ޚަބަރު

އުފުލޭވަރުގެ ބުރަޔަކަށް ނުވެގެން ސްރީ ލަންކާގެ އަސްކަރިއްޔާގެ ފިޔަކޮށައިލަނީ

2

ސްރީލަންކާ އެއޮތީ އިގްތިސާދީގޮތުން އިނދަޖެހިފައެވެ. ބަނގުރޫޓްވެފައެވެ. ހުރިހާދިމާލަކުންވެސް ސަރުކާރުގެ ޚަރަދުކުޑަކޮށް މި ހާލަތުން އަރައިގަތުމުގެ ވޭންދެނިވި ބުރަ މަސައްކަތް ވަނީ ކުރަންޖެހިފައެވެ. އެ މަސައްކަތް ހުސްވި 2022 ވަނަ އަހަރު ވަނީ ފަށައިފައެވެ. ރައީސް ރަނިލް ވިކްރަމަސިންހާ ވަނީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް އާމްދަނީ އިތުރުކުރުމަށް އަމާޒު ހިފާފައިވާ ޚާއްސަ ސިޔާސަތަކާއި ޕްރޮގްރާމެއް އިއުލާން ކުރައްވައިފައެވެ. އޭގެ ތެރޭގައި ސަރުކާރުން މުސާރަދޭ މީހުންގެ އަދަދު މަދުކުރުމާއި ޓެކްސް އިތުރުކުރުމާއި އެކްސްޕޯޓް އިތުރުކޮށް އިމްޕޯޓް މަދުކުރުމުގެ ގިނަގުނަ ފިޔަވަޅުތައް ހިމެނެއެވެ. ސަރުކާރުން ސަބްސިޑީއަށް ކުރާ ހޭދަ ބޮޑުތަނުން ކުޑަކުރުންވެސް މީގެތެރޭގައި ހިމެނިގެންވެއެވެ.

މިކަންކަމަކީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑާއި ވޯލްޑް ބޭންކުފަދަ ދުނިޔޭގެ ބޮޑެތި މާލީ އިދާރާތަކުން ނުހަނު ބޮޑަށް ބާރުއަޅަމުން އަންނަ ކަންކަމެވެ. ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ވިސްނުމުގެ ތެރެއިން އެންމެންގެ ނަޒަރު މިހާރު ސީދާވެފައިވަނީ ސްރީލަންކާގެ ބިޔަ އަސްކަރިއްޔާއަށެވެ. ގައުމުގެ ޖުމްލަ އާބާދީއަކީ 22 މިލިޔަން ކަމަށްވާއިރު އެއްގަމާއި ކަނޑާއި ވައިގެ ލަޝްކަރުތައް ހިމަނައިގެން އަސްކަރިއްޔާގައި މިހާރު ތިންލައްކަ ހަތާވީސް ހާސް ސިފައިން އެބަތިއްބެވެ. މިއީ ގައުމުގެ އިގްތިސާދީ ކެރިފޯރުންތެރިކަމާއި އަދި ޖުމްލަ އާބާދީގެ ސައިޒަށް ވިސްނާއިރު ސްރީލަންކާ ކަހަލަ ގައުމަކާ އެކަށޭނަ ވަރަށްވުރެ މާބޮޑު އަސްކަރިއްޔާއެކެވެ.

ސްރީލަންކާގައި 1983 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރަށް ހިނގައިދިޔަ 26 އަހަރުގެ ދިގު ދާޚިލީ ހަނގުރާމައިގެ ދުވަސްވަރަށްވުރެވެސް އެގައުމުގެ އަސްކަރިއްޔާ މިވަގުތު ބޮޑެވެ. ސާކުގެ ގައުމުތަކުގެ ތެރެއިން އާބާދީގެ ނިސްބަތުން އެންމެ ބޮޑު އަސްކަރިއްޔާއެއް އޮތީވެސް ސްރީލަންކާގައެވެ. މިއީ ދައުލަތަށް ނުހަނު ބޮޑު ބުރައަކަށްވެފައިވާ ކަމެކެވެ. މިވަރުގެ ބޮޑު އަސްކަރިއްޔާއެއް ހަގީގަތުގައިވެސް ބޭނުންވޭބާވައެވެ؟ ދާޚިލީ ހަނގުރާމައިގެ ހަނދާންތަކާއި ތަމަޅަ ޓައިގަރުންގެ ބިރަކީ މާޟީއެވެ. މިހާރު އެކަމެއް ނެތެވެ. އެކަން އަލުން އިއާދަވުމުގެ މާބޮޑު ފުރުސަތެއްވެސް ނެތްމެއެވެ. އެހެންވީމާ އެންމެންވެސް ގަބޫލުކުރާ ގޮތުގައި އަސްކަރިއްޔާ ކުޑަކުރަން އެބަޖެހެއެވެ. ދިފާއީ ކަންކަމަށް ކުރާހޭދަ ބޮޑުތަނުން ކުޑަކުރަން އެބަޖެހެއެވެ.

ރައީސް ރަނިލް ވިކްރަމަސިންހާ އާއި އޭނާގެ ސަރުކާރުންވެސް ގަބޫލުކުރަނީ އަސްކަރިއްޔާގެ ފިޔަކޮށާލައި ސައިޒުކުރުމަކީ މިވަގުތު ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެހެންވެ ސިފައިންގެ އަދަދު ބޮޑުތަނުން އުނިކޮށް ދިފާއީ ބަޖެޓް ކުޑަކުރުމަށް ޕްލޭނެއް އެކަށައަޅައި މިހާރުވަނީ އިއުލާން ކޮށްފައެވެ. މިކަން މިމަގުންކުރީމާ ދައުލަތުގެ ޚަރަދުގެ ވަރަށް ބޮޑުބައެއް އުނިވެގެންދާނެއެވެ. ދައުލަތަށް އުފުލަން ނުކުޅަދާނަވެފައިވާ ބުރައެއް ވަރަށް ބޮޑަށް ލުއިވެގެންދާނެއެވެ. ހަމަނޭވާ ލެވިދާނެއެވެ. ރައީސް ރަނިލް ވިކްރަމަސިންހާގެ ސަރުކާރުން ރާވާފައިވަނީ އަންނައަހަރާ ހަމައަށްދާއިރު ސިފައިންގެ އަދަދު އެއްލައްކަ ތިރީސްފަސްހާހަށް ތިރިކުރުމަށެވެ. އެއީ މިހާރުގެ އަސްކަރިއްޔާގެ ސައިޒަށް ނިސްބަތްކުރަންޏާ ތިންބައިކުޅަ އެއްބަައެވެ.

އެވަރަކުން އަދި ނިންމައިލުމެއް ނެތެވެ. ކުރިއަށްއޮތް ހަތް އަހަރުގެ ތެރޭގައި ސިފައިންގެ ޖުމްލަ އަދަދު އެއްލައްކައަށް ތިރިކުރުމަށްވެސް ވަނީ ނިންމައިފައެވެ. ދެހާސްތިރީސް ވަނަ އަހަރު ތިބޭނީ އެހިސާބުގައެވެ. މިއަދަދަކީ ސްރީލަންކާގެ އާބާދީ އާއި އިގްތިސާދުގެ ދުޅަހެޔޮކަމަށް ނިސްބަތްކުރާއިރު އެކަށޭނަ އަދަދެއްކަމަށް ވަރަށް ގިނަބަޔަކު ގަބޫލުކުރެއެވެ. ރައީސް މައިތިރިޕާލާ ސިރިސޭނާގެ ދައުރުން ފެށިގެން ރައީސް ގޮޓާބަޔާ ރާޖަޕަކްސާގެ ވެރިކަން ނިމުމާ ހަމައަށް ގައުމީ އުފެއްދުންތެރިކަމުގެ ހަތަރު އިންސައްތައަށްވުރެ މަތީ މިންވަރެެއް ދިފާއީ ކަންކަމަށް ދިޔައީ ހޭދަކުރަމުންނެވެ. ކޮނޑުގައި އެޅިފައި އޮންނަ މުސާރައިގެ ބުރައިގެ ދެބައިކުޅަ އެއްބަޔަކީ ސިފައިންގެ މުސާރައެވެ.

ހުސްވި 2022 ވަނަ އަހަރަކީ ސްރީލަންކާއަށް މިނިވަންކަން ލިބުނުފަހުން މިހާތަނަށް އިގްތިސާދީގޮތުން އެގައުމަށް އެންމެ ތަދު، އެންމެދަތި އަހަރެވެ. ތެލާއި ބޭސްފަދަ އަސާސީ ތަކެއްޗަށް ހޭދަކުރާނެ ފައިސާނެތިގެން އެތަކެތި އެތެރެކުރުންވެސް މަދުކުރަން މަޖުބޫރުވިއެވެ. މި ހާލަތުގައިވެސް ދައުލަތުގެ ޚަރަދުގެ ތެރެއިން ދިހަ އިންސައްތައަށްވުރެ މަތީ މިންވަރެއް ހޭދަވެގެންދިޔައީ ސިފައިންގެ ކަންކަމަށެވެ. ދިފާއީ ކަންކަމަށެވެ. ގައުމުގެ ވަޅުޖަހައިފައިވާ އިގްތިސާދު އަލުން ނަގައި ކޮޅަށް ތެދުކުރަންޏާ މިއީ މިގޮތަށް ދެމެހެއްޓޭނެ ކަމެއް ނޫނެވެ. އެހެންވީމާ އަސްކަރިއްޔާގެ ސައިޒު ކުޑަކުރުން ނޫން އެހެންގޮތެެއް، މަގެއް ނެތެވެ. ނުރުހުމުގައިވެސް މިއީ ކުރަން މަޖުބޫރު ކަމެކެވެ.

މީގައި ނުރައްކާތަކެއްވެސް އެބައެކުލެވެއެވެ. ވަކިކުރެވޭ ސިފައިން މަގުމަތިކޮށްލަންވީތޯ އާއި އެމީހުންނާއި އެމީހުންގެ އާއިލާތަކަށް ދެންވާނެގޮތަކާމެދު ސީރިއަސް ސުވާލުތަކެއްވެސް ވަނީ އުފެދިފައެވެ.

ސްރީލަންކާއަށްވުރެ ސައިޒުގެ ގޮތުންނާއި އާބާދީގެ ގޮތުންވެސް ބޮޑެތި ބައެއް ގައުމުތަކުގެ އަސްކަރިއްޔާ ސްރީލަންކާއަށްވުރެ މާކުޑައެވެ. މީގެ މިސާލަކީ ބަންގްލަދޭޝްއާއި ނޭޕާލެވެ. އެތަންތާގެ އަސްކަރިއްޔާގެ ސައިޒު ދެލައްކައަށްވެސް ނާރައެވެ. ބަލަހައްޓަންޖެހޭ ބޯޑަރާއި ކުރިމަތިލާންޖެހޭ ނުރައްކާތައް ބޮޑުވުމާވެސް އެކީގައެވެ. މެލޭޝިޔާއަކީ އާބާދީ ބޮޑުވެފައި ފުދުންތެރިކަންވެސް ބޮޑު ގައުމެކެވެ. އެތާގެ އަސްކަރިއްޔާގެ ސައިޒު އެއްލައްކައަށްވެސް ނާރައެވެ.

ސްރީލަންކާގެ ގިނަ އަވަށްޓެރިންނަކީ އާރާއިބާރުގެ ގޮތުން މާއުހުގައިވާ ގައުމުތަކެވެ. އެތަންތަނާ ވާދައެއް ނުކުރެވޭނެއެވެ. ކުރުމަކީ މަސްލަހަތު ނިޔާކުރާކަމެއްވެސް ނޫނެވެ. އެއިން ގައުމަކުންވެސް އަދި އެހެން ގައުމަކުންވެސް ކުރިމަތިލާންޖެހޭ ނުރައްކަލެއް ފެންނާކަށްނެތެވެ. މިކަންކަން މިހެންއޮތީމާ ސްރީލަންކާގައި ތިންލައްކަ މީހުންނަށްވުރެ ބޮޑު އަސްކަރިއްޔާއެއް އޮންނަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ.