ރާއްޖޭގެ މެންޗެސްޓާ ޔުނައިޓެޑް ސަޕޯޓަރުން ކްލަބު، މެންޗެސްޓާ ޔުނައިޓެޑް ސަޕޯޓާސް ކްލަބު މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގެ ނަތީޖާތަކާއެކު، ލ. ގަން ފުޓްސަލް ޓީމާއި ރޭމްޕޭޖް އަދި ކަންމަތި ސްޕޯޓްސް ކްލަބާއި އައްޔަނި އެފްސީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ހުޅުމާލޭ ރެހެންދި ދަނޑުގައި ކުރިއަށްދާ މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހު މެޗުތައް ރޭ ކުޅެފައިވާ އިރު، ރޭ ކުޅުނީ ގްރޫޕް އޭގެ ދެ މެޗާއި ގްރޫޕް ޑީގެ ފަހު ދެ މެޗެވެ. ގްރޫޕް އޭގެ ފަހު ދެ މެޗަށް ރޭ ބައެއް ޓީމުތަކުން ހާޒިރުނުވުމާއެކު ރޭމްޕޭޖާއި ލ. ގަން ފުޓްސަލް ޓީމު ކުއާޓާއަށް ދިޔައީ ފަސޭހަކޮށެވެ.
ރޭމްޕޭޖުން ރޮކްޒްއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ރޮކްޒް ހާޒިރުވެފައި ނުވާ އިރު، ގަން ފުޓްސަލް ޓީމާ ދެކޮޅަށް ކުޅެން އޮތް މެޗަށް ރިޕްލޭ އެފްސީ ހާޒިރުވެފައެއް ނުވެއެވެ.
އެ ދެ މެޗު ލިބުމާއެކު ގަން ފުޓްސަލް ޓީމާއި ރޭމްޕޭޖްވެސް ކުއާޓާއަށް ދިޔައީ ހަތަރު މެޗުން 10 ޕޮއިންޓާއެކުގައެވެ. ފައިދާ ގޯލްގެ ފަރަގުން އެއްވަނަ ލިބުނީ ރޭމްޕޭޖަށެވެ.
ގްރޫޕް ޑީގައި ރޭ ކަންމަތި އެސްސީ އާއި އައްޔަނި އެފްސީ 1-1 އިން އެއްވަރުވި އިރު، އެ ދެ ޓީމަށްވެސް ތިން މެޗުން ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ފައިދާ ގޯލްގެ ފަރަގުން ގްރޫޕް ޑީގެ އެއްވަނަ ކަންމައްޗަށް ލިބިފައިވާ އިރު، ދެވަނަ ޔަގީންކުރީ އައްޔަނި އެފްސީއެވެ.
މެޗުގައި ކަންމަތީގެ ގޯލް ޖެހީ އަލީ ޝާމިސް (ތޮއްޕެ) އެވެ. އައްޔަނި އެފްސީގެ ގޯލް ޖެހީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.
އެ ގްރޫޕްގައި ކަޓައިގެން ދިޔަ ކެޕްޓަން ސްޕޯޓްސް ކްލަބާއި އެލްއެފް ސްޕޯޓްސް ކްލަބު ކުޅުނު މެޗު، އެލްއެފް އިން ކާމިޔާބުކުރީ 5-3 ގެ ނަތީޖާއަކުންނެވެ.
މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް އޮންނާނީ މާދަމާ ރޭއެވެ. އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގައި މި އަހަރު 17 ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ހަތަރު ގްރޫޕެއްގެ މެޗުތައް ކުޅެފައިވެއެވެ.
އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގެ މިއަހަރުގެ މުބާރާތް އެކިއެކި ފަރާތްތަކުގެ އެއްބާރުލުމާއެކު ކުރިއަށް ގެންދާ އިރު، ޗެމްޕިއަން ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ. ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.
އެމްޔޫއެސްސީ ފުޓްސަލް މުބަރާތުގެ މިއަހަރުގެ ކޯ ސްޕޮންސަރުންނަކީ ކެމްޓޯނޯ އަދި ބޭނުން ޓެކެވެ. އޮފިޝަލް ޑްރިންކަކީ އޭޝިއާ ފާމްގެ ޕާޕަލް ޓީއެވެ. އެހެނިހެން ސްޕޮންސަރުންގެ ތެރޭގައި ޑައިމްޔޯ ސްޕޯޓްސް، ޕެސްޓާމިނޭޓާސް ހިމެނެއެވެ. އޮފިޝަލް ކިޓް ޕާޓްނަރަކަށް ޖޯޒްޓީ ހަމަޖައްސާފައިވާ އިރު، އޮފިޝަލް ޕްރިންޓިން ޕާޓްނަރަކީ އިންކެޑް މޯލްޑިވްސްއެވެ. އޮފިޝަލް ބޯޅަ ސްޕޮންސާ ކޮށްފައި ވަނީ މާކީ އެމްވީއެވެ. ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސްއެވެ.
މިއަހަރުގެ އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
20:00 ރޭމްޕޭޖް - ކްލަބު ޓީއެންޓީ
21:00 ޒެފާސް - އައްޔަނި އެފްސީ
22:00 އެފްސީ ކާމްސް - ލ. ގަން ފުޓްސަލް ޓީމް
23:00 ކަންމަތި އެސްސީ - ސްކޯޕިއަން ސިޓީ