ދެކުނު އެމެރިކާ ބައްރުގައި ސައިޒުގެ ގޮތުން ތިންވަނަޔަށް އެންމެ ބޮޑު ގައުމަކީ ޕެރޫއެވެ. އެންމެބޮޑު ހަތަރުވަނަ އާބާދީއަކީވެސް ޕެރޫއެވެ. މިވަގުތު ޕެރޫ އޮތީ ސިޔާސީގޮތުންނާއި އިޖުތިމާއީގޮތުން ނުހަނުބޮޑު ހަމަނުޖެހުންތަކެއްގެ ތެރޭގައެވެ. ގައުމުގެ ސިޔާސީ ނިޒާމާއި، ސުލްހަ މަސަލަސްކަމާއި، އަމަންއަމާންކަން އޮތީ ބޮއްސުންލައިގެން ގޮސްފައެވެ. ޑިމޮކްރަސީއަކީ އެމީހަކު ހިތަށްއެރި ގޮތަކަށް، ހިތަށްއެރި މަގަކުން ކަންކަން ކުރުމުގެ ނިޒާމުކަމަށްވެ، ވަރުގަދަ ގަޑުބަޑުތަކެއް އޮތީ ފެށިފައެވެ. މުޅި ދެކުނު އެމެރިކާ އާއި މުޅި ދުނިޔެއަށްވެސް ފިލާވަޅަކަށްވާ ބީދައިންނެވެ. ޕެރޫގައި ހަމަނުޖެހުންތައް ފެށުނުގޮތާއި މިކަންކަމަށް މަގުފަހިވި ސަބަބުތަކަށް ބަލައިލަމާބަހީއެވެ. ދުނިޔޭގައި ކަންކަން ހިނގާގޮތާއި ހިނގާނޭގޮތް ދެނެގަތުމަށްޓަކައި މިހިރަ ކަންކަމަކީ ފިކުރު ހިންގަންޖެހޭ ކަންކަމަށްވާތީއެވެ.
ޕެރޫގެ ފަހުގެ ތާރީޚަށް ބަލައިލާއިރު މުޅިން ކަހަލަ ގޮތަކަށް ފެނިފައިވަނީ ރައީސުން މަގާމުން ވަކިކުރެވުނުތަނާއި ކުރީގެ އެކިއެކި ރައީސުން މަގާމުގައި ތިއްބެވިއިރު ހިންގަވާފައިވާ އެކި ކަންކަން ބަލައި، ހޯދައި، ތަހުގީގުކޮށް، ސަރިޔަތް ހިންގައި ހުރަގެޔަށް ލެވުނު މަންޒަރެވެ. ކޮވިޑުގެ ބަނަވިލާތަކުގެ ތެރޭގައި ދުނިޔެ ހިމޭންވެފައިއޮތް 2020 ވަނަ އަހަރުވެސް ޕެރޫގައި އެޒާތުގެ ހިމޭންކަމެއް ނެތެވެ. އެއަހަރުގެ ޑިސެންބަރު ހަތްވަނަ ދުވަހުން ފެށިގެން ފަސްދުވަހުގެ ތެރޭގައި ތިން ބޭފުޅަކު ރައީސްކަމަށްވެސް ވަޑައިގެންނެވިއެވެ. ކަންކަން ބަދަލުވަމުން، ފުރޮޅެމުން، ކުލަޖެހެމުން ދިޔައީ ރޮކެޓް ސްޕީޑުގައެވެ. ދެންވާނެ ގޮތެއް، ވާންއުޅޭ ގޮތެއް ލަފާކުރެވޭ ވަރަށްވުރެ ކަންކަމުގެ ސްޕީޑު އަވަހެވެ. ކޮންޓްރޯލް އޮތީ ކާކުގެ އަތުގައި ކިހާވަރަކަށް ކަމެއްވެސް އެނގޭވަރެއް ނޫނެވެ.
އޭގެ ދެއަހަރު ފަހުން މިހާރު ޕެރޫގެ ހާލަތު މާބޮޑަށްވެސް ގޯހެވެ. ކަންކަން ރަނގަޅުވުމުގެ ބަދަލުގައި ފެންނަނީ ގޯސްވަމުންދާ މަންޒަރެވެ. ރަނގަޅު ނަތީޖާއެއްގެ އުންމީދުގައި ކުރެވުނު ކަންކަމުންވެސް ނިކުންނާތީ ފެންނަނީ ގޯސް ނަތީޖާތަކެވެ. ރައްޔިތުންގެ ވޯޓަކުން ރައީސްކަމަށް އެންމެފަހުން ހޮވި މީހާ އެއޮތީ ހުރަގޭގައެވެ. ދައުލަތާ ދެކޮޅަށް ބަޣާވާތެއް ކުރަން އުޅުނީކަމަށް ގައުމުގެ އެންމެ މަތީ ފަނޑިޔާރުގެއިން ބަސްއިއްވުމުންނެވެ. އޭނާގެ ބޮޑުވަޒީރަކަށް ހުރި މީހާ ފިލައިފިއެވެ. ވީތަނެއްވެސް ނޭނގެއެވެ. ވެރިކަމުގައި މިހާރު އެހެރީ އޭނާގެ ކުރީގެ ރަނިންމޭޓެވެ. ހިފަހައްޓައިލެވޭނީ ކިހާދުވަހަކަށްކަން އޮތީ ނޭނގުމެއްގެ ތެރޭގައެވެ. ފައިބާށޭ، ފައިބާށޭ، ދެންހެވޭ، މިޒާތުގެ ގޮވެލިފައްޗެއް ގޮވަން ރައްޔިތުން އެތިބީ މަގުތަކާއި މައިދާންތަކަށް ނުކުމެއެވެ.
މިހާރު ފެށިގެން އުޅޭ ގަޑުބަޑުގެ ސިއްރަކީ ހުސްވި ޑިސެންބަރު މަހުގެ ހަތްވަނަ ދުވަހު ރައީސް ޕެޑްރޯ ކާސްޓިޔޯ ގައުމާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅެކެވެ. އުމުރުފުޅުން 53 އަހަރުވީ ކާސްޓިޔޯއަކީ ކުރިން ރަށްފުށުގެ ސްކޫލެއްގެ އާދައިގެ ޓީޗަރެކެވެ. ނިކަމެތި ފަގީރު އާއިލާއަކުން ވަޑައިގެންނެވި ރަށްފުށުގެ ނިކަމެއްޗެކެވެ. ރައީސްކަމަށް ވަޑައިގެންނެވުނީ ކުރިންތިބި މީހުންނަށްވުރެ މީނާވެސް ހެވޭ، ކޮށްފައިވާ ވައްކަމެއް ނެތޭ، ވައްކަންކުރަންވެސް ނޭނގޭނެޔޭ ބުނެފައި އެންމެފަހުގެ އިންތިޚާބުގައި ރައްޔިތުން އޭނާއަށް ވޯޓުދިނުމުންނެވެ. އެދުވަހު ގައުމާ މުޚާތަބު ކުރައްވަމުން ރައީސް ކާސްޓިޔޯ އިއުލާން ކުރެއްވިއެވެ. ގާނޫނުހަދާ މަޖިލިސް ނުވަތަ ކޮންގްރެސް އުވާލައިފީމެވެ. ބަދަލުގައި މި އެކުލަވައިލަނީ އިންތިގާލީ އިމަޖެންސީ ސަރުކާރެކެވެ. މިއީ ގާނޫނީ ވެރިކަމަށް އަލުން ރުޖޫއަވުމާއެކު ޑިމޮކްރަސީ ރައްކާތެރިކުރުމުގެ ގޮތުން ކުރާންޖެހުނު ކަމެކޭ ވިދާޅުވިއެވެ.
މިހިސާބުން އުފެދޭ ސުވާލަކީ ގާނޫންހަދާ މަޖިލިސް އުވާލައި އިމަޖެންސީ އިންތިގާލީ ސަރުކާރެެއް އުފެއްދުމަށް ރައީސް ކާސްޓިޔޯ ނިންމެވީ ކީއްވެގެންބާވައެވެ. ސަބަބު ވަރަށް ސާފެވެ. ކޮންގްރެސްގައި ކާސްޓިޔޯގެ ބާރެއް ނެތެވެ. އޭނާ ކުރައްވާ ހަމަކޮންމެ ކަމަކަށް ހުރަސްއަޅައި ހުއްޓުވައެވެ. ވެރިކަން ކުރެއްވޭނޭ ޖާގައެއް ނުދެއެވެ. އިރުއިރުކޮޅާ ކެބިނެޓް ބަދަލުކުރަން ޖެހެއެވެ. ބޮޑުވަޒީރު ބަދަލުކުރަން ޖެހެއެވެ. ވެރިކަންކުރާ ބާރަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވުމަކީ ރައީސް ކުރައްވާ ކޮންމެ ކަމަކަށް ހުރަސްއަޅައި ހުއްޓުވުމަކަށް އޮތީ ހަދައިފައެވެ. އެހެންވީމާ ކޮންގްރެސްއާ ނުލައި ވެރިކަން ކުރެެއްވުމަށް ރައީސް ކާސްޓިޔޯ ބޭނުންފުޅުވީއެވެ. އޭނާއަށް ހީފުޅު ކުރެެއްވުނު ގޮތުން ރައްޔިތުން ވެރިކަން ދިނީ އޭނާއަށެވެ. ކޮންގްރެސްއަކަށް ނޫނެވެ. ތިންބާރު ވަކިވެފައި އޮންނަ ނިޒާމެއް މިވަގުތަކަށް ބޭނުމެއްވެސް ނޫނެވެ.
ރައީސް ކާސްޓިޔޯގެ ނިންމެވުން ބާރުހުރި އެއްވެސް ފަރާތަކުން ބަލައެއްނުގަތެވެ. އަދުލުއިންސާފުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުންނެވެ. އަދި ތަންފީޒީ ބާރުންނެވެ. އެހެންގޮތަކަށް ބުނަންޏާ ފަނޑިޔާރުގެޔާއި މަޖިލީހާއި ސިފައިންނާއި ފުލުހުންވެސް ރައީސް ކާސްޓިޔޯއާ ދެކޮޅުވެއްޖެއެވެ. ކޮންސްޓިޓިއުޝަނަލް ކޯޓުގެ ވެރިޔާ ވަގުތުން ވިދާޅުވިއެވެ. ގާނޫންއަސާސީއަށް ފައިން އަރައިފިއެވެ. ބަޣާވާތެެއް ކޮށްފިއެވެ. ބޭކަލުންނޭވެ. އަވަހަށް ރައީސް މަގާމުން ދުރުކުރާށެވެ. ހައްޔަރުވެސް ކުރާށެވެ. އިރުކޮޅަކުން ގާނޫންހަދާ މަޖިލިސް އެއްތަންވެ މާބޮޑު ބަހުސަކަށް ނުގޮސް ވޯޓެއް ނަގައި، ރައީސް ކާސްޓިޔޯ މަގާމުން ދުރުކޮށްފިއެވެ. ކެބިނެޓުގެ ގިނަ ވަޒީރުން ވަގުތުން އިސްތިއުފާ ދެއްވައިފިއެވެ. ނާއިބުރައީސް ޑީނާ ބޮލުއާޓޭ އިއުލާން ކުރެއްވިއެވެ. ރައީސް މޮޔަފުޅުވީއެވެ. ސިފައިންނާއި ފުލުހުން ގުޅިގެން ބަޔާނެއް ނެރެފިއެވެ. އަހަރެމެންނަކީ ރައީސްގެ އަޅުންނެއް ނޫނެވެ. ކިޔަމަންވާހުށީ ގާނޫނުއަސާސީއަށެވެ.
ކޮންމެއަކަސް ރައީސް ކާސްޓިޔޯ މަގާމުން ދުރުކޮށް ހަމައެދުވަހު ނާއިބުރައީސް ޑީނާ ބޮލުއާޓޭ ހާޒިރުކޮށް އޭނާގެ ކަރުގައި ރިއާސީ ސޭޝް އަޅުވައި ވެރިކަމުގެ ހުވާކުރުވައިފިއެވެ. ރައީސް ކާސްޓިޔޯ ރިޔާސީ ގަނޑުވަރު ދޫކުރައްވައި އާއިލާޔާއެކު މެކްސިކޯގެ އެމްބަސީއަށް ވަޑައިގަންނަވަނިކޮށް އޭނާގެ އަމިއްލަ ހަށިފާރަވެރިން އޭނާ ހައްޔަރުކޮށްގެން ގެންގޮސް ހުރަގެޔަށް ލައިފިއެވެ. އެދުވަހުގެ ފަހުން ގައުމުގައި ގަޑުބަޑެއް ވަނީ ފެށިފައެވެ. ވަރަށްވެސް ޖަގަޑާ ބޮޑެވެ. ކޮންގްރެސްއާ އެއްކޮޅު މީހުންނާއި ދެކޮޅު މީހުންނެވެ. ރައީސް ކާސްޓިޔޯއާ އެއްކޮޅު މީހުންނާއި ދެކޮޅު މީހުންނެވެ. ސިފައިންނާ އެއްކޮޅު މީހުންނާއި ދެކޮޅު މީހުންނެވެ. ތަންތަން ލޫޓުވައި ހުޅުޖަހަނީއެވެ. އެތައްސަތޭކަ ބަޔަކު މަރުވެ އިތުރު އެތައްހާސްބަޔަކު ޒަޚަމްވެެއްޖެއެވެ. އެމީހަކާ އެމީހެކެވެ. އެއްބަޔަކު ބޭނުމީ އަވަސް އިންތިޚާބެކެވެ. އަނެއްބަޔަކު ބޭނުމީ ދައުރު ނިމެންދެން މިހާރުގެ ވެރިޔާ ދެމިހުންނެވުމަށެވެ.