ރ. އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް މަރުވި ބިދޭސީއަކާ ހަވާލުވާނެ މީހެއް ނެތުމުން އޭނާގެ ހަށިގަނޑު މާލެ ގެނެސްފިއެވެ.

ފުލުހުންގެ މީޑިއާއިން "ވަން" އަށް މިއަދު ބުނީ ރ. މީދޫ ހެލްތު ސެންޓަރަށް ބަލިވެގެން އިއްޔެ ދެއްކި މީހަކު، އިތުރު ފަރުވާއަށް އެ އަތޮޅު އުނގޫފާރު ހޮސްޕިޓަލަށް ގެންދިޔުމުން އެ ހޮސްޕިޓަލުގެ އައިސީޔޫގައި އޭނާއަށް ފަރުވާ ދިން ކަމަށެވެ. އެތަނުގައި އޭނާއަށް ފަރުވާ ދެމުންދަނިކޮށް އިއްޔެ ހެނދުނު 11:46ގައި އޭނާ މަރުވެފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކުރި ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ މަރުވެފައިވަނީ 33 އަހަރު ބަންގްލަދޭޝް ރައްޔިތެއް ކަމަށެވެ. އޭނާއާ ހަވާލުވާނެ މީހަކު ނެތުމުން ފުލުހުންގެ ބެލުމުގެ ދަށުން އޭނާގެ ހަށިގަނޑު ރޭގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަަމަށްވެސް ބުންޏެވެ.

މިހާރު އެމީހާގެ ހަށިގަނޑު ގަލޮޅު މޯޗަރީގައި އޮތް އިރު، އޭނާއަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އައި ބިދޭސީއެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން މީހަކު މަރުވެއްޖެ ހާލަތެއްގައި ހަވާލުވާނެ ފަރާތެއް ނެތް ނަމަ އެ މީހަކު ނިސްބަތްވާ ގައުމެއްގެ އެމްބަސީ މެދުވެރިކޮށް އާއިލާ ހޯދައި އެމީހުން އަންގާ ގޮތަކަށް ޖަނާޒާގެ ކަންކަން ކުރިއަށް ގެންދެއެވެ.