔާ ކަމަށެވެ.

އީޕީއޭ އިން ބުނީ, ޖޫރިމަނާއާއި ބަދަލުގެ އަދަދު 148.4 މިލިއަނަށް އެރި ނަމަވެސް 100 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާއަށްވާތީ ކަމަށެވެ.

އެ އެޖެންސީން އިތުރަށް ބުނީ ބާޖު ފަރަށް އަރައިގެން ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު، ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހާއި އެކުގައި ފެށުމަށް ކުރަންޖެހޭ ކަންތައްތައް މި މައްސަލައިގެ އިސްތިއުނާފް މަރުހަލާއިން ނިންމާ ގޮތެއްގެ މަތިން ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.