ޚަބަރު

އެސްޓީއޯ ރަމަޒާން ބާޒާރު ފަށައިފި، އިނާމަކަށް އުމްރާ ދަތުރެއް

މުހައްމަދު ޖަމްޝަތް ވަހީދު

އަގުހުރި އިނާމުތަކާއެކު މިއަހަރުގެ އެސްޓީއޯ "ރަމަޒާން ބާޒާރު" ފަށައިފިއެވެ.

އެސްޓީއޯ ރަމަޒާން ބަޒާރު ސޭލަކީ ކަސްޓަމަރުންގެ މެދުގައި އެންމެ މަގްބޫލު އެއް ސޭލް އެވެ. މިއަހަރުގެ ރަމަޒާން ބާޒާރު ސޭލް އިފްތިތާހުކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރުއެވެ.

އެސްޓީއޯއިން މިއަދު ބުނީ އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މި އަހަރުގެ އެސްޓީއޯ ރަމަޒާން ބަޒާރުގައިވެސް ބޮޑެތި ޑިސްކައުންޓް ތަކެއް ލިބޭނެއެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ރީޖަނަލް ފިހާރަތަކުގައި ރަމަޒާން ބާޒާރު ކުރިޔަށްދާނީ މިއަދުން ފެށިގެން 29 އެޕްރީލްއަށެވެ. އަދި އެސްޓީއޯ މަކިޓާ ޝޯރޫމް އާއި ނިޕޯން ޝޯރޫމްގައި ރަމަޒާން ބާޒާރު ކުރިޔަށްދާނީ 1 ފެބްރުއަރީ އިން 29 އެޕްރީލްގެ ނިޔަލަށް ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަން ތެރޭގައި އެސްޓީއޯ ރީޖަނަލް ފިހާރަތަކާއި ޕީޕަލްސް ޗޮއިސްގެ އިތުރުން އެސްޓީއޯ މަކިޓާ ޝޯރޫމް އަދި ނިޕޯން ޝޯރޫމުން އިން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. އަދި އެހެން އަހަރު ތަކާ ހިލާފަށް، މި އަހަރުގެ ރަމަޒާން ބާޒާރުގައި އެސްޓީއޯއިން ބޭނުން ކުރާނީ ތިމާވެއްޓާ ރައްޓެހި ޑިޖިޓަލް ކޫޕަން ކަމަށް އެސްޓީއޯއިން ބުންޏެވެ.

އޭގެ އިތުރުންވެސް މި ޕްރޮމޯޝަންގައި ހުރިހާ އައުޓްލެޓް ތަކުންވެސް ނަސީބުވެރި އެއް ފަރާތް ހޮވައި އިނާމެއްގެ ގޮތުގައި ދެ މީހަކަށް އުމްރާ ދަތުރެއް ލިބޭނެ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.