ޕްރޮފައިލް ރިޕޯޓް

ޤައުމީ ޚިދުމަތުގައި އަޅުގަނޑު: އެންޓި-ކޮރަޕްޝަން ބޯޑާއި އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގައި 3

އަބްދުﷲ ފާރޫގް ހަސަން

(16 ޖެނުއަރީގެ އަދަދާ ގުޅޭ)

* އެންޓި-ކޮރަޕްޝަން ބޯޑުގައި ހުރި ބޭރުގެ އެންޓި-ކޮރަޕްޝަން ބޯޑުތަކުގެ މަޢުލޫމާތުތައް އަޅުގަނޑު ދިރާސާކޮށްލިއިރު ސިންގަޕޫރުގެ ބޯޑުގައި ޕްރިވެންޝަން ސެކްޝަންގައި އެސައިންމަންޓް އޮފިސަރުން ތިބެއެވެ. އެހެންކަމުން ރާއްޖޭގެ އެންޓި-ކޮރަޕްޝަން ބޯޑުގެ ޕްރިވެންޝަން ސެކްޝަން ވަރުގަދަކުރުމަށްޓަކައި ރައީސްއޮފީހަށް ލިޔެގެން އެސައިންމަންޓް އޮފިސަރ ޓްރޭނީންގެ މަޤާމު ހޯދީމެވެ. އެންމެފުރަތަމަ ލިބުނީ ދެމަޤާމެވެ. އެ ދެމަޤާމަށް ދެބޭފުޅަކު ހަމަޖެއްސީމެވެ. އަޅުގަނޑު ހަނދާންވާގޮތުގައި އެންމެފުރަތަމަ ހޮވުނީ الـفــاضـــل أشـــــرف رشـــيــد ޓޫސަންސް، ހއ.ކެލާ އާއި الـفــاضـــل مــاجــــد حـســن ކެނެރީވިލާ، ޅ.ހިންނަވަރު އެވެ. އެ ދެބޭފުޅުންނަށްވެސް ރާއްޖެއިންނާއި ރާއްޖެއިންބޭރުން ކިޔަވައިދެވުނެވެ. ހަމައެއާއެކު الـفــاضـــل عــبــدالـــرّحــيـــم عــبــدالــرّحمـــــن ގެ ބެއްލެވުމުގެ ދަށުން އޮޑިޓްކުރުމުގެ ޢަމަލީ ތަމްރީނު ދިނީމެވެ. އެސައިންމަންޓް އޮފިސަރުން ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ގަވާއިދަށް އަހުލުވެރިކުރުވުމަށް އަޅުގަނޑު ވަރަށްބޮޑަށް ބާރުއެޅީމެވެ. އެގޮތުން އެއިން ކޮންމެ ބޭފުޅަކު ލައްވައިވެސް ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ގަވާއިދުފޮތް އެއްކޮޅުން އަނެއްކޮޅަށް ލިޔުއްވީމެވެ. އޮފީހެއްގެ ވެރިޔަކަށްވުރެ ބޮޑަށް "ޖައްލާދު އެދުރެކޭ" ވިދާޅުވިޔަސް ކުރާނެކަމެއް ނެތެވެ. الـفــاضـــل عــلــــى رشـــيــد عــمـــــر ކިޔަވައިވިދާޅުވެގެން ވަޑައިގަތުމަށްފަހު އޭނާވެސް ޕްރިވެންޝަން ސެކްޝަން ތަރައްޤީކުރައްވަން ވަރަށް ބުރަކޮށް އިޚްލާޞްތެރިކޮށް މަސައްކަތް ކުރެއްވިއެވެ. މިއީ ދާއިމީގޮތެއްގައި މެދުނުކަނޑައި ކުރި މަސައްކަތެކެވެ.

ރައީސްއޮފީހުގައި ދަންނަވައިގެން އެންޓި-ކޮރަޕްޝަން ބޯޑަށް މަޤާމުތައް އިތުރުވަމުންދާވަރަކުން އަޅުގަނޑު ބެލީ ޤާބިލު ޒުވާން ބޭފުޅުން މަޤާމުތަކަށް ހޮވުމަށެވެ. ބޯޑުގެ މަޤާމުތަކަށް ކުރިމަތިލައްވާތޯ ޤާބިލު ފަރާތްތަކަށް ގުޅައި އަޅުގަނޑު އިލްތިމާސުވެސް ކުރަމެވެ. އޭގެތެރޭގައި އަޅުގަނޑާ ގުޅުންހުރި ފަރާތްތައްވެސް ހިމެނޭކަމަށް އިޢުތިރާފުވަމެވެ. އެއްފަހަރަކު ރައީސްއޮފީހުން އެކަން ބައްލަވައިވެސްލެއްވިއެވެ. އެންޓި-ކޮރަޕްޝަން ބޯޑުގެ މަޤާމުތަކަށް މީހުން ހޮވަން އަޅުގަނޑު ހަމަޖައްސައިފައި އޮންނަނީ ބޯޑުގެ އިސްވެރީންގެ ކޮމެޓީއަކުން އިންޓަރވިއު ކުރައްވައިގެން ރިޕޯޓެއް ތައްޔާރުކުރައްވާގޮތަށެވެ. ބޯޑަށް މުވައްޒަފުން ނަގަނީ އެ ރިޕޯޓު އަޅުގަނޑާ ހަމަޔަށް އައުމުން އެ ރިޕޯޓުގައި ހުށަހަޅުއްވައިފައިވާ ގޮތަށެވެ. އިންޓަރވިއު ޕެނަލްގައި އަޅުގަނޑު ދުވަހަކުވެސް ބައިވެރިޔެއް ނުވަމެވެ.

ޢާންމުކޮށް އެންޓި-ކޮރަޕްޝަން ބޯޑުގެ ހުރިހައި މުވައްޒަފުންގެވެސް ޤާބިލިއްޔަތު ކުރިއެރުވުމަށް އަޅުގަނޑު ވަރަށްބޮޑަށް އިސްކަންދިނީމެވެ. މުވައްޒަފުންގެ ތެރެއިން ތަޢުލީމާއި ތަމްރީނު ހޯދަން ބޭނުންވާ އެންމެންނަށް އެކަމަށް މަގުފަހިކޮށްދެވޭތޯ ބެލީމެވެ. އެކި ގަޑިގަޑީގައި އޮފީހަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް ކިޔަވަން ހުރަސްނޭޅޭގޮތަށް ކްލާސްތަކަށްދާން ފުރުޞަތު ދިނީމެވެ. މުވައްޒަފުންގެ ޑިއުޓީ އެގޮތަށް ރާވައިގެންނެވެ. ކޮންމެ މުވައްޒަފަކަށްވެސް މަޤާމުގެ ކުރިއެރުން ދިނުމަށް ޝަރުޠުހަމަވާ އެންމެ އަވަސް ފުރުޞަތެއްގައި މަޤާމުގެ ކުރިއެރުން ދެމުންގެންދިޔައީމެވެ.

* އެންޓި-ކޮރަޕްޝަން ބޯޑުން ބަލާ މައްސަލަތައް ބެލުން ހަރުދަނާކުރުމަށާއި މައްސަލަތަކަށް ވަކިފަރާތެއްގެ ނުފޫޒު ނުފޯރުވާގޮތަށް އެންމެފުރަތަމަ ދުވަހުން ފެށިގެން ހަމަޖެއްސީމެވެ. އަޅުގަނޑު އެންޓި-ކޮރަޕްޝަން ބޯޑުގެ ކޮމިޝަނަރކަމާ ޙަވާލުވިއިރު ޢަމަލުކުރެވެމުންދިޔަ ގޮތަކީ ބޯޑަށް ހުށަހެޅޭ މައްސަލަތަކާއި ލިބޭ ސިޓީތައް ކޮމިޝަނަރގެ އަރިހަށް ދިޔުމުން ކޮމިޝަނަރ ބައްލަވައިފައި ބައްލަވަން ފެނިވަޑައިގަންނަވާ މައްސަލަތައް ޑިރެކްޓަރުންނާ ޙަވާލުކުރައްވަނީއެވެ. އޭރު އެންޓި-ކޮރަޕްޝަން ބޯޑުގައި ތިއްބެވި ޑިރެކްޓަރުންގެ ތެރެއިން މައްސަލަ ބައްލަވަނީ ތިންބޭފުޅެކެވެ.

الأستـــاذ عــبــد اللّــه آدم އާއި الـفــاضـــل أحمــد رضـــا އާއި الـفــاضـــل عــبــدالـــرّحــيـــم عــبــدالــرّحمـــــن އެވެ. الـفــاضـــل يــوسف آدم މައްސަލަތަކެއް ނުބައްލަވައެވެ.

މައްސަލަ ބައްލަވަން ޑިރެކްޓަރުންނާ ޙަވާލުކުރުމާއި ޑިރެކްޓަރުން ބައްލަވާ މައްސަލަތަކުގެ އެންމެފަހުގެ ނިންމުން ނިންމުން އޭރު ރޭވިފައިވާގޮތުން ކޮންމެ ޑިރެކްޓަރަކު ބައްލަވާ މައްސަލައެއްގެވެސް ޕްރިލިމިނަރީ ރިޕޯޓާމެދު ވާހަކަދެކެވެނީ އެބޭފުޅަކާއި ކޮމިޝަނަރާ ދެމެދުގައެވެ. ނަމަވެސް އަޅުގަނޑު އެގޮތް ބަދަލުކޮށްލީމެވެ. ވީހާވެސް ބޮޑަށް ޓްރާންސްޕޭރެންޓް ކުރުމުގެ ނިޔަތުގައެވެ. ބޯޑަށް ހުށަހެޅޭ މައްސަލަތައް އެންމެފުރަތަމަ ގެންދަނީ ކޮމިޝަނަރާއި ބޯޑުގެ އިސްވެރިން ހިމެނޭ ބައްދަލުވުމަކަށެވެ. ބަލަންވީ މައްސަލަތައް ކަނޑައަޅަނީ ވެރީންގެ ބައްދަލުވުމުންނެވެ. އެއަށްފަހު މައްސަލަ ބައްލަވަން ޑިރެކްޓަރަކާ ޙަވާލުކުރަނީއެވެ. އެބޭފުޅަކާ މައްސަލަ ޙަވާލުކުރުމުން، މައްސަލައިގައި ބަލަންޖެހޭނެކަމަށް ފެންނަ ކަންތައްތަކާއި، ހޯދަންޖެހޭނެކަމަށް ފެންނަ ލިޔެކިޔުންތަކާއި، ސުވާލުކުރަންޖެހޭނެކަމަށް ފެންނަ މީސްމީހުންނާއި، އެމީސްމީހުންނާ ކުރަންޖެހޭނެކަމަށް ފެންނަ ސުވާލުތައް ހިމެނޭގޮތަށް ލިޔުމެއް ތައްޔާރުކުރައްވައި، މައްސަލަ ޙަވާލުކުރެވުނު ބޭފުޅަކާއި، އޮޕަރޭޝަން ސެކްޝަނުގެ އިތުރު ބޭފުޅަކާއި ޕްރިވެންޝަން ސެކްޝަނުގެ ބޭފުޅަކާ ތިންބޭފުޅުން ހިމެނޭ ކޮމިޓީއަކުން އެލިޔުމުގައި ބަޔާންކޮށްފައިވާ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރައްވައި، އެލިޔުން ފުރިހަމަކުރާގޮތަށް ހަމަޖެއްސީމެވެ. އެއަށްފަހު، މައްސަލަ ޙަވާލުކުރެވުނު ބޭފުޅަކު އެލިޔުން އަޞްލަކަށް ބައްލަވައިގެން މައްސަލަ ބައްލަވައި ޕްރިލިމިނަރީ ރިޕޯޓު (ޙަޤީޤަތުގައި މައްސަލައިގެ ފުރިހަމަ ރިޕޯޓެއް) ތައްޔާރުކުރެއްވުމުން އެ ރިޕޯޓު ގެންދަނީ ވެރީންގެ ބައްދަލުވުމަކަށެވެ. އެބައްދަލުވުމުގައި މިނިވަންކަމާއެކު ބަހުސުކޮށް ފުރިހަމަކުރާންޖެހޭ ކަމެއް އޮތްކަމުގައިވާނަމަ ފުރިހަމަކުރުމަށްފަހު ރިޕޯޓު ފޮނުވަނީ رئيس الجــمــهــوريّـــة ގެ އޮފީހަށެވެ. އެހެންކަމުން އަޅުގަނޑު އެންޓި-ކޮރަޕްޝަން ބޯޑުގެ ކޮމިޝަނަރކަމާ ޙަވާލުވިފަހުން އެންޓި-ކޮރަޕްޝަން ބޯޑުން ބެލި އެއްވެސް މައްސަލައެއްގައި ވަކިފަރާތެއްގެ ނުފޫޒެއް ނޯންނާނެކަމުގެ ޔަޤީންކަން އަޅުގަނޑުގެ ނަފްސަށް އެބައޮތެވެ. އަޅުގަނޑު މައްސަލަތަކާ ބެހޭވަރަކީ ހަމައެކަނި މައްސަލަ އަވަސްކުރާން ބާރުއެޅުމެވެ. މައްސަލަ ބައްލަވާ ބޭފުޅުންނާ ދޭތެރެދޭތެރެއިން ބައްދަލުކޮށް މައްސަލަތަކުގެ ވާނުވާ ބަލަމެވެ. އެކި އަހަރުއަހަރު ބޯޑަށް ހުށަހެޅުނު މައްސަލަތަކުގެ ޢަދަދާއި ނިންމުނު މައްސަލަތަކުގެ ޢަދަދަކީ މިފަދަ ލިޔުމަކަށް އިންތިހާއަށް ބޭނުން މަޢުލޫމާތަކަށްވިޔަސް މިހާރަކު އަޅުގަނޑުގެ އަތަކު އެ މަޢުލޫމާތެއް ނެތެވެ.

* އެންޓި-ކޮރަޕްޝަން ބޯޑުން ބަލާ ކަންތައްތަކާއި ކުރާ ކަންތައްތަކާބެހޭ ރިޕޯޓެއް ކޮންމެ ތިންމަހަކުން އެއްފަހަރު رئيس الجــمــهــوريّـــة ގެ އޮފީހަށް ފޮނުވާންޖެހެއެވެ. ބޯޑުން ބަލާ މައްސަލަތަކާ ބެހޭގޮތުން ހަމަޖެހިފައިއޮތީ މައްސަލައިގެ ޕްރިލިމިނަރީ ރިޕޯޓެއް رئيس الجــمــهــوريّـــة ގެ އޮފީހަށް ފޮނުވުމުން رئيس الجــمــهــوريّـــة ގެ އޮފީހުން އަންގަވާގޮތަކަށް ކުރިޔަށްގެންދާގޮތަށެވެ.

އަޅުގަނޑު އެންޓި-ކޮރަޕްޝަން ބޯޑާ ޙަވާލުވިއިރު އެންޓި-ކޮރަޕްޝަން ބޯޑުން رئيس الجــمــهــوريّـــة ގެ އޮފީހަށް ފޮނުވާ މައްސަލަތައް އެއޮފީހުން ބައްލަވަމުން ގެންދެވީ الـفــاضـــل إسمــاعــيـــل إبــــراهــيـــــم ހ.އަސްރަފީވިލާ އެވެ. އޭނާއަށްފަހު الـشّـيــخ حـســن يـــوسف މ.ނޫހިރި އެވެ.

* އަޅުގަނޑު އެންޓި-ކޮރަޕްޝަން ބޯޑުގެ ކޮމިޝަނަރކަމާ ޙަވާލުވިއިރު ބޯޑުން ބަލާ މައްސަލަތަކާ ގުޅޭގޮތުން ސަރުކާރުގެ ދާއިރާތަކުގެ ވެރީން ހާޒިރުކުރުން އޮންނަނީ ވަރަށް ދަތިގޮތަކަށެވެ. ސަރުކާރުގެ އިދާރާއެއްގެ އެސިސްޓެންޓް ޑިރެކްޓަރުން ފެންވަރު ބޭފުޅަކު ހެކިބަހެއް ހޯދާން ހާޒިރުކުރާން ބޭނުންވިކަމުގައިވިޔަސް ހާޒިރުކުރެވެނީ ރައީސްއޮފީހަށް ލިޔެ ހުއްދަ ހޯދައިގެންނެވެ. އެހެންކަމުން މައްސަލަތައް ދިގުދެމި ލަސްވެއެވެ. އެކަމަކު އޭރުވެސް ބޯޑުގެ ގަވާއިދުގައި އޮންނަނީ رئيس الجــمــهــوريّـــة އާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުންނާއި رئيس الجــمــهــوريّـــة ގެ ފަތްކޮޅަކުން މަޤާމެއް ދެއްވައިފައިވާ ބޭފުޅުން ފިޔަވައި އެހެން ކޮންމެ ފަރާތެއްވެސް ބޯޑުގެ ބޭނުމަށް ވަގުތުން ހާޒިރުކުރެވޭގޮތަށެވެ.

މި މައްސަލައިގެ އުނދަގޫކަންހުރިވަރީ ބޯޑަށް މައްސަލައެއް ހުށަހެޅުއްވި ބޭފުޅަކު (އޭރު ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ރާއްޖެތެރޭގެ ވަޒީރެއްގެ މަންމައަކު) ބަޔާނެއް ނަގަން އެންޓި-ކޮރަޕްޝަން ބޯޑަށް ހާޒިރުކުރުމުން ރައީސް އޮފީހުން ނުސީދާކޮށް އަޅުގަނޑާ ސުވާލު ކުރެއްވިއެވެ.

އަޅުގަނޑު މި މައްސަލަ رئيس الجــمــهــوريّـــة ގެ އަރިހަށް ގެންދިޔުމުން އެންޓި-ކޮރަޕްޝަން ބޯޑުގެ ގަވާއިދާ އެއްގޮތަށް ޢަމަލުކުރަމުން ގެންދަން ހުއްދަ ދެއްވިއެވެ. އަޅުގަނޑު އެގޮތަށް ޢަމަލުކުރާން ފަށައިފީމެވެ. އެކަމަކު އެހިސާބަކުން މައްސަލައެއް ނުނިމުނެވެ. ޕްރެޒިޑެންޝަލް އެފެއާޒްގެ އިސްބޭފުޅެއް އަޅުގަނޑާ ފޯނުން ގުޅުއްވައި ރައީސްއޮފީހަށް ނުލިޔެ ސަރުކާރުގެ ވެރީން ހާޒިރުކުރަނީ ކީއްވެގެންތޯ ސުވާލުކުރެއްވިއެވެ. އަޅުގަނޑު އެންޓި-ކޮރަޕްޝަން ބޯޑުގެ ގަވާއިދުގައި އެކަން އޮންނަގޮތުގެ ވާހަކައާއި ގަވާއިދުގައި އޮންނަގޮތަށް ޢަމަލުކުރާން رئيس الجــمــهــوريّـــة ހުއްދަ ދެއްވައިފައިވާ ވާހަކަ ދެންނެވީމެވެ. ފޯނުކުރެއްވި ބޭފުޅާ ނުހަނު ނިޔަނެތިކޮށް ވިދާޅުވީ އެކަމަކު މައްސަލަ ރައީސްއޮފީހަށް ލިޔުމަށެވެ. އަޅުގަނޑު ލިޔާކަށް ބޭނުމެއްނޫނޭ ދެންނެވުމުން އެހައިތަނުން މައްސަލަ ނިމިއްޖެއެވެ. ބޯޑުގެ ގަވާއިދުގައިވާ އިޚުތިޔާރު ބޯޑަށް ލިބިއްޖެއެވެ. އަޅުގަނޑު އެމައްސަލަ ނުލިޔުނީ ދެކެވުނު ވާހަކައިގެ ރާގުހުރިގޮތުން ލިޔުމަށްވުރެ ނުލިޔުން ރަނގަޅުކަމުގައި ފެންނާތީއެވެ. ފައްސި ޖަވާބެއް ލިބުމަށްވުރެ ނައްސި ޖަވާބެއް ލިބުމުގެ އެކަށޭނަކަން އޮތުމުންނެވެ.

* މިހާރުވެސް އެކި ދާއިރާތަކުން ކުރާ މަސައްކަތްތަކަށް ފާޑުކިޔާ ފަދައިން އެދުވަސްވަރުވެސް އެކަން އޮތެވެ. އެންޓި-ކޮރަޕްޝަން ބޯޑުން ބަލާ މައްސަލަތަކަށް ވަރަށްބޮޑަށް ފާޑުކިޔުން އަމާޒުވެއެވެ. އެންޓި-ކޮރަޕްޝަން ބޯޑުން ބަލަނީ އަތޮޅުއޮފީހުގެ ބަނޑޭރިޔަކު އަތޮޅުގެއަށް ގެންދާ މަހެއްގެ ބޮލާއި ކަށިފަތި ގެޔަށް ގެންދިޔަ މައްސަލަފަދަ މައްސަލަތައް ކަމުގައި ވާހަކަދައްކައި ހަޖޫކިޔައެވެ. އެ މައްސަލައިގައި އަޅުގަނޑު އޭރުވެސް އަދި މިހާރުވެސް ދޭނީ އެއްޖަވާބެކެވެ. އެއީ ޙަޤީޤަތެއް ނޫނޭ ބުނުމެވެ. ބޯޑަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ބޯޑުން ސީދާ ބަލަނީ އެ މައްސަލައިގައި ހިމެނޭކަމަށް އަންދާޒާކުރެވޭ ފައިސާގެ ޢަދަދު ވަކިވަރަކަށްވުރެ ބޮޑު މައްސަލަތަކެވެ. ކުދިކުދި މައްސަލަތައް ވަކީން ރަޖިސްޓްރީ ކުރުމަށްފަހު ފޮނުވަނީ މައްސަލައާ ގުޅޭ އިސްއޮފީސްތަކަށެވެ. އެތަންތަނުން މައްސަލަ ބެއްލެވުމަށްފަހު ބޯޑަށް ރިޕޯޓެއް ފޮނުއްވާގޮތަށެވެ. އެފަރާތްތަކުން އެ މައްސަލަތައް ބައްލަވާތޯ އަޅުގަނޑުމެން ބަލަމުއެވެ. އެންޓި-ކޮރަޕްޝަން ބޯޑުން ބެލި މައްސަލަތަކާ ބެހޭގޮތުން އަޅުގަނޑަށް އިތުރަށް ވާހަކަ ދެއްކޭކަށެއް ނެތެވެ. އެންޓި-ކޮރަޕްޝަން ބޯޑުގެ އޭރުގެ ގަވާއިދުގައިވާ ގޮތުން އެވާހަކަ ދެއްކޭނީ ޝަރީޢަތަކަށް ބޭނުންވެއްޖެ ހިނދެއްގައެވެ.

އެހެން ރޮނގަކުންވެސް މި މައްސަލައިގައި އެއްޗެއް ދަންނަވައިލާން އަޅުގަނޑު ބޭނުމެވެ. އާދެ، އެންޓި-ކޮރަޕްޝަން ބޯޑަކީ ސަރުކާރުން ވިޔަފާރިޔެއްގެގޮތުން ހިންގާ ކެޕިޓަލް ވަކިކުރި އިދާރާއެއް ނޫނެވެ. ޤައުމުގައި ވަކި އަގުތަކެއް ޤާއިމުކުރާން މަސައްކަތްކުރާ އިދާރާއެކެވެ. އެހެންކަމުން އުސޫލެއްގެގޮތުން ބަލާއިރު، މައްސަލައިގެ ކުޑަބޮޑުމިނަށް ވިސްނާކަށް ނުވެސްޖެހެއެވެ. ކުޑަޔަސް ބޮޑަސް ވައްކަމެއްވިއްޔާ ވާނީ ވައްކަމަކަށެވެ. ޚިޔާނަތާއި ނުފޫޒުގެ ބޭނުންކުރުންވެސް ހަމައެގޮތެވެ. ދިވެހި މުސްކުޅި ބުނުމެއްގައިވާ ފަދައިން ކާއްޓެއް ކައިފިކަމުގައިވާނަމަ ކުޑަޔަސް ބޮޑަސް ވާނީ ކާއްޓެއް ކެއީކަމުގައެވެ. ކާށީގައި މިންއަޅާން އުޅުމުންވެސް އުފެދޭނީ ކޮރަޕްޝަނެވެ. މިން ނެގުނީ ކާށީގެ ވަށަމިނުގެ ކޮންހިސާބަކުންތޯ ސުވާލު އުފެއްދިދާނެއެވެ.

* ރާއްޖެތެރެއިންވެސް އެންޓި-ކޮރަޕްޝަން ބޯޑަށް ވަރަށްގިނަ މައްސަލަ ހުށަހެޅިއެވެ. ބޯޑަށް މައްސަލައެއް ހުށަހެޅޭއިރަށް އެމައްސަލައެއް ބަލާން ބޮޑު ޚަރަދުކޮށްފައި ޓީމެއް ފޮނުވަނީކީ ނޫނެވެ. ރާއްޖެތެރެޔަށް ޓީމުތައް ފޮނުވަނީ އެކަށީގެންވާ ޢަދަދެއްގެ މައްސަލަ ހުށަހެޅުމުންނެވެ. ގިނަ މައްސަލަތަކެއް އެއްކޮށްލައިފައެވެ. ކައިރި އަތޮޅުތަކުގެ މައްސަލަތައް އެއްކޮށްލައިފައިވެސް ޓީމުތައް ފޮނުވަމެވެ.

ރާއްޖެތެރެއަށް ޓީމުތައް ފޮނުވާއިރު އަޅުގަނޑު ހަމަޖައްސައިފައިވަނީ އެހެން އެއްވެސްގޮތެއް އޮތްނަމަ އަތޮޅެއްގެ އަތޮޅުގެއެއްގައި ނުވަތަ ރަށެއްގެ ރަށްވެހިގޭގައި އެންޓި-ކޮރަޕްޝަން ބޯޑުގެ ޓީމުތަކުގެ ކެއުމާއި ނިދުން ނުބެހެއްޓުމަށެވެ. އެންޓި-ކޮރަޕްޝަން ބޯޑުގެ ޓީމުތައް ބައިތިއްބަނީ ތަންތަން ކުއްޔަށް ހިފައިފައެވެ. ބޯޑުގެ މުސްތަޤިއްލުކަން ހިފެހެއްޓުމަށްޓަކައެވެ. މައްސަލަތައް ރައްދުވާ ފަރާތްތަކާ ސީދާގުޅުން ކުޑަކުރުމަށްޓަކައެވެ. އެންޓި-ކޮރަޕްޝަން ބޯޑުން މައްސަލަތައް ބެލުމަށް ރާއްޖެތެރެޔަށް ކުރާ ދަތުރުތަކުގައި އަޅުގަނޑު ބައިވެރިޔެއް ނުވަމެވެ. "ކުކުޅުކާކަށެއް" ނުދަމެވެ.

ރާއްޖެތެރެޔަށް ފޮނުވާ ޓީމުތަކުގެ ދައުރަކީ ހުސްއެކަނި މައްސަލަތައް ތަޙްޤީޤުކުރުމެއް ނޫނެވެ. ރާއްޖެތެރެޔަށް ފޮނުވާ ޓީމުތައް އެކުލަވައިލަނީ މައްސަލަ ތަޙްޤީޤުކުރައްވާ ބޭފުޅުންނާއި އެސައިންމަންޓް އޮފިސަރުން ހިމެނޭގޮތަށެވެ. އެހެންކަމުން އަތޮޅުއޮފީސްތަކާއި ރަށުއޮފީސްތަކުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ނިޒާމު ރޭވިފައިވާގޮތް ބަލައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުންނަ ކަންކަން އިޞްލާޙުކުރާން ލަފާދެމުން ގެންދަމުއެވެ.

* އެންޓި-ކޮރަޕްޝަން ބޯޑަށް މައްސަލައެއް ހުށަހަޅަން ނުވަތަ ބޯޑުގައި އޮންނަ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަނަރާ ވާހަކަދައްކަން އައި އެއްވެސްމީހަކާ އަޅުގަނޑު ދުވަހަކުވެސް އެކަނި ބައްދަލެއް ނުކުރަމެވެ. މީހަކާ ބައްދަލުކުރާނަމަ އަބަދުވެސް ބައްދަލުކުރަނީ ބޯޑުގެ އެހެން ވެރިޔަކާ އެކުގައެވެ.

* އެންޓި-ކޮރަޕްޝަން ބޯޑަށް އައު ޢިމާރާތެއް ހޯދުމަކީވެސް އަޅުގަނޑު އިސްކަންދިން ކަމެކެވެ. އަޅުގަނޑު އެންޓި-ކޮރަޕްޝަން ބޯޑުގެ ކޮމިޝަނަރކަމާ ޙަވާލުވިއިރު އެންޓި-ކޮރަޕްޝަން ބޯޑު ހިނގަމުންދިޔައީ ލ.އަތޮޅު ފިހާރައިގައެވެ. (ހަނދާންވާގޮތުން) އަތޮޅުފިހާރައެއްގައި އޮފީހެއް ހުރުމަކީ މައްސަލައެއް ނޫނެވެ. 1967 ގައި އަޅުގަނޑު ސަރުކާރަށް ވަންއިރުވެސް އަތޮޅުފިހާރަތަކުގައި އޮފީސްތައް ހުރެއެވެ. އެންޓި-ކޮރަޕްޝަން ބޯޑު އަތޮޅުފިހާރައެއްގައި ހުރުމުން މައްސަލައަކަށްވީ ދެސަބަބަކާ ހުރެއެވެ. ބޯޑަށް ހާޒިރުކުރާ ސަރުކާރުގެ ވަކިފެންވަރެއްގެ ބޭފުޅުން އެކަން މައްސަލައަކަށް ހެއްދެވުމެވެ. އެދުވަސްވަރާ މިހާރާ މީހުންގެ ވިސްނުން ވަރަށް ތަފާތެވެ. ސުވާލެއް ކޮށްލަންވެސް އެންޓި-ކޮރަޕްޝަން ބޯޑަށް މީހަކު ހާޒިރުކުރުމަކީވެސް އަގުވެއްޓުމެއްކަމުގައި މީހުން ދެކެއެވެ. އެހެންކަމުން ބޯޑަށް ހާޒިރުކުރާ މީހުން ބޭނުންވަނީ ގިނަ އޮފީސްތަކެއް ހުންނަ އޮފީސް ބިލްޑިންގެއްގައި އެންޓި-ކޮރަޕްޝަން ބޯޑު ހުރުމެވެ. އޭރުން ވަންނުވަން ދޮރެއް ނޭނގި ހިނގައިދާނެއެވެ. އަނެއްކޮޅުން އެންޓި-ކޮރަޕްޝަން ބޯޑު ފުޅާކުރާން ވިސްނާއިރު ޖާގައިގެ ދަތިކަމަކީވެސް މައްސަލައެކެވެ.

(ނުނިމޭ)