ފުޓްސަލް

ކަންމަތި، ލ. ގަން އަދި އައްޔަނި އެފްސީއާއި ރޭމްޕޭޖް ސެމީއަށް

ރާއްޖޭގެ މެންޗެސްޓާ ޔުނައިޓެޑް ސަޕޯޓަރުން ކްލަބު، މެންޗެސްޓާ ޔުނައިޓެޑް ސަޕޯޓާސް ކްލަބު މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ކާމިޔާބުކޮށް، ކަންމަތި އެސްސީއާއި ލ. ގަން ފުޓްސަލް ޓީމު، ރޭމްޕޭޖް އަދި އައްޔަނި އެސްސީ ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.

ހުޅުމާލޭ ރެހެންދި ދަނޑުގައި ކުރިއަށްދާ މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތައް ނިމި، ރޭ ކުޅެފައި ވަނީ ކުއާޓާ ފައިނަލްގެ މެޗުތަކެވެ.

ކުއާޓާގެ ފުރަތަމަ މެޗުގައި ރޭ ރޭމްޕޭޖުން ކްލަބު ޓީއެންޓީއާ ދެކޮޅަށް ނުކުމެ، މެޗު ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ދެ ގޯލުވެސް ޖެހީ އަބްދުﷲ ޝައްފާން (ޝާކާ)އެވެ. ދެވަނަ މެޗުގައި އައްޔަނި އެފްސީން ވަނީ ޒެފާސްގެ މައްޗަށް 7-1 ގެ ނަތީޖާއަކުން ކުރި ހޯދައިފައެވެ. އައްޔަނިގެ އަހުމަދު ހަމީދު މެޗުގައި ހެޓްރިކް ހެދި އިރު، އަލީ ޝަމާލް އަބްދުﷲ އާއި ޔާމިން މުހައްމަދުގެ އިތުރުން އަބްދުﷲ ޝާފިއު (ޝާއްޕެ) އަދި އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) ވަނީ ގޯލް ޖަހައިފައެވެ.

ކުއާޓާ ފައިނަލްގެ ތިންވަނަ މެޗުގައި ލ. ގަން ފުޓްސަލް ޓީމުން އެފްސީ ކާމްސްއާ ދެކޮޅަށް ނުކުމެ، ގަން ފުޓްސަލް ޓީމުން މެޗު ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ގޯލްތައް ޖެހީ އަބްދުﷲ ޖުނައިދު (ޖޭނޭ)އާއި ހުސައިން ޝަރީފް (އޮންލީ) އެވެ. ރޭ ކުއާޓާގެ ފަހު މެޗުގައި ކަންމަތި އެސްސީން ނުކުތީ ސްކޯޕިއަން ސިޓީއާ ދެކޮޅަށެވެ. އެ މެޗު 4-0 އިން ކަންމަތި ކާމިޔާބުކުރި އިރު، މެޗުގެ ހަތަރު ގޯލުވެސް ޖެހީ އަލީ ހާފިޒް (ހާއްޕެ)އެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މާދަމާ ރޭ އޮންނާނެއެވެ. ސެމީގެ ފުރަތަމަ މެޗުގައި ރޭމްޕޭޖާއި އައްޔަނި އެފްސީ ވާދަކުރަން ޖެހޭ އިރު، ދެވަނަ މެޗުގައި ލ. ގަން ފުޓްސަލް ޓީމު ނުކުންނާނީ ކަންމައްޗާ ދެކޮޅަށެވެ.

އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގައި މި އަހަރު 17 ޓީމަކުން ވާދަކުރަމުންދާ އިރު، ޗެމްޕިއަން ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފައެވެ. ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

އެމްޔޫއެސްސީ ފުޓްސަލް މުބަރާތުގެ މިއަހަރުގެ ކޯ ސްޕޮންސަރުންނަކީ ކެމްޓޯނޯ އަދި ބޭނުން ޓެކެވެ. އޮފިޝަލް ޑްރިންކަކީ އޭޝިއާ ފާމްގެ ޕާޕަލް ޓީއެވެ. އެހެނިހެން ސްޕޮންސަރުންގެ ތެރޭގައި ޑައިމްޔޯ ސްޕޯޓްސް، ޕެސްޓާމިނޭޓާސް ހިމެނެއެވެ. އޮފިޝަލް ކިޓް ޕާޓްނަރަކަށް ޖޯޒްޓީ ހަމަޖައްސާފައިވާ އިރު، އޮފިޝަލް ޕްރިންޓިން ޕާޓްނަރަކީ އިންކެޑް މޯލްޑިވްސް އެވެ. އޮފިޝަލް ބޯޅަ ސްޕޮންސާ ކޮށްފައި ވަނީ މާކީ އެމްވީއެވެ. ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސް އެވެ.

މިއަހަރުގެ އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގެ އޮން ލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.