ޚަބަރު

ޑރ. އިޔާޒަށް މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހަށް

މުހައްމަދު އިޝާން

އަދާލަތު ޕާޓީގެ އިސްފަނޑިޔާރު އަދި އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފަށް މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމާ ދެކޮޅަށް ކުރާ މަސައްކަތް ފެއިލް ކޮށްލުމަކީ ވާޖިބެއް ކަމަށް އިޔާޒު ވިދާޅުވި ކަމަށް ބުނެ ޝާއިއުކޮށްފައިވާ ހަބަރެއްގެ ސްކްރީން ޝޮޓާއެކު ފޭސްބުކުމުގައި ހަސަން ރިޔާޒް ކިޔާ މީހަކު ބުނެފައިވަނީ "ދިވެހިރާއްޖޭގައި ދިރިއުޅޭ މުސްލިމުގެ ހައްގުގައި އިޔާޒް ދަންޖައްސައި މެރުމަކީ ވާޖިބެއް" ކަމަށެވެ.

ޑރ. އިޔާޒަށް އިންޒާރުދިން މައްސަލަ އަދާލަތު ޕާޓީގެ ފަރާތުން ވަނީ ފުލުހަށް ހުށަހަޅައިފައެވެ.

އަދާލަތު ޕާޓީގެ ސްލޮޓެއްގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ނަޒީރު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިޒާޔަށް އިންޒާރުދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

ޑރ. އިޔާޒު ކުރައްވާ ޓުވީޓުތަކާ ގުޅިގެން އޭނާއަށާއި އަދާލަތު ޕާޓީއަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއެވެ. މި ފަހުން ޑރ. އިޔާޒް ގެންދަވަނީ އެމްޑީޕީގެ ރައީސް، ކުރީގެ މުހައްމަދު ނަޝީދާ ދެކޮޅަށް ވަރަށް ގިނަ ޓުވީޓުތައް ކުރައްވައި ރައީސް ސޯލިހަށް ކެމްޕޭން ކުރައްވާ މޭރުމަކުން ޓުވީޓު ކުރައްވަމުންނެވެ.