"ގެދޮރުވެރިޔާ، ބިންވެރިޔާ ސްކީމް" އާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް ހައުސިން މިނިސްޓްރީގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރަމުންދާތީ، ސަމާލުވާން އަދިއްޖެއެވެ.

ހައުސިން މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ، އެ މިނިސްޓްރީން ކުރިއަށް ގެންދާ ހައުސިން ދެ މަޝްރޫއެއް ކަމަށްވާ "ގެދޮރުވެރިޔާ، ބިންވެރިޔާ ސްކީމް"އާ ގުޅޭގޮތުން ބައެއް ފަރާތްތަކަށް ގުޅައި، ފޯމާ އެކު މަދުވާ ކަމަށް ބުނާ ޑޮކިއުމަންޓްތަކެއް ހުށަހެޅުމަށް 9349119 މޯބައިލް ނަންބަރުން ގުޅަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ނަންބަރަށް ގުޅުމުން، އެ މިނިސްޓްރީގެ ރިސެޕްޝަންގެ ނަންބަރަށް ކޯލް ޑައިވާޓް ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

"ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމް" އަށް ފޯމު ހުށަހެޅުމުގެ ސުންގަޑި ކަމަށްވާ 15 އޮކްޓޯބަރު 2022 ވީ ހޮނިހިރު ދުވަހުގެ ރޭ 11:59 ގެ ފަހުން، މިހާތަނަށް އެއްވެސް ރައްޔިތެއްގެ މައުލޫމާތު ހޯދުމަށް ނުވަތަ ޑޮކިއުމަންޓެއް ހުށަހެޅުމަށް އެއްވެސް މުއާމަލާތެއް މި މިނިސްޓްރީން ކުރިއަށް ގެންގޮސްފައިނުވާނެ ކަމަށްތީ، ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދަންނަން. އަދި ކުރިއަށް އޮތް ތަނުގައިވެސް ފޯނުން ގުޅައިގެން އެއްވެސް މުއާމަލާތެއް އެއްވެސް ފަރާތަކާއިއެކު މި މިނިސްޓްރީން ކުރިއަށް ނުގެންދާނެ ވާހަކަ އެންމެހާއި ފަރާތްތަކުގެ މައޫލޫމާތަށްޓަކައި ދަންނަވަން،" ހައުސިން މިނިސްޓްރީން ބުންޏެވެ.

ބިންވެރިޔާ ސްކީމަކީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އެކަށައަޅާފައިވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ގެދޮރުވެރިން" މި ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން، މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށްޓަކައި ހިންގާ ސްކީމެކެވެ.

ބިންވެރިޔާ ސްކީމުގެ އިތުރުން މާލެ ސަރަހައްދުން ފުލެޓު ދޫކުރުމަށްޓަކައި "ގެދޮރުވެރިޔާ ސްކީމް"ގެ ނަމުގައި ވެސް ސަރުކާރުން ސްކީމެއް ކުރިއަށްގެންދެއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ އާއި ގުޅިފަޅުންނެވެ. އެ ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅާފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 3,750,000 އަކަފޫޓެވެ. ގޯތީގެ އަދަދު ކަނޑައެޅޭނީ ގޯތި ލިބުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުމުން ކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.

މި ސަރުކާރުގެ "ގެދޮރުވެރިޔާ" ޕްރޮޖެކްޓްގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި ހަދަމުންދަނީ 4,000 ފްލެޓެވެ. ގެދޮރުވެރިޔާ ޕްރޮޖެކްޓްގައި ހިމެނެނީ 17 އަދި 18 ބުރީގެ ޓަވަރުތަކެވެ. ދެ ކޮޓަރީގެ 1200 ހައުސިން ޔުނިޓާއި ތިން ކޮޓަރީގެ 2800 ހައުސިން ޔުނިޓެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 650 އަކަފޫޓްގެ ޔުނިޓްތަކެވެ. ތިން ކޮޓަރިއަކީ 900 އަކަފޫޓުގެ އެޕާޓްމަންޓްތަކެވެ.

މި މަޝްރޫއުގެ ދަށުން 13 ޓަވަރެއްގެ މަސައްކަތް އެއްކޮށް ނިންމައި, އަންނަ އޮގަސްޓް މަހުގެ ތެރޭގައި އެ ތަނުގައި މީހުންނަށް ދިރިއުޅެވެން ފެށޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އެއީ 1,624 ފްލެޓެވެ. މީގެ ތެރެއިން 12 ވަނަ ޓަވަރުގެ ދެ އެޕާޓުމަންޓެއްގެ މަސައްކަތް މިހާރު އެއްކޮށް ނިންމައި އާންމުންނަށް ބަލައިލުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފައެވެ.