ޚަބަރު

ފުރަތަމަ ބާ އިމްތިހާނުން 68 ޕަސެންޓް މީހުން ފާސްވެއްޖެ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ބާ އިމްތިހާނުގައި ބައިވެރިވި މީހުންގެ ތެރެއިން 68 ޕަސެންޓް މީހުން ފާސްވެފައިވާ ކަމަށް ބާ ކައުންސިލުން ބުނެފި އެވެ.

ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް ޓަކައި ހަދަން ޖެހޭ ބާ އިމްތިހާނު ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވީ މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. މާލެ ސިޓީ އާއި އައްޑޫ ސިޓީގައި ބޭއްވި އެ އިމްތިހާނުގައި 176 މީހުން ބައިވެރިވިއެވެ.

ބާ ކައުންސިލުން ބުނީ، އެ އިމްތިހާނުގައި ބައިވެރިވި މީހުންގެ ތެރެއިން 68 ޕަސެންޓް މީހުން ފާސްވެފައިވާ ކަމަށާއި އެ އިމްތިހާނުގައި ބައިވެރިވި މީހުން ހޯދި އެވްރެޖް ނަތީޖާއަކީ 66 ޕަސެންޓު ކަމަށެވެ.

ބާ އިމްތިހާނުގައި ބައިވެރިވި މީހުންގެ ތެރެއިން 18 މީހަކު ޓޮޕް އެޗީވާސް ލިސްޓުގައި ހިމެނިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ގައުމީ ޔުނިވަސިޓީ އާއި މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީ އާއި ވިލާ ކޮލެޖާއި އަދި ޔުނިވާސިޓީ އޮފް ލަންޑަންގެ ދަރިވަރުންނެވެ.

"ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު" ގައިވާ ގޮތުން ކޯޓުތަކުގައި ވަކާލާތު ކުރައްވާ ވަކީލުންނަށް ލައިސަންސް ލިބޭނީ އެ އިމްތިހާނުން ފާސްވެގެންނެވެ. ދައުލަތުގެ ވަކީލުންނާއި ސަރުކާރު އޮފީސްތަކުގައި މަސައްކަތްކުރައްވާ ލީގަލް އޮފިސަރުން އެ އިމްތިހާނު ފުރިހަމަކުރާކަށް ނުޖެހޭނެއެވެ.

އެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ބާ އިމްތިހާނެއް ބާއްވަން މަސައްކަތްކުރީ 2019 ވަނަ އަހަރެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން އެ އިމްތިހާނު ފަސްކުރަން ޖެހުމުން ބާ ކައުންސިލުން ވަނީ 283 ވަކީލުންނަށް ވަގުތީ ލައިސަންސް ދޫކޮށްފައެވެ. އެ ގާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހާއެކު ވަގުތީ ލައިސަންސް ލިބިފައިވާ ފަރާތްތަކުން ބާ ކައުންސިލުގެ އިމްތިހާނު ހަދާކަށް ނުޖެހޭނެއެވެ. ގާނޫނު ބުނާ ގޮތުގައި ބާ އިމްތިހާނު ފުރިހަމަކުރާތާ މަދުވެގެން 21 ދުވަހުގެ ތެރޭގައި ލައިސަންސް ހަމަޖައްސަން ޖެހެއެވެ.

ބާ ކައުންސިލުގެ އިމްތިހާނުގައި ހިމެނެނީ މައިގަނޑު ފަސް ބައެކެވެ. އެއީ މޯލްޑިވިއަން ލީގަލް ސިސްޓަމް، ކްރިމިނަލް ޕްރޮސީޖާ، ސިވިލް ޕްރޮސީޖާ، ޕްރޮފެޝަނަލް އެތިކްސް އަދި ލޯ ޑްރާފްޓިން އެވެ.

ބާ އިމްތިހާނަކީ ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމުގެ ގޮތުން ފުރިހަމަކުރަން ޖެހޭ އެންމެ އަސާސީ ދެ ކަންތަކުގެ ތެރެއިން އެއް ކަންތަކެވެ. ބާ އިމްތިހާނުގެ އިތުރުން އަދި ތަމްރީން ޕްރޮގްރާމެއްވެސް ފުރިހަމަކުރަން ޖެހޭނެއެވެ.