ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފުލެޓަށް ކުރިމަތިލި މީހުންގެ ތެރެއިން، ފްލެޓު ލިބޭ މީހުންގެ ލިސްޓު މާޗު މަސް ނިމުމުގެ ކުރިން އާންމުކުރާނެ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
މި ސަރުކާރުގެ "ގެދޮރުވެރިޔާ" ޕްރޮޖެކްޓްގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި ހަދަމުންދަނީ 4,000 ފްލެޓެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ޖޭއެމްސީ އާއި އެންބީސީސީއާއެވެ. ކޮންމެ ކުންފުންޏަކާވެސް ހަވާލުކޮށްފައި ވަނީ 2,000 ފްލެޓްގެ މަސައްކަތެވެ.
މި މަޝްރޫއުގެ ދަށުން 13 ޓަވަރެއްގެ މަސައްކަތް އެއްކޮށް ނިންމައި, އަންނަ އޮގަސްޓް މަހުގެ ތެރޭގައި އެ ތަނުގައި މީހުންނަށް ދިރިއުޅެވެން ފެށޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އެއީ 1,624 ފްލެޓެވެ. މީގެ ތެރެއިން 12 ވަނަ ޓަވަރުގެ ދެ އެޕާޓުމަންޓެއްގެ މަސައްކަތް މިހާރު އެއްކޮށް ނިންމައި އާންމުންނަށް ބަލައިލުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފައެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "ވަން" އަށް މިއަދު ވިދާޅުވީ މިހާރު ކުރަމުންދަނީ ފޯމުތައް އިވަލުއޭޓުކޮށް ނިންމުމުގެ މަސައްކަތް ކަމަށެވެ. އަދި މި މަސައްކަތްވެސް ވަރަށް އަވަހަށް ނިންމައި ފުލެޓު ލިބޭ މީހުންގެ ލިސްޓު އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ފެބުރުއަރީ ނޫނީ މާޗު މަހުގެ ތެރޭގައި ފުލެޓު ލިބޭ މީހުންގެ ލިސްޓު އާންމުކުރެވޭތޯ. އަރާދަކުރެއްވިއްޔާ އެ މުއްދަތުގަ ވާނެ." އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ދޫކުރަން ނިންމާފައިވާ 5000 ގޯއްޗާއި 4000 ފުލެޓަށް އެދި 35،000 އަށްވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައެވެ.
އެގޮތުން ގޯއްޗަށް އެދި 15،164 މީހުން ކުރިމަތިލާފައިވާ އިރު، ތިން ކޮޓަރީގެ އެޕާޓްމަންޓަށް 14،489 މީހުން ވަނީ ކުރިމަތިލާފައެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓަށް ކުރިމަތިލީ 6،208 މީހުންނެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިއްޔެ ނޫސްވެރިންނަށް އެޕާޓުމަންޓުތައް ދައްކާލުމަށްފަހު އެ ކޯޕަރޭޝަނުގެ ޑިރެކްޓާ ޖެނެރަލް ސަލްފިއްޔާ އަންވަރު ވިދާޅުވީ ތިން ކޮޓަރީގެ އެޕާޓުމެންޓެއްގެ ކުލި 13،000 ރުފިޔާއަށްވުރެ ބޮޑުނުވާނެ ކަމަށެވެ. އަދި ޑައުންޕޭމަންޓު ނުނަގަން ސަރުކާރުން އަދި ވިސްނުން ގެންގުޅޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު